Roadha Mihaaru
"ރައްޔިތުންގެ މީޑިއާ" އަބަދުވެސް ސަރުކާރު ކޮޅުގައި!

އަބަދުވެސް ސަރުކާރު ކޮޅުގައި އޮންނަ "ރައްޔިތުންގެ މީޑިއާ"!

30 އޯގަސްޓް 2016

ހިޔާލުފާޅުކުރުން ހުއްޓުވުގެ ގާނޫނު ތަސްދީގުކުރުމާ އެކު، ރާއްޖޭގެ ވެރިކަން ކުރެއްވި ދެ ރައީސެއްގެ "އަބުރު ކަތިލައި" ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމުން) ގެނެސްދިން ރިޕޯޓުން އެތަނުގެ ތެރޭގައި ސަރުކާރުގެ ނުފޫޒު އޮތް މިންވަރު އެނގުނެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅެއްގެ މާނަ އޮޅުވާލައިގެން ގެނެސްދިނީ، ގާނޫނުތަކާއި ގަވާއިދުތަކާއި ނޫސްވެރިކަމުގެ އަހުލާގީ މިންގަނޑާ ވެސް ހިލާފަށެވެ. ޕީއެސްއެމުން ހިންގާ ވެބްސައިޓުން އެ ރިޕޯޓު ފަހުން ނެގީ ކުރިމަތިވި ފާޑުކިޔުންތަކާ ހެދި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ހިޔާލުފާޅުކުރުން ހުއްޓުވުގެ ގާނޫނު ތަސްދީގުކުރުމާ އެކު، ރާއްޖޭގެ ވެރިކަން ކުރެއްވި ދެ ރައީސެއްގެ "އަބުރު ކަތިލައި" ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމުން) ގެނެސްދިން ރިޕޯޓުން އެތަނުގެ ތެރޭގައި ސަރުކާރުގެ ނުފޫޒު އޮތް މިންވަރު އެނގުނެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅެއްގެ މާނަ އޮޅުވާލައިގެން ގެނެސްދިނީ، ގާނޫނުތަކާއި ގަވާއިދުތަކާއި ނޫސްވެރިކަމުގެ އަހުލާގީ މިންގަނޑާ ވެސް ހިލާފަށެވެ. ޕީއެސްއެމުން ހިންގާ ވެބްސައިޓުން އެ ރިޕޯޓު ފަހުން ނެގީ ކުރިމަތިވި ފާޑުކިޔުންތަކާ ހެދި އެވެ.

ދައުލަތުން ބޮޑު ހަރަދުކޮށްގެން، ޕަބްލިކް ސާވިސް މީޑިއާ އިން ދިވެހި ރާއްޖޭގެ އަޑާއި ޓީވީއެމް ހިންގާ ގޮތުގެ މަންޒަރު އެ ރިޕޯޓުން ރައްޔިތުންނަށް ވަރަށް ރަނގަޅަށް ސިފަވި އެވެ. ދައުލަތުގެ މީޑިއާ އަކީ ޕްރޮޕެގަންޑާ މެޝިނެއް ކަމަށް ސިފަކޮށް އަމާޒުކުރި ފާޑުކިޔުންތައް އިތުރަށް ހޫނުވީ، މިދިޔަ ހުކުރު ދުވަހުގެ ރޭ ފުވައްމުލަކުގައި ބޭއްވި ރައީސް އަބްދުﷲ ޔާމީންގެ ކެމްޕޭން ޖަލްސާ ލައިވްކުރުމުންނެވެ.

ގާނޫނު ބުނާ ގޮތުން އިދިކޮޅު ފަރާތްތަކަށް ފުރުސަތު ނުދީ ވަކި ފިކުރެއް ޕްރޮމޯޓްކުރުމަކީ ޕީއެސްއެމަށް ކުރެވޭނެ ކަމެއް ނޫނެވެ.

އެކަމަކު ރައްޔިތުންނާ ހަމައަށް ޕީއެސްއެމުން ގެނެސްދެނީ ސަރުކާރުން ކުރާ "ރަނގަޅު" ކަންކަމުގެ ވާހަކަ އެކަންޏެވެ. ކެބިނެޓްގެ މިނިސްޓަރުންނާއި ޕީޕީއެމްގެ މަޖިލިސް މެމްބަރުން ލައްވައި ޕްރޮމޯޓްކުރާ ކަމެއް ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފު ވިއަސް ދައުލަތުގެ މީޑިއާ މެދުވެރިކޮށް އެކަން ބުނެދެވޭނެ ގޮތެއް ނޯވެ އެވެ. އެ ފުރުސަތު އިދިކޮޅު ޕާޓީތަކުގެ މެމްބަރުންނަކަށް ވެސް ނުދެ އެވެ.

