Roadha Mihaaru
ނިއު ޒީލެންޑުގެ ބޮޑު ވަޒީރަށް މުސްލިމުންގެ ލޯބި

ނިއު ޒީލެންޑުގެ ބޮޑު ވަޒީރަށް މުސްލިމުންގެ ލޯތްބާއި އިހްތިރާމް

22 މާޗް 2019

ކްރައިސްޗާޗް (މާޗް 22) - ނިއު ޒީލެންޑުގެ ފަހުގެ ތާރީޚުގައި ދިމާވި އެންމެ ހިތާމަވެރި އެއް ހާދިސާގައި އެ ގައުމުގެ ބޮޑު ވަޒީރު ޖަސިންޑާ އާޑާންގެ އަމަލުތަކަށް އެތައް ބައެއްގެ ތައުރީފް ދަނީ އޮހެމުންނެވެ. ޚާއްސަކޮށް މުސްލިމުންނާ މެދު އެކަމަނާ ބަހައްޓަވާ ގާތްކަމުގެ ސަބަބުންނެވެ.

ހަސަން އާމިރު ހަސަން އާމިރު

ދެ މިސްކިތަށް ހަމަލާދީ 50 މީހުން މަރާލިތާ މާގިނައިރެއް ނުވެ އާޑާން ވަނީ ކްރައިސްޗާޗަށް ވަޑައިގެންފަ އެވެ. މުސްލިމުންނާ އެކު، ޚާއްސަކޮށް މަރުވި މީހުންގެ އާއިލާތަކާ އެކުގައި ހުންނެވިކަން ހާމަކޮށްދެއްވުމަށް އެކަމަނާ އޭރު ހުންނެވީ ބުރުގާ އަޅުއްވައިގެންނެވެ. ޖެހިގެން އައި ދުވަހު ވެރިރަށް ވެލިންