Roadha Mihaaru
68 ޕަސެންޓް މަސަައްކަތް ނިންމައި މަޖިލިސް ޗުއްޓީއަށް

76 ޖަލްސާގެ ރެކޯޑާ އެކު 68 ޕަސެންޓް މަސައްކަތް ނިންމައި މަޖިލިސް ޗުއްޓީ އަށް

06 ސެޕްޓެމްބަރ 2020

މިހާރު އަމަލުކުރާ ގާނޫނު އަސާސީ އަށް އަމަލުކުރަންފެށި ފަހުން މަޖިލިސް ރިސެސްއަށް ނުގޮސް އެންމެ ގިނަ ޖަލްސާ ބޭއްވުމުގެ ރެކޯޑާ އެކު ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރު ނިންމާލައި މިއަދު ރިސެސް އަށް ހިނގައްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

މިހާރު އަމަލުކުރާ ގާނޫނު އަސާސީ އަށް އަމަލުކުރަންފެށި ފަހުން މަޖިލިސް ރިސެސްއަށް ނުގޮސް އެންމެ ގިނަ ޖަލްސާ ބޭއްވުމުގެ ރެކޯޑާ އެކު ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރު ނިންމާލައި މިއަދު ރިސެސް އަށް ހިނގައްޖެ އެވެ.

މަޖިލީހުގެ ފުރަަތަމަ ދައުރު ނިންމާފައި ޗުއްޓީއަށް ނުގޮސް، ޖަލްސާތައް ކުރިއަށް ގެންދިޔައީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރަން އެހެން ގައުމުތަކުންނާއި ރާއްޖޭން އެޅި ފިޔަވަޅުތަކުގެ ސަބަބުން ކުރިމަތިވި މައްސަލަތަަކާ ގުޅިގެން މަޖިލިސް ތެރެއިން ކުރަން ހުރި މަސައްކަތްތައް އަވަސްކުރުމަށެވެ. އެހެންވެ، މެދުކަނޑައިނުލައި ދެވަނަ ދައުރު ކުރިއަށް ގެންދިޔަ އިރު ދެވަނަ ދައުރު ނިންމުން ވެސް ދެފަހަރެއްގެ މަތިން ފަސްކުރި އެެވެ. އެގޮތުން މިއަދު ބޭއްވި މި ދައުރުގެ އެންމެ ފަހު ޖަލްސާ އަކީ ޗުއްޓީއެއް ނުނަގައި ބޭއްވި 76 ވަނަ ޖަލްސާ އެވެ.

މިއަދުގެ ޖަލްސާ ނިންމަވައިލައްވަމުން މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ މި އަހަރުގެ ދެދައުރު ނިންމައިލި އިރު ކުރިން ހުށަހަޅާފައިވާ މައްސަލަތަަކުގެ 68 ޕަސެންޓް ނިމިފައިވާ ކަމަށެވެ. އެ މަސައްކަތްތަކުގެ ތަފްސީލު ވެސް އޭނާ ދެއްވި އެވެ.

އީވާ ވިދާޅުވި ގޮތުގައި މަޖިލީހުން މި އަހަރުގެ ދެވަނަ ދައުރުގައި 21 ގާނޫނެއް ނިންމި އެވެ. އޭގެ އިތުރުން ނުވަ ގަރާރަކާއި ސަރުކާރުން ހުށަހެޅި 18 މައްސަލައަކާއި މަޖިލީހުގެ ރިޔާސަތުން ހުށަހެޅި 11 މައްސަލައެއް ވެސް ނިންމި ކަމަށާއި 16 ކުއްލި މައްސަލައެއް ނިންމި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މެމްބަރުން ހުށަހެޅި ތިން މައްސަލައަކާއި އެހެނިހެން 29 މައްސަލައެއް ވެސް މި އަހަރުގެ ދެ ދައުރުގެ ތެރޭގައި މަޖިލީހުން ނިންމި އެވެ. މި މުއްދަތުގައި މިނިސްޓަރުންނާ 30 ފަހަރެއްގެ މަތިން މަޖިލީހުގެ ތަޅުމުގައި ސުވާލުވެސް ކުރި އެވެ.

"އަޅުގަނޑުމެންނަށް ކުރިއްސުރެ ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން 68 މަސައްކަތް އިއްޒަތްތެރި މެމްބަރުން މިދައުރުގެ ތެރޭގަައި ނިންމަވައިދެއްވައިފި،" އީވާ ވިދާޅުވި އެވެ.

މުހިއްމު ބައެއް މަސައްކަތްތައް

- ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހުތަކެއް ގެނައުން

- ފެނާއި ނަރުދަމާގެ ބިލު ފާސްކުރުން

- ގާނޫނީ ފަންނުގެ ބިލް ފާސްކުރުން

- އެއްގަމު ދަތުރުފަތުރުގެ ބިލަށް އިސްލާހު ގެނައުން

- ވިޔަފާރީގެ ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ބިލު ފާސްކުރުން

- ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހުތައް ގެނައުން

- އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ގާނޫނު 2020 ފާސްކުރުން

މީގެ އިތުރުން މިނިވަން މުއައްސަސާތަކަށް މެމްބަރުން އައްޔަން ކުރުމާއި ކޯޓުތަކަށް ފަނޑިޔާރުން އައްޔަން ކުރަން ރުހުން ދިނުމުގެ ގިނަ މައްސަލަތަކެއް ވެސް މަޖިލީހުން މިދައުރުގައި ނިންމި އެވެ. މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށާއި ސިވިލް ސާވިސް ކޮމިޝަނަށް މެމްބަރުން އައްޔަން ކުރުމާއި ޗިލްޑްރަންސް އޮމްބޮސްޑް ޕާސަން އައްޔަން ކުރުމަކީ އެގޮތުން ނިންމި މުހިއްމު ބައެއް ކަންތައްތަކެވެ. ޓެކްސް އެޕީލް ޓްރައިބިއުނަލަށް ބޭފުޅުން އައްޔަންކުރީ ވެސް މަޖިލީހުގެ މިދައުރުގަ އެވެ.

އީވާ ވިދާޅުވީ މަޖިލީހުގައި އެވަރަށް މަސައްކަތް ކުރެވުނީ އެތަނުގެ އިދާރީ މުވައްޒަފުންގެ ވެސް ހީވާގިކަމުން ކަމަށެވެ. އެކަމަށްޓަކައި އެ މުވައްޒަފުންނަށް އޭނާ ޝުކުރު އަދާކުރެއްވި އެވެ.

"މިމަޖްލިސް އަކީ ކޮވިޑް-19 ގެ ހާލަތު ދުނިޔެއަށް ދިމާވީމާ، މަޖްލިސްތައް ބަންދުކުރަން ޖެހުނީމާ، އެކަކު އަނެކަކު އެއްވެ އުޅެވޭ ހާލަތު ނެތުނީމާ ދުނިޔޭގައި ފުރަތަމަ އޮންލައިންކޮށް ބޭއްވި ރައްޔިތުންގެ މަޖްލިސް،" އީވާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދުނިޔޭގެ ޕާލަމެންޓްތަކުގެ ޖަމިއްޔާ "އިންޓަޕާލަމެންޓްރީ ޔޫނިއަނުން އެކަން ފާހަގަކޮށް އެހެން ގައުމުތަކަށް ނަމޫނާއެއްގެ ގޮތުގައި ރާއްޖެ ދެއްކި ކަމަށެވެ. މަޖިލިސް 19 ތަފާތުވާނެ ކަމަށާއި ކުރީގެ ދައުރުތަކަށް ވުރެ އިފެއްދުންތެރިވާނެ ކަމަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީން އައީ ކެމްޕޭންް ދުވަސްވަރުން ފެށިގެން ބުނަމުންނެވެ.