ފުވައްމުލަކުގައި ބޭއްވި ޕީޕީއެމް ޖަލްސާގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވާހަކަ ދައްކަވަނީ: މި ޖަލްސާ ޓީވީއެމުން ލައިވްކުރި މައްސަލަ ބަލައިދޭން އެމްޑީޕީން ވަނީ އޭސީސީ އަށް ހުށަހަޅާފައި.

ފުވައްމުލަކުގައި ބޭއްވި ޕީޕީއެމް ޖަލްސާގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވާހަކަ ދައްކަވަނީ: މި ޖަލްސާ ޓީވީއެމުން ލައިވްކުރި މައްސަލަ ބަލައިދޭން އެމްޑީޕީން ވަނީ އޭސީސީ އަށް ހުށަހަޅާފައި.

އަބުރު ރައްކާތެރިކުރުން ކަމަށް ބުނެ ހިޔާލުފާޅުކުރުން ހުއްޓުވަން ފާސްކުރި ގާނޫނަކީ ރާއްޖޭގެ ގިނަ މީޑިއާތަކާއި އިދިކޮޅު ފަރާތްތަކުގެ ކަންބޮޑުވުން އިންތިހާ އަށް އޮތް މައްސަލައެކެވެ. އެކަމަކު އެ ގާނޫނުގެ "މޮޅު" ވާހަކަ ސަރުކާރުގެ މެމްބަރުން ކޮންމެ ރެއަކު ކަހަލަ ގޮތަކަށް ޓީވީއެމް އާއި ދިވެހިރާއްޖޭގެ އަޑުން ދައްކަވާއިރު އަނެއް ކޮޅު ގެނެސްދޭކަށް ނުކެރެ އެވެ. އެ ފުރުސަތު ވެސް ޕީއެސްއެމަކުން ނުދެ އެވެ.

ފަރޭގަނޑު އަށެއްގެ ހަބަރަށް ފަހު ގެންނަ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ސަރުކާރު ޕްރޮމޯޓް ކުރައްވާނެ ބޭފުޅުންނާއި ވާހަކަ ދައްކަވާނެ މައުޟޫ ވެސް ގިނަ ފަހަރަށް ކަނޑައަޅަނީ ރައީސް އޮފީހުންނެވެ. މިއީ އެމްޑީޕީގެ ވެރިކަމުގައި ވެސް ކަން ހިންގި ގޮތެވެ. މިހާރުގެ ސަރުކާރުގެ އިސް ވެރިން އޭރު އެ ހުރިހާ ކަމަކަށް ފާޑުކިޔައި، ދައުލަތުގެ މީޑިއާ އަކީ ސަރުކާރުގެ ޕްރޮޕެގެންޑާ މެޝިނެކޭ ވިދާޅުވި އެވެ.

ފާޑުކިޔާ މީހުންގެ ވާހަކަ ރަނގަޅެވެ. ދައުލަތުގެ މީޑިއާ ބޭނުންކުރަނީ ސަރުކާރުން ބޭނުންވާ ޕްރޮޕަގެންޑާއެއް ފަތުރާށެވެ. ސަރުކާރުން ބުނާ ކަމެއް ބުނާ ގޮތަށް ކުރަނީ އެވެ. އެކަމަކު މައްސަލަ އަކީ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން އެކަން ކުރާތީ އެވެ. ޕަބްލިކް ސާވިސް މީޑިއާގެ ގާނޫނާ ވެސް މުޅިން ހިލާފަށެވެ.

ރާއްޖޭގެ މީޑިއާގައި މަސައްކަތް ކުރައްވާ ސީނިއަ ބޭފުޅަކު ވިދާޅުވީ ޕީއެސްއެމުން ގެނެސްދޭ ކޮންޓެންޓްތަކަށް ބަލާއިރު، އެތަނަށް ވަރަށް ބޮޑަށް ނުފޫޒު ވަދެ، ރައްޔިތުންނަށް ތެދު މައުލޫމާތު ލިބުމުގެ ހުރިހާ ދޮރުތަކެއް ބަންދުވެފައިވާ ކަމަށެވެ. މިސާލަކަށް އޭނާ ވެސް ނެންގެވީ ދެ ރައީސެއްގެ އަބުރަށް ހުތުރުވާ ގޮތަށް ރިޕޯޓެއް ގެނެސްދިން މައްސަލަ އެވެ.

"ކޮމާޝަލް ޓީވީތަކާއި ޕޮލިޓިކަލް އެޖެންޑާތައް ގެނެސްދޭ ޗެނަލްތަކާ ތަފާތުކޮށް ޕީއެސްއެމުން ގެނެސްދޭން ޖެހޭނެ ކަމަށް ގާނޫނަކުން އެބަ އޮވޭ ކަނޑައަޅާފައި. ބޭނުމަކީ އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް މައުލޫމާތު ފެތުރުން. ދައުލަތުން އެ ވަރުގެ ބޮޑު ހަރަދެއް ކޮށްގެން އެގޮތަށް ދައުލަތުގެ މީޑިއާ ނުހިންގާ ކަމަށް ވަންޏާ އެއީ، ސީރިއަސް އިޝޫއެއް،" އޭނާ ވިދާޅުވި އެވެ.

ޓީވީއެމް ހިންގާ އިމާރާތް: އިދިކޮޅު ފަރާތްތަކަށް ހަމަހަމަ ފުރުސަތެއް ނުލިބޭ --ފޮޓޯ: ނިޝާން އަލީ

ޓީވީއެމް ހިންގާ އިމާރާތް: އިދިކޮޅު ފަރާތްތަކަށް ހަމަހަމަ ފުރުސަތެއް ނުލިބޭ --ފޮޓޯ: ނިޝާން އަލީ

ވެރިކަން ކުރާ ބަޔަކު ބޭނުންވާ މަގްސަދު ހާސިލްކުރަން ދައުލަތުގެ މީޑިއާ ބޭނުންކުރަނީ މި ސަރުކާރުން އެކަންޏެއް ނޫނެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރާއި ކުރީގެ ރައީސް މުހައްމަދު ވަހީދު ސަރުކާރުގައި ވެސް ދައުލަތުގެ މީޑިއާގެ މިނިވަންކަމެއް ނެތެވެ. ބޭނުންކުރީ ޕްރޮޕަގެންޑާ ފަތުރާށެވެ.

ދައުލަތުގެ މީޑިއާ މިނިވަން ނޫން ކަމަށް ބުނެ އިދިކޮޅު މީހުން އަމާޒުކުރާ ފާޑުކިޔުންތަކަށް ޕީޕީއެމްގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ދޭ ރައްދަކީ ވެސް އެއީ އެވެ.

ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުރީގެ ރައީސް ނަޝީދު ސަރުކާރުގައި ޓީވީއެމް ބޭނުންކުރީ އެ ޕާޓީގެ ހަރުގެ ލައިވްކުރަން ކަމަށެވެ.

ޕީޖީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ރިޔާޒު ރަޝީދު ވިދާޅުވި ގޮތުގައި ދައުލަތުގެ މީޑިއާ ހިސޯރުކޮށްގެން އުޅުނީ ނަޝީދުގެ ވެރިކަމުގަ އެވެ.

ދައުލަތުގެ މީޑިއާ އަށް އަމާޒުކުރާ ފާޑުކިޔުންތަކާ ގުޅޭ ގޮތުން ނިހާން ކުރެއްވި ޓުވީޓެއް.

ނިހާންގެ މި ވާހަކަތަކަށް ރައްދު ދޭ މީހުން އުފައްދާ ސުވާލަކީ، މި ސަރުކާރުން ކަންކަން ކުރަން ޖެހޭނީ ކުރީ ސަރުކާތަކުން ކުރި ގޯސް ކަންކަން ނަމޫނާއަކަށް ބަލައިގެން ހެއްޔެވެ؟ އެގޮތަށް އަމަލުކުރާ ނަމަ އެމްބީސީ އުވާލައި ދައުލަތުގެ މީޑިއާ ހިންގަން އާ ކުންފުންޏެއް އުފެއްދުމުގެ ބޭނުމެއް އެބަ އޮތް ހެއްޔެވެ؟

މިދިޔަ އަހަރުގެ މެދު ތެރޭގައި އަމަލުކުރަން ފެށި ގާނޫނުގައި، ޕީއެސްއެމް އުފެއްދުމުގެ މަގްސަދުގެ ގޮތުގައި ލިއެފައި ވަނީ، ގާނޫނުގައި ކަނޑައަޅާފައިވާ އާއްމު އުސޫލްތަކާއި ސިޔާސަތުތަކުގެ އިމުގެ ތެރޭގައި ނުފޫޒުން އެއްކިބާވެފައިވާ އަދި އެޑިޓޯރިއަލްގެ މިނިވަންކަން ލިބިފައިވާ ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށް ހިދުމަތް ފޯރުކޮށްދޭ ގައުމީ މީޑިއާއެއް އޮތުމެވެ.

ޕީއެސްއެމްގެ ސިޔާސަތުތަކުގެ ތެރޭގައި ރައްޔިތުންގެ މެދުގައި އެއްވެސް ތަފާތުކުރުމެއް ނެތި ޕީއެސްއެމްގެ ހިދުމަތް ދޭން މަސައްކަތް ކުރުމާއި ވަކިވަކި ފަރުދުންނާއި އެކި ޖަމާއަތްތަކަށް ފުރުސަތު ދިނުމުގައި ވެސް ހަމަހަމަކަން ގާއިމްކުރަން މަސައްކަތް ކުރަން ޖެހޭނެ ކަމަށް ގާނޫނުގައިވެ އެވެ. އަދި ރައްޔިތުންގެ މެދުގައި ނަފްރަތާއި ފިތުނަފަސާދަ އުފެދޭ ކަންތަކަށް ޖާގަ ނުދިނުމަށް ވެސް ގާނޫނުގައި ކަނޑައަޅާފައިވެ އެވެ.

އިދިކޮޅު ސިޔާސީ ފަރާތްތަކަށް ދައުލަތުގެ މީޑިއާ އިން ހަމަހަމަ ފުރުސަތު ނުދީ ހަމައެކަނި ވެރިކަން ކުރާ ޕާޓީ ޕްރޮމޯޓްކުރުމަކީ ދައުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމެވެ. މިއީ ކަމާ ބެހޭ އިދާރާތަކުން މައްސަލަ ބަލައި ފިޔަވަޅު ވެސް އަޅަން ޖެހޭ ކަމެކެވެ.

"އިދިކޮޅު އެމްޑީޕީގެ ޕްރެސް ކޮންފަރެންސްތަކާއި ރަސްމީ ސިފައިގައި ހުއްދަ ހޯދައިގެން ބާއްވާ އިވެންޓްތައް ގެނެސްދޭ. އެހެން ބައްދަލުވުންތައް ވެސް އޮންނަ ކަން އެނގިއްޖިއްޔާ ކަވަރުކުރޭ. ސިޔާސީ ވަކި ފިކުރެއް ކުރިއަރުވައި ވަކި ފިކުރެއް ނިކަމެތިކުރުމުގެ ވިސްނުމެއް ޕީއެސްއެމަކުން ނުގެންގުޅޭ: ރަމީޒު

އެންޓި ކޮރަޕްޝަން ކޮމިޝަންގެ ނައިބު ރައީސް މުއައްވިޒް ރަޝީދު ވިދާޅުވީ ދައުލަތުގެ މީޑިއާ އިން ޕްރޮގްރާމްތަކާއި ހަރަކާތްތައް ފޮނުވާނެ އުސޫލެއް އާއްމުކޮށްފައި އޮންނަން ޖެހޭ ކަމަށެވެ. އެ އުސޫލްގައި ވެސް ވަގުތު ގަނެވޭ ގޮތަށް ނަމަވެސް ޕާޓީތަކަށް ހަމަހަމަ ފުރުސަތު ދޭން ޖެހޭނެ ކަމަށާއި އެ ނޫން ގޮތަކަށް އެކަން ކުރާ ނަމަ، އެއީ ދައުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުން ކަމަށް ތުހުމަތުކުރެވޭނެ ޖާގަ އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އުސޫލެއް ކަނޑައަޅައި އުސޫލާ އެއްގޮތަށް ހަމަހަމަ ފުރުސަތު ދޭ ކަމަށް ވާ ނަމަ މައްސަލައެއް ނޫން. އެކަމަކު ވަކި ބަޔަކު ނުވަތަ ޕާޓީއަކުން އެދިގެން ވެސް ހަމަހަމަ ފުރުސަތު ނުދޭ ކަމަށް ވާ ނަމަ އެއީ މައްސަލައެއް،" މުއައްވިޒް ވިދާޅުވި އެވެ.

ދައުލަތުގެ މީޑިއާ އިން ހަމަހަމަ ފުރުސަތު ނުދޭ މައްސަލަ ބަލައިދޭން އެދި އެމްޑީޕީން މިހާރު ވަނީ އޭސީސީ އަށް މައްސަލައެއް ވެސް ވައްދައިފަ އެވެ. އެ މައްސަލަ ތަހުގީގުކުރުމާ މެދު ކޮމިޝަނުން އަދި ގޮތެއް ނުނިންމަ އެވެ.

