Roadha Mihaaru
އަނިޔާ އާއި ފުރައްސާރައިގެ ވާހަކަތައް އަހަން ފެށީ ބާ؟

އަނިޔާ އާއި ފުރައްސާރަ: އަޅާނުލުމުގެ ސަގާފަތް ބަދަލުވަނީ ބާ؟

20 މާޗް 2019

ވަޒީރެއްގެ މައްޗަށް ތަހުގީގެއް ފެށިއްޖެ އެވެ. އިންޓަނެޓުގައި ނުފޫޒުގަދަ ޒުވާން ޝަހުސިއްޔަތެއްގެ ވިދުން ފަނޑުވެއްޖެ އެވެ. ރައްޔިތުންގެ މަޖިލީހަށް ވާދަކުރާ ކެންޑިޑޭޓަކަށް އަމިއްލަ ޕާޓީގެ ތާއީދު ގެއްލިއްޖެ އެވެ. އަންހެނުންނަށް އަނިޔާ އާއި ފުރައްސާރަކުރުމުގެ ތުހުމަތުކުރެވޭ މީހުން ބަލައިގަތުން ނިމުމަކަށް އަންނަނީ ހެއްޔެވެ؟

އާސިޔަތު މުހައްމަދު ސައީދު އާސިޔަތު މުހައްމަދު ސައީދު

ވަޒީރެއްގެ މައްޗަށް ތަހުގީގެއް ފެށިއްޖެ އެވެ. އިންޓަނެޓުގައި ނުފޫޒުގަދަ ޒުވާން ޝަހުސިއްޔަތެއްގެ ވިދުން ފަނޑުވެއްޖެ އެވެ. ރައްޔިތުންގެ މަޖިލީހަށް ވާދަކުރާ ކެންޑިޑޭޓަކަށް އަމިއްލަ ޕާޓީގެ ތާއީދު ގެއްލިއްޖެ އެވެ. އަންހެނުންނަށް އަނިޔާ އާއި ފުރައްސާރަކުރުމުގެ ތުހުމަތުކުރެވޭ މީހުން ބަލައިގަތުން ނިމުމަކަށް އަންނަނީ ހެއްޔެވެ؟

"ކޮންމެ ފަހަރަކު ޕަބްލިކް އައުޓްކްރައިއެއް އައިމާ އެކަމަކާ މެދު ފިޔަވަޅު އެޅުމުގެ ބަދަލުގައި ވަކި އިންތިޒާމެއްގެ ތެރެއިން އެފަދަ ކަންކަން ރިޕޯޓްކުރެވޭނެ ގޮތް ހަމަޖެހި އަދި މީހުންގެ އިތުބާރު ލިބޭ ވަރަށް ނިޒާމުގެ ތެރެއިން ކަންކަން ވާން އެބަ ޖެހޭ. އެ ހިސާބަށް ދާ ތަނެއް އަދި އެހާ ބޮޑަކަށް ނުފެނޭ."

ހޮލީވުޑުން ފަށައިގެން ތަފާތު ދާއިރާތަކުގައި އަންހެނުންނަށް ފިރިހެނުންގެ ފަރާތުން ކުރިމަތިވާ އަނިޔާ އާއި ފުރައްސާރައިގެ އެތައް ކަމެއް ދުނިޔޭގެ އެކި ހިސާބުތަކުގައި މިދިޔަ އަހަރު ފަޅާއަރުވާލި "#މީޓޫ" ހަރަކާތުން ނުކުތް ވަރުގަދަ ނަތީޖާތަކުގައި ނުފޫޒުގަދަ އެތައް ބަޔަކު ސީރިއަސް ތުހުމަތުތަކަށް ޖަވާބުދާރީވާން ޖެހި، ކުށަށް އިއުތިރާފްވެ މައާފަށް އެދި އިސްލާހުވާން ވައުދުވެ، ބާރާއި މަގާމާއި ހައިސިއްޔަތު ދޫކޮށްލަން ޖެހި، ޖިނާއީ ދައުވާތަކާ ކުރިމަތިލާން ޖެހުނު އިރު ފެނުނީ ސޯޝަލް މީޑިއާގެ ބާރެވެ.

ރާއްޖޭގައި، ފޮރިން މިނިސްޓްރީގެ އިސް ވެރިއަކު މުވައްޒަފަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުކުރުމުން އެ މިނިސްޓްރީ ތެރެއިން އެ މައްސަލަ ނުބެލި ކަމަށް ބުނެ، ކާކުކަން ނޭނގޭ ގޮތަށް، ޓްވިޓާގައި މީހަކު އެކަން ހާމަކުރި އެވެ. އެ ވެރިޔަކީ އޭރުގެ މިނިސްޓަރު މުހައްމަދު އާސިމް ކަމާއި އޭނާ ޖިންސީ ގޯނާކުރި ކަމަށް ހަތަރު މުވައްޒަފަކު ބުނާކަން ފަހުން އެނގުނެވެ. ސަރުކާރު ބަދަލުވާން އުޅެނިކޮށް އެ މައްސަލަ ފަޅާއެރުމުން ހަނު ހުންނެވުމަށް ފަހު އެންމެ ފަހު ދުވަހު ޓްވީޓަކުން އެކަމަށް އިންކާރު ކުރައްވަމުން އާސިމް ފޮރިން މިނިސްޓްރީން ނުކުމެވަޑައިގަތީ އެވެ.

އާސިމްގެ މައްސަލަ އޮބިފައި އޮއްވައި އާއްމު އެހެން މޫނަކަށް ވަނީ ޖިންސީ ފުރައްސާރައާ ދެކޮޅަށް ސޯޝަލް މީޑިއާގައި މީހަކު ތެދުވުމުގެ ނަތީޖާއާ ކުރިމަތިލާން ޖެހިފަ އެވެ. މަޖާ ވީޑިއޯތަކުން މީހުން ހެއްވަމުން އައި އާލިފް ނަސީރު، 21، އަކީ ބުލީކުރުމާ ދެކޮޅަށް މަސައްކަތްކުރާ އެމްބެސެޑަރުގެ ގޮތުގައި އެޑިއުކޭޝަން މިނިސްޓްރީން ހަމަޖެއްސުމުން ޖެހިގެން އައި ދުވަހު ޓްވިޓާގައި ޒުވާން އަންހެނަކު ތުހުމަތުތަކެއް ކުރި އެވެ.

އެއާއެކު، އާލިފްއާ އެކު މަސައްކަތްކުރަމުން އައި ދިރާގު އަދި ލެކިއުޓް ފަދަ ބޮޑެތި ބައެއް ވިޔަފާރިތަކުން އޭނާއާ ގުޅުން ކަނޑާލި އެވެ. އަދި ޖިންސީ ފުރައްސާރައާ މެދު އެޑިއުކޭޝަން މިނިސްޓްރީން ގެންގުޅޭ "ޒީރޯ ޓޮލެރެންސް" ސިޔާސަތު ދަމަހައްޓަވަން "އަޅަން ޖެހޭ ފިޔަވަޅުތައް އަޅުގަނޑު އަޅާނަން" ކަމުގެ ޔަގީންކަން އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވަނީ ދެއްވައިފަ އެވެ. މީހުންނާ މެދު "ގޯސްކޮށް ކަންތައްތަކެއް ކުރެވުނު" ކަމަށް އިއުތިރާފްވެ، އާލިފް މައާފަށް އެދިފައިވެ އެވެ.

އަނިޔާ އާއި ފުރައްސާރައާ ދެކޮޅު އަޑުތައް ގަދަ ދުވަސްތަކެއް ހިނގަމުން މި ދަނީ އެތަކެއް ސަތޭކަ ކެންޑިޑޭޓުން ވާދަކުރާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަކާ އެކުގައި ކަމުން، އެފަދަ ތުހުމަތުތައް ކުރެވޭ މީހުންނަށް މަޖިލީހުން ޖާގަ ދީގެން ނުވާނެ ކަމުގެ ގޮވާލުންތައް ގިނަ އެވެ. އެކަމަކު ޕާޓީއަކުން ހަގީގަތުގައި ވެސް އެ އަޑުތައް އަހައި ކެންޑިޑޭޓަކާ ގުޅުން ކަނޑާލަފާނެކަން ގަބޫލުކުރަން ގިނަ ބަޔަކަށް ދަތިވެފައި އޮތީ ރާއްޖޭގައި އާއްމުކޮށް އެ ގޮތަށް ކަމެއް ނުކުރާތީ އެވެ. އެމްޑީޕީގެ ކެންޑިޑޭޓް އަބްދުލް މުޣުނީއާ މެދު އަމަލުކުރި ގޮތުން ބައެއް މީހުން ކޮންމެވެސް ވަރަކަށް ހައިރާންވި އެވެ. އެއީ މިހާރު އޮތް އަޅާނުލުމުގެ ސަގާފަތަށް ގޮންޖަހާލި ފިޔަވަޅެއްގެ ގޮތުގައި ބަލައިގަތެވެ.

އެކަމަކު އެމްޑީޕީގެ ނިންމުން ފާޑުކިޔުންތަކުން ސަލާމަތެއް ނުވި އެވެ.

އެމްޑީޕީ ސީރިއަސްތަ؟

މުޣުނީ އަށް ކެމްޕެއިންކޮށްދިނުން ހުއްޓާލިކަން އެމްޑީޕީން ހޯމަދުވަހު އިއުލާންކުރި ނިންމުން އައީ އެތައް ކަމެއް ފާހަގަކުރެވޭ ގޮތަށެވެ. އެންމެ ބޮޑު މައްސަލައަކީ ގެވެށި އަނިޔާގެ ތުހުމަތުކުރެވޭ އެ ޕާޓީގެ ކެންޑިޑޭޓުން "އެ ބޭފުޅަކު އަމިއްލަފުޅަށް އެފަދަ ކަމެއް މީގެ ފަހުން ނުކުރުމަށް އެއްބަސްވުމާ އެކު އެކަމަކަށް މައާފަށް އެދުމަށް" އެދިވަޑައިގަންނަވަމޭ ވިދާޅުވެފައި ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ވާހަކަފުޅު ނިންމަވާލެއްވުން ހެއްޔެވެ؟ ނުވަތަ އެމްޑީޕީގެ ނިންމުމުން ކުރާނެ މާ ބޮޑު އަސަރެއް މިހާރު ނެތުން ހެއްޔެވެ؟

އަނިޔާ ލިބުނުކަން މުޣުނީގެ ކުރީގެ އަންހެނުން ޓްވިޓާގައި ހާމަކުރީ އެމްޑީޕީގެ މަޖިލިސް ޕްރައިމަރީ ބޭއްވުމުގެ ދެ މަސް ދުވަސް ކުރިން، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގަ އެވެ. އޭނާ މުޣުނީގެ ނަން ނުބުންޏަސް އިސާހިތަކު އެހެން މީހުން އެކަން ކޮށްފި އެވެ. އެ ތުހުމަތާ ހެދި ތާއީދު އަނބުރާ ގެންދިޔައީ ކަމަށް އެމްޑީޕީން މި ހަފްތާގައި މި ބުނީ ޕްރައިމަރީ ނިމި، މުޣުނީ އަށް ޕާޓީގެ ޓިކެޓު ދީ، އެ ޓިކެޓު އަތުލުމުގެ ފުރުސަތު ބަންދުވި ފަހުންނެވެ. މުޣުނީ ޕާޓީން ވަކިކޮށްފައި ނުވާ އިރު އޭނާ އަމިއްލަ އަށް ނަން އަނބުރާ ގެންދަން އަންގާފައެއް ވެސް ނުވެ އެވެ. އިންތިހާބު ކާމިޔާބުވެއްޖެ ނަމަ މުޣުނީ މަޖިލީހުގައި ތިނަދޫ އުތުރު ދާއިރާގެ ގޮނޑި ތަމްސީލްކުރައްވާނީ ހަމަ އެމްޑީޕީ މެމްބަރެއްގެ ގޮތުގަ އެވެ.

މުޣުނީއާ މެދު އެމްޑީޕީން ކަންތައް ކުރި ގޮތުން އޭނާ އުފައްދަވާ ސުވާލަކީ މައްސަލަތައް ބެލޭނެ ގޮތް ޕާޓީ ތެރޭގައި ހަމަޖެހިފައި ހުއްޓާ އެ ގޮތަށް އަމަލު ނުކުރީ ކީއްވެގެންތޯ އެވެ. މުޣުނީގެ އެންމެ ބޮޑު ހިތްހަމަނުޖެހުމަކީ ވެސް އެމްޑީޕީން އޭނާއާ ގުޅުން ކަނޑާލުމުގެ ކުރިން ތުހުމަތާ ބެހޭ ގޮތުން އޭނާއާ ސުވާލު ކޮށްފައި ނެތުމެވެ. ޕްރައިމަރީގެ ކުރިން މައްސަލަ ބެލެން އޮތްކަން އޭނާ އަމިއްލަ އަށް ވެސް ފާހަގަކުރައްވަ އެވެ.

އެމްޑީޕީން ބުނެފައި ވަނީ ސީރިއަސް މައްސަލަތައް ފިޔަވަޅު އަޅާ ކޮމިޓީ އަށް ނުފޮނުވައި ޕާޓީގެ އިސް ފަރާތްތަކަށް ފެންނަ ގޮތަކަށް ނިންމަން ޕާޓީގެ އަސާސީ ގަވާއިދު ތަންދޭތީ އެ ގޮތަށް އަމަލުކުރީ ކަމަށާއި އެ ގޮތަށް ނިންމީ ބަލަން ޖެހޭ ކަންކަން ކަށަވަރުކޮށްފައި ކަމަށެވެ.

މުޣުނީ ވަނީ ގެވެށި އަނިޔާގެ ތުހުމަތު ދޮގުކުރައްވައި ބަޔާނެއް ނެރުއްވައިފަ އެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ކުށް ސާބިތުވެގެން ޖަލަށް ލާފައި ހުރި އެމްޑީޕީގެ އިބްރާހީމް ރަޝީދު (ހޯރަ އިއްބެ) މިދިޔަ އަހަރު މިނިވަންކުރުމާއި އެމްޑީޕީގެ އިސް މީހުން އެންމެ ފުރަތަމަ އެކަމާ ދެކޮޅަށް ވާހަކަދައްކާފައި ނުވުމަކީ ވެސް އެ ޕާޓީއާ މެދު ހިތްހަމަނުޖެހުންތައް ބޮޑުވެފައި އޮތް ސަބަބެކެވެ. އެހެންކަމުން، ގިނަ ބަޔަކަށް، މުޣުނީގެ ކެމްޕެއިން އެމްޑީޕީން ހުއްޓާލުމަކީ ފާޑުކިޔުން ބޮޑުވެފައިވާ މި ދަނޑިވަޅުގައި އަދި ކެމްޕެއިން ތެރޭ ޕާޓީގެ މޫނުމަތި ރީތިކޮށްލަން އެޅި އިހުލާސްތެރިކަމެއް ނެތް ފިޔަވަޅެކެވެ.

އެކަމަކު އެއް ބަޔަކު ދެކޭގޮތުގައި އެމްޑީޕީގެ ކެމްޕެއިނުން މުޣުނީ ބާކީކޮށްލުމަކީ ކުޑަޔަސް އުފާކުރަން ޖެހޭ ކަމެކެވެ. އެއީ މިފަދަ ތުހުމަތުތަކާ ގުޅިގެން އާއްމުކޮށް އެއްވެސް ކަމެއް ކުރާ ތަން ނުފެންނަ އިރު މި ވަރު ވުމަކީ ވެސް ކުރިއެރުމެއް ކަމަށް ވާތީ އެވެ. ބައެއް މީހުން ފާހަގަކުރާ ގޮތުގައި މުޣުނީ ވާދަކުރައްވާ ދާއިރާގެ މީހުންނަށް، އޭނާއާ މެދު ކުރެވޭ ތުހުމަތުތަކާ މެދު ސީރިއަސްކޮށް ވިސްނަން އެމްޑީޕީގެ ފިޔަވަޅު ބާރުއަޅަ އެވެ. އަދި މިފަދަ ތުހުމަތެއް ކުރެވޭ މީހަކާ މެދު މި ވަރުގެ ފިޔަވަޅެއް ވެސް އެހެން ޕާޓީއަކުން މިހާތަނަށް އަޅާފައި ނުވާ އިރު އެމްޑީޕީ އަށް ތައުރީފް ހައްގެވެ.

ހާލަތު ބަދަލުވަނީ ބާ؟

ރާއްޖޭގައި އަންހެނުންނަށް ކުރާ ފުރައްސާރަ އާއި އަނިޔާގެ ތުހުމަތުތައް މަދު ފަހަރަކު ނޫނީ ސީރިއަސްކޮށް ނަގާފައެއް ނުވެ އެވެ. މަސައްކަތު މާހައުލުގައި ޖިންސީ ފުރައްސާރަކުރުމާ ދެކޮޅަށް މިހާތަނަށް އެޅި އެންމެ ވަރުގަދަ ފިޔަވަޅުގައި ރައްޔިތުންގެ މަޖިލީހުގެ ވޯޓަކުން މަގާމުން ވަކިކުރި ސިވިލް ސާވިސް ކޮމިޝަންގެ ކުރީގެ ރައީސް މުހައްމަދު ފަހުމީ ހަސަން އަށް ސުޕްރީމް ކޯޓުގެ ހުކުމަކުން މަގާމް އަނބުރާ ލިބުމާއި އޭގެ ފަހުން ރާއްޖޭގެ ސަފީރަކަށް ވެސް އޭނާ އައްޔަންކުރުމަކީ އެ ސަގާފަތުގެ މިސާލެކެވެ. މި ފަހުގެ އަހަރުތަކުގައި އެކި ދާއިރާތަކުގެ އިތުރު އެތައް ބަޔަކަށް ވެސް މިފަދަ ތުހުމަތުތައް އަމާޒުވެފައިވާ އިރު އެ ކަންކަމުން އެ މީހުންނަށް މާ ބޮޑު އަސަރެއް ފޯރި ތަނެއް ފެނިފައެއް ނުވެ އެވެ.

އެކަމަކު ގެވެށި އަނިޔާ އާއި ޖިންސީ ފުރައްސާރައިގެ ތުހުމަތުކުރެވޭ މީހުންނަށް ބޮޑެތި މަގާމްތަކާއި ހައިސިއްޔަތުތައް ދިނުމާ ދެކޮޅަށް ސޯޝަލް މީޑިއާގައި ކުރިއަށް ގެންދާ ހަރަކާތުން ނަތީޖާތަކެއް ވެސް ނުކުންނަން ފަށައިފިކަން އާސިމް އާއި އާލިފް އާއި މުޣުނީ އަށް ވީ ގޮތުން އެނގެ އެވެ. މިއީ އަންހެނުންނަށް ކުރާ އަނިޔާ އާއި ފުރައްސާރައާ މެދު އަޅާނުލައި ދޫކޮށްލުމުގެ ސަގާފަތް ބަދަލުވުމުގެ ކޮޅުމަތި ހެއްޔެވެ؟

އަންހެނުންގެ ހައްގުތަކަށް ވަކާލާތުކުރާ ބައެއް ފަރާތްތަކުން ދެކޭގޮތުގައި އުފާފާޅުކުރަން ފަށަން އަދި މާ އަވަހެވެ.

ޖެންޑަ މިނިސްޓަރު ޝިދާތާ ޝަރީފު ވިދާޅުވި ގޮތުގައި އަނިޔާ އާއި ފުރައްސާރައިގެ ތުހުމަތުތައް ކުރެވޭ މީހުން ބަލައިނުގަންނާނެ ކަމުގެ ފުރިހަމަ އިތުބާރު އާއްމުންނަށް ލިބޭ ވަރު ކުރަން ޖެހެ އެވެ.

"މުޣުނީގެ ކޭސްގައި އަމިއްލަ ޕާޓީން ފާޅުގައި ތާއީދު އަނބުރާ ގެންދިޔުމަކީ ބޮޑު ކަމެއް. އެއީ ކުރިއެރުމެއް. އެކަމަކު އަޅުގަނޑު ދެކޭގޮތުގައި ކަން ހިނގަން ޖެހޭ ގޮތަކީ އެއެއް ނޫން،" މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"ކޮންމެ ފަހަރަކު ޕަބްލިކް އައުޓްކްރައިއެއް އައިމާ އެކަމަކާ މެދު ފިޔަވަޅު އެޅުމުގެ ބަދަލުގައި ވަކި އިންތިޒާމެއްގެ ތެރެއިން އެފަދަ ކަންކަން ރިޕޯޓްކުރެވޭނެ ގޮތް ހަމަޖެހި އަދި މީހުންގެ އިތުބާރު ލިބޭ ވަރަށް ނިޒާމުގެ ތެރެއިން ކަންކަން ވާން އެބަ ޖެހޭ. އެ ހިސާބަށް ދާ ތަނެއް އަދި އެހާ ބޮޑަކަށް ނުފެނޭ."

އަނިޔާ އާއި ފުރައްސާރަކުރާ މީހުންނަށް ޕާޓީތަކާއި ދައުލަތުގެ މަގާމްތަކާއި އިންތިހާބީ ގޮނޑިތަކުން ފުރުސަތު ނުލިބޭނެކަން ކަށަވަރުކޮށްދޭން ތިބީ ސިޔާސީ މީހުންނެވެ.

"މި ފިޔަވަޅާ މެދު (މުޣުނީއާ މެދު އެޅި) އުފާފާޅުކުރުމުގެ ކުރިން ސިޔާސީ މީހުންނާއި ސިޔާސީ ލީޑަރުން އަދި އިތުރު ވަރަށް ގިނަ ކަންކަން ކުރަން އެބަ ޖެހޭ،" މިފަދަ މައްސަލަތަކާ ދެކޮޅަށް މަސައްކަތްކުރާ އެކްޓިވިސްޓެއް ކަމަށްވާ ސާރާ ނަސީމް ފާހަގަކުރި އެވެ.

"ބަދަލެއް އައި ތަން ފެންނާނީ ތުހުމަތު ކުރެވޭ ފަރާތްތައް ޒިންމާދާރުކުރެވެންޏާ، އަދި ދައުލަތުގެ ހުރިހާ މުއައްސަސާތަކާއި ހުރިހާ ޕާޓީތަކެއްގައި ޖިންސީ ފުރައްސާރަ އަށް ޒީރޯ ޓޮލެރެންސް އޮންނަން ފެށީމަ."

އަނިޔާ އާއި ފުރައްސާރަ ތަހައްމަލްކޮށްފައިވާ މީހުންނަށް އެ ވާހަކަދައްކަން ފަސޭހަ އިން ދެވެން އޮތް ތަނަކަށް ސޯޝަލް މީޑިއާ ވަނީ އެކަންޏެއް ނޫނެވެ. އޭނާގެ ވާހަކަ ގަބޫލުކޮށް، ހިތްވަރުދީ، އެކަމާ ދެކޮޅަށް ތެދުވުމުގައި ބައިވެރިވާނެ މީހުން ވެސް ސޯޝަލް މީޑިއާ އިން ލިބެ އެވެ. އަދި، އާސިމްގެ ވާހަކަ ފެންމަތިކުރި މުވައްޒަފުންނާއި މުޣުނީގެ މައްސަލަ ހެކިވެރިންނާ ވެސް އެކު ކުރިން ޕޮލިހަށް ރިޕޯޓްކުރި އޭނާގެ ކުރީގެ އަންހެނުން ތަޖުރިބާކުރި ފަދައިން، ސޯޝަލް މީޑިއާއަކީ އިންސާފު ނުލިބިގެން ގޮތް ހުސްވާ މީހުންނަށް އެންމެ ފަހަށް އޮންނަ ވަސީލަތް ވެސް މެ އެވެ. އެކަމަކު، މަގުމަތިން ފޮށުމުން ފެށިގެން ގޮސް މަސައްކަތު މާހައުލުގައި ޖިންސީ ފުރައްސާރަކުރުމާއި ގެވެށި އަނިޔާއާ ހަމައަށް، ކޮންމެ ދުވަހަކު ވެސް އެތައް ކަމެއް ތަހައްމަލްކުރަން ޖެހޭ އަންހެނުންނަށް މިފަދަ ކަންކަން ސޯޝަލް މީޑިއާގައި ހާމަކުރުމަކީ ވެސް ފަސޭހަ ކަމެއް ނޫނެވެ. ކަމެއް ހިނގިއޭ ބުނާ އިރަށް މީހުން އެއްޗެހި ކިޔައިކިޔައި އޭނާ ބަލިކަށިކޮށްލާ އިރު، ކަމާބެހޭ ފަރާތްތަކުން ދެން ވެސް އޭނާގެ ވާހަކަ ސީރިއަސްކޮށް ނަގައި ފިޔަވަޅެއް އަޅާނެ ކަމުގެ ޔަގީންކަމެއް ވެސް ނޯވެ އެވެ.

"ޖިންސީ ފުރައްސާރަ އާއި ގެވެށި އަނިޔާ ތަހައްމަލްކުރާ މީހުންނަށް އެ ކަންކަން ހާމަކޮށް އެ ކުށްތައް ރިޕޯޓްކުރެވޭނީ ފުލުހުންގެ ކަންކަން ވެސް އިސްލާހުވެގެން،" ސާރާ ފާހަގަކުރި އެވެ.

ޝިދާތާ ވިދާޅުވިގޮތުގައި ގޮތުގައި ޖިންސީ ފުރައްސާރަ އާއި ގެވެށި އަނިޔާއާ މެދު މީހުން ދެކޭ ގޮތް ބަދަލުކޮށް ހޭލުންތެރިކަން އިތުރުކުރަން އަދިވެސް ބޮޑެތި މަސައްކަތްތަކެއް ކުރަން ޖެހެ އެވެ.

"ގެވެށި އަނިޔާ އާއި ޖިންސީ ފުރައްސާރައަކީ ކޮބައިކަން މީހުން ނިންމާ ގޮތް ވެސް އެބަ މުހިއްމުވޭ. މީގެ އަހަރުތަކެއް ކުރިން ޖިންސީ ފުރައްސާރައިގެ ގޮތުގައި ނުބަލާނެ ކަންކަން މިހާރު ގާނޫނީ ގޮތުން ޖިންސީ ފުރައްސާރައިގެ ގޮތުގައި މި ހުންނަނީ ކަނޑައެޅިފައި. އެހެންވީމާ ކުރީގެ ނިޒާމުގެ ތެރޭގައި އުޅެއުޅެ، ބައެއް މީހުންނަށް ބައެއް ކަންކަމަކީ ގޯހެއް ނޫން، ކުށެއް ނޫން. އަދި އާއްމު މުޖުތަމައުގެ ތެރޭގައި ވެސް ބައެއް ކަހަލަ ކަންކަން ފަސޭހަ އިން ބަލައިގަނެވޭ،" އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ޖިންސީ ފުރައްސާރައިގެ ގާނޫނާއި ޖެންޑާ އީކުއަލިޓީ ގާނޫނުން ލިބޭ ހައްގުތަކާއި އުފުލަން ޖެހޭ ޒިންމާތައް ވެސް މަސައްކަތުގެ މާހައުލުތަކުގައި މީހުންނަށް އެހާ ބޮޑަށް އެނގިފައެއް ނެތެވެ. އަދި އެ ގާނޫނުތަކުގެ ދަށުން ތަންތަނުގެ ވެރިން ކުރަން ޖެހޭ ކަންތައްތައް އެ މީހުންނަށް ވެސް ނޭނގި އެބަ ހުރިކަން އޭނާ ފާހަގަކުރެއްވި އެވެ.

"ސިވިލް ސޮސައިޓީ އާއި އަޅުގަނޑުމެން އެންމެން ކުރަންވީ ކަމަކީ މި ގާނޫނުތަކުގައި ހުރި ވަކިވަކި ކަންކަން މީހުންނަށް ކިޔައިދޭންވީ. އޭރުން ވަރަށް ރަނގަޅު އިމްޕެކްޓެއް އަންނާނެ ކަމަށް ގަބޫލުކުރެވޭ،" ޝިދާތާ ވިދާޅުވި އެވެ.

ރާއްޖޭގައި އަންހެނުންނަށް ފުރައްސާރަ އާއި އަނިޔާކުރުން އާއްމުވެފައި އޮތް ބޮޑުމިނާއި އެފަދަ ކަންކަން އާދައިގެ ގޮތަކަށް ނެގުން ހަރުލާފައި އޮތް މިންވަރަށް ބަލާ އިރު ހަގީގީ ބަދަލަކާ ގާތަކަށް އަދި ނުދެވެ އެވެ. މި ވަގުތު ވެސް ޖިންސީ ފުރައްސާރައިގެ ތުހުމަތު އަމާޒުވަމުންދާ އިތުރު މީހުން، ކުޑަމިނުން ޖަވާބުދާރީވާން ވެސް ނުޖެހި، ޒިންމާދާރު މަގާމުތަކުގައި އެބަ ތިއްބެވެ. މިނިސްޓަރަކަށް ފާޅުގައި ޖިންސީ ފުރައްސާރައިގެ ތުހުމަތު އަމާޒުވި ފުރަތަމަ މައްސަލަ ވެސް ހަނދާން ނައްތާލާފައި އޮތް ކަހަލަ އެވެ. އާސިމްގެ ޖިނާއީ ތަހުގީގެއް ފުލުހުން ކުރިއަށް ގެންދާ ކަމަށާއި ފޮރިން މިނިސްޓްރީގެ ކަމާ ބެހޭ ކޮމިޓީން އެ މައްސަލަ ބަލައި އަދި އެ ތަނުގެ އެތެރޭގެ ކަންކަން ހަރުދަނާކުރާނެ ކަމަށް މިހާރުގެ މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވުން ފިޔަވައި ކަމާ ބެހޭ ފަރާތަކުން ވާހަކައެއް ދައްކައި އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ. އެކަމަކު ޓްވިޓާގައި އެ މައްސަލަ ފަޅާއަރުވާލި ހިސާބުން ފޮރިން މިނިސްޓްރީގެ އިސް ބައެއް މީހުންނާއި ޑިޕްލޮމެޓުން ވެސް ފާޅުގައި އާސިމްގެ ނަން ގަނެ އޭނާގެ އިސްތިއުފާ އަށް ގޮވާލިކަން އެއީ ކުރިއެރުމެކެވެ.

އައިސްގެން އުޅޭ ބަދަލަކީ އެއީ އެވެ. އަނިޔާ އާއި ފުރައްސާރައިގެ މައްސަލަތަކުގައި އެތައް ބަޔަކު އެއް އަޑަކުން ދެކޮޅަށް ވާހަކަދައްކަން ފެށުމެވެ. ފަހަރުގައި، ދެން ހުރި ކަންކަން ބަދަލުކުރެވޭނީ އެ ވާހަކަތައް އަދިވެސް ވަރަށް ދުރަށް ގެންގޮސްގެނެވެ.