Roadha Mihaaru
ފެނަކަ ސައީދުގެ މައްސަލަ ބަލާނަން، ނުފިލޭނެ: ޝުޖާއު

ފިލައިގެން ނުދެވޭނެ، ފެނަކަ ސައީދުގެ މައްސަލަ ބަލާނަން: ޝުޖާއު

26 ޖޫން 2024

ފެނަކަ ކޯޕަރޭޝަންގެ ކުރީގެ އެމްޑީ އަހުމަދު ސައީދު މުހައްމަދު އެ ކުންފުންޏަށް ވަރަށް ބޮޑަށް ހިޔާނަތްތެރިވި ކަމަށް ތުހުމަތުކޮށް އޭނާގެ މައްސަލަ ބަލާނެ ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު މިއަދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ފެނަކަ ކޯޕަރޭޝަންގެ ކުރީގެ އެމްޑީ އަހުމަދު ސައީދު މުހައްމަދު އެ ކުންފުންޏަށް ވަރަށް ބޮޑަށް ހިޔާނަތްތެރިވި ކަމަށް ތުހުމަތުކޮށް އޭނާގެ މައްސަލަ ބަލާނެ ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު މިއަދު ވިދާޅުވެއްޖެ އެވެ.

ފެނަކަ ކޯޕަރޭޝަންގެ މައްސަލަތަކާ ބެހޭ ގޮތުން މަޖިލީހަށް މިއަދު ހުށަހަޅި ކުއްލި މައްސަލަ އަށް ބަހުސް ކުރައްވަމުން ޝުޖާއު ވިދާޅުވީ އެމްޑީޕީ ވެރިކަމުގައި 2022 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރު ވެރިކަން ބަދަލުވުމާ ހަމައަށް ފެނަކަ އިން 7،000 މީހުންނަށް ވަޒީފާ ދީފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ވުޖޫދަށް ނާންނަ އިންޖީނުގެތަކަށް ބޭނުންވާ މުވައްޒަފުންނަށް ވެސް އެ އިންޖީނުގެތަކުގެ ނަމުގައި މަގާމުތައް ދީ ވަޒީފާ ދީފައިވާ ކަމަށް ޝުޖާއު ވިދާޅުވި އެވެ.

މި ފެއްޓީ ބަލަން ރައްޔިތުންގެ ފައިސާއަށް ހިޔާނަތްތެރިވެފައި ތިބި ހުރިހާ ކުންފުނިތަކެއް މީހުން ހާޒިރު ކުރާނަން. އެއްވެސް މީހަކު ހީކޮށްގެން ނުވާނެ މި ދައުލަށް ހިޔާނަތްތެރިވެގެން ފިލައިގެން ދެވޭނެ ކަމަށް. އެކަކަށް ވެސް ފިލައިގެން ނުދެވޭނެ. -- ޝުޖާއު

އެމްޑީޕީގެ ވެރިކަން ނިމުނުއިރު ފެނަކަ ގާތްގަނޑަކަށް ހަތަރު ބިލިއަން ރުފިޔާ އިން ދަރާފައިވާ އިރު، ބެންކް އޮފް މޯލްޑިވްސްގެ އޭޓީއެމްތައް ފެނަކައިގެ ސީއެސްއާރް މަޝްރޫއެއް ގޮތުގައި ހަދާފައިވާ ކަމަށް ޝުޖާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތާ ދިމާކޮށް ރާއްޖޭގެ ހުރިހާ ރަށަކަށް ފެނަކަ އިން ވަނީ ޓީވީ ވެސް ބަހައިފަ އެވެ.

ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު،.-- ފޮޓޯ: ރައީސް އޮފީސް

ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު،.-- ފޮޓޯ: ރައީސް އޮފީސް

"މި ހުރިހާ ކަމެއް ކޮށްފަ ފޮތް ބަލައިލި އިރު މި އޮތީ ހަތަރު ބިލިއަން ރުފިޔާ އިން ކުންފުނި ދަރާފަ. މިއީ ރައްޔިތުންގެ ޓެކްސް ފައިސާ،" ޝުޖާއު ވިދާޅުވި އެވެ.

ކުންފުނި އެހާ ބޮޑަށް ދަރާފައި ވަނިކޮށް، ފެނަކައިގެ އެމްޑީ އަށް ބައިނަލްއަގުވާމީ އެވޯޑެއް ހޯދި ކަމަށާއި އެއީ ވެސް ގަނެފައިވާ އެވޯޑެއް ކަމަށް ޝުޖާއު ތުހުމަތު ކުރެއްވި އެވެ.

އޭނާ ވިދާޅުވީ ބާރަށު ދާއިރާގެ އިންޖީނުގެތަކުގެ ހާލަތު މިހާ ބޮޑަށް ގޯސްވެ ރައްޔިތުން ހާލުގައި އުޅެން ޖެހެނީ ވެސް އެ ގޮތަށް ކުންފުނި ހިންގުމުގެ ސަބަބުން ކަމަށާއި އެ މައްސަލަތައް ބަލައި ފިޔަވަޅު އަޅާނެ ކަމަށެވެ.

"މި ފެއްޓީ ބަލަން ރައްޔިތުންގެ ފައިސާއަށް ހިޔާނަތްތެރިވެފައި ތިބި ހުރިހާ ކުންފުނިތަކެއް މީހުން ހާޒިރު ކުރާނަން. އެއްވެސް މީހަކު ހީކޮށްގެން ނުވާނެ މި ދައުލަށް ހިޔާނަތްތެރިވެގެން ފިލައިގެން ދެވޭނެ ކަމަށް. އެކަކަށް ވެސް ފިލައިގެން ނުދެވޭނެ،" ޝުޖާއު ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވި ގޮތުގައި މި ސަރުކާރުން ވެރިކަމާ ހަވާލުވެ 2023 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ވަޒީފާ ދީފައި ވަނީ 1620 މުވައްޒަފުންނަށް ކަމަށެވެ. އަދި އެގްރީމަންޓުތައް ހަމަވެގެން 1780 ވަގުތީ މުވައްޒަފުން ދޫކޮށްލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެން ނަމަވެސް ކުރީ ސަރުކާރުން ކުންފުންޏާ މެދު އެހާ ބޮޑަށް ހިޔާނާތްތެރިވެ ގެއްލުން ދީފައިވާތީ މިހާރު ހުރިހާ ޒިންމާއެއް އުފުލަން ޖެހެނީ މި ސަރުކާރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.