ދައުލަތުގެ މީޑިއާ ހިންގާ ގޮތާ މެދު ކުރާ ތުހުމަތުތައް ދޮގުކުރައްވައި ޕީއެސްއެމްގެ ތަރުޖަމާން އިބްރާހިމް ރަމީޒް ވިދާޅުވީ ޕީއެސްއެމް ހިންގަނީ ގާނޫނާއި ކަނޑައަޅާފައި އޮންނަ އުސޫލްތަކާ އެއްގޮތަށް ކަމަށެވެ. ސަރުކާރުން ރައްޔިތުންގެ ތަރައްގީ އާއި އިޖުތިމާއީ ދުޅަހެޔޮކަމަށް ކުރާ ކަންކަމުގެ ވާހަކަ ގެނެސްދިނުމަކީ ޕްރޮޕަގެންޑާ ފެތުރުން ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުގެ ހަރަކާތްތައް ކަވަރު ނުކުރުމާއި އިދިކޮޅު ފަރާތްތަކަށް ހަމަހަމަ ފުރުސަތު ނުދޭ ކަމަށް ކުރާ ތުހުމަތުތަކުގައި ހަގީގަތެއް ނެތް ކަމަށް ރަމީޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އިދިކޮޅު ޕާޓީތަކަކީ ވެސް ގާނޫނީ މުއައްސަސާތައް ކަމަށް ވާއިރު، ހުއްދަ ހޯދައި ރަސްމީ އޮނިގަނޑުގެ ތެރެއިން އާއްމު މިންގަނޑުތަކަށް ފެތޭ ގޮތަށް ކުރިއަށް ގެންދާ ހަރަކާތްތައް ކަވަރުކުރެ އެވެ.

"އިދިކޮޅު އެމްޑީޕީގެ ޕްރެސް ކޮންފަރެންސްތަކާއި ރަސްމީ ސިފައިގައި ހުއްދަ ހޯދައިގެން ބާއްވާ އިވެންޓްތައް ގެނެސްދޭ. އެހެން ބައްދަލުވުންތައް ވެސް އޮންނަ ކަން އެނގިއްޖިއްޔާ ކަވަރުކުރޭ. ސިޔާސީ ވަކި ފިކުރެއް ކުރިއަރުވައި ވަކި ފިކުރެއް ނިކަމެތިކުރުމުގެ ވިސްނުމެއް ޕީއެސްއެމަކުން ނުގެންގުޅޭ،" ރަމީޒް ވިދާޅުވި އެވެ.

ޓީވީއެމްގެ "ރާއްޖެ މިއަދަ"ށް އަރާވަޑައިގަންނަވާނެ ބޭފުޅުން ރައީސް އޮފީހުން ކަނޑައެޅުމުގެ ފުރުސަތު ދީފައި އޮންނަނީ ކީއްވެތޯ ދެންނެވުމުން އޭނާ ވިދާޅުވީ އެއީ އެކަން ހިނގާ ގޮތް ނޫން ކަމަށެވެ. އެ ރެއެއްގައި ވާހަކަ ދައްކަވާނެ ބޭފުޅުންނާއި މައުޟޫތައް ކަނޑައަޅަނީ ވެސް ޓީވީއެމުން ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ ނުފޫޒުން ނެއްޓޭނެ ގޮތެއް ނެތި، ސަރުކާރުގެ "ދުލަށް" ޕީއެސްއެމް ވެފައިވާ ވާހަކަ ރަމީޒް ދޮގުކުރެއްވި ނަމަވެސް ޓީވީއެމުން ދައްކާ މަންޒަރުތަކާއި އަޑުތަކުން އާންމުންނަށް ހަގީގަތް ސާފުވާނެ އެވެ.

ދައުލަތުގެ މީޑިއާ އަށް ފާޑުކިޔުން އަމާޒުކުރުމުން، ރާއްޖޭގެ އެހެން މީޑިއާތައް ހިންގަނީ ކިހިނެއްތޯ ސުވާލު އުފެއްދުމުގެ ޖާގައެއް ޕީއެސްއެމްގެ މުވައްޒަފުންނަކަށް ނޯންނާނެ އެވެ. އަމިއްލަ މީޑީއާތައް ހިންގަނީ ދިވެހި ރައްޔިތުންގެ ފައިސާ އިން، ވަކި ބަޖެޓެއް ދީގެންނެއް ނޫނެވެ. ޕީއެސްއެމްގެ ކޮންމެ ސިޔާސަތަކާ މެދު ވިސްނަން ޖެހެނީ ރައްޔިތުންގެ ފައިސާ ބޭނުންކޮށްގެން ހިންގާތީ އެވެ.