Roadha Mihaaru
ރިޔާސީ އިންތިހާބަށް 170 މީހަކަށް ވަޒީފާދިން: ފެނަކަ

ރިޔާސީ އިންތިހާބާ ދިމާކޮށް 170 މީހަކަށް ވަޒީފާ ދިން: ފެނަކަ

19 މާޗް 2019

މިދިޔަ ރިޔާސީ އިންތިހާބާ ދިމާކޮށް ތިން މަސް ދުވަހުގެ ތެރޭގައި ފެނަކަ ކޯޕަރޭޝަނުން 170 މީހަކަށް ވަޒީފާ ދިން ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މިދިޔަ ރިޔާސީ އިންތިހާބާ ދިމާކޮށް ތިން މަސް ދުވަހުގެ ތެރޭގައި ފެނަކަ ކޯޕަރޭޝަނުން 170 މީހަކަށް ވަޒީފާ ދިން ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ވިދާޅުވީ އެ ކުންފުންޏާ ހަވާލުވި ފަހުން މިހާތަނަށް 53 މުވައްޒަފުން ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށެވެ.

އަހުމަދު ވިދާޅުވި ގޮތުގައި އޭގެ ތެރެއިން 11 މުވައްޒަފުންނަކީ ކުންފުނީގެ މުދަލާއި ފައިސާ އަށް ހިޔާނަތްތެރިވި ކަމުގެ ތުހުމަތުކުރެވޭ މުވައްޒަފުންނެވެ. އަދި ބާކީ ތިބި މުވައްޒަފުން ކަނޑާލީ ވަޒީފާ އަށް ހާޒިރު ނުވާތީ، ކުންފުނިން ދެމުން އަންނަ ހިދުމަތްތައް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމުގައި ތަފާތު އެކި މަރުހަލާގައި ތަކުލީފުތައް ޖައްސާތީ އިސްލާހީ ފިޔަވަޅުތައް އެޅުމަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ފެނަކައިގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: ނިހާން

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ފެނަކައިގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: ނިހާން

މީގެއިތުރުން ކުންފުންޏާ ހަވާލުވެ 14 ރީޖަނަލް އޮފީހެއް އުވާލި އިރު، އެ އޮފީސްތަކުގައި ތިބި 84 މުވައްޒަފުންގެ ތެރެއިން 14 މީހަކު ކަނޑާލާފައިވާ ކަމަށް އަހުމަދު ވިދާޅުވި އެވެ. އަދި ބާކީ ތިބި 70 މުވައްޒަފުން ވަޒީފާގައި އެބަތިބި ކަމަށް ވިދާޅުވި އެވެ.

"14 މުވައްޒަފުން ވަކި ކުރީ އެމީހުންނަށް ދޭން ޖެހޭ ހުރިހާ އިނާޔަތްތަކާއި ލިބެން ޖެހޭ ހުރިހާ ހައްގެއް ދީފައި،" ކުންފުނީގެ ނިންމުން ދިފާއުކުރައްވައި އަހުމަދު ވިދާޅުވި އެވެ.

ފެނަކައިގެ ރީޖަނަލް އޮފީސްތައް އުވައިލުމުން އަހަރެއްގެ މައްޗަށް 14 މިލިއަން ރުފިޔާ ސަލާމަތްވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ވެރިކަމަށް އައި ފަހުން ފެނަކަ އަށް ވެއްދީ ސާޅީހަކަށް މުވައްޒަފުން ކަމަށް އެ ކުންފުނިން ބުންޏެވެ.

އަހުމަދު ވިދާޅުވި ގޮތުގައި ކުންފުންޏާ ހަވާލުވެވަޑައިގެންނެވި އިރު، 40 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން އޮތެވެ. އެކަމަކު، މިހާރު 60 ޕަސަންޓު ފައިސާ ދައްކާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ހާއްސަކޮށް، އޭނާ ވިދާޅުވި ގޮތުގައި އެފްއެސްއެމް އަށް 190 މިލިއަން ރުފިޔާ ވަނީ ދައްކައިފަ އެވެ.

ފެނަކަ އިން ބުނި ގޮތުގައި "ކުރާ އިޝާރާތަކުން" ނުވަތަ ބުނާ ބަހަކުން މީހަކު ވަޒީފާއަކުން ކަނޑައެއް ނުލާނެ އެވެ. އަދި ސިޔާސީ ބޭނުމެއްގައި ވަޒީފާ އިން ވަކި ނުކުރާ ކަމަށް ފެނަކަ އިން ބުންޏެވެ.

ފެނަކަ އިން ވަޒީފާ އިން ވަކި ކުރި ބައެއް މީހުންގެ ތަފްސީލް ދީ އެ ކުންފުނިން ބުނީ ތިޖޫރީން ފައިސާތަކެއް ގެއްލުނު މައްސަލަ އާއި ކަރަންޓު ބިލްތައް ބަދަލު ކުރުމުގެ މައްސަލަތަކާއި ގިނަ އަދަދެއްގެ ތެޔޮ މަދުވި މައްސަލައިގައި ވެސް ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށެވެ. އަދި ބައެއް މީހުންގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގުމަށް ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވާ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފަ އެވެ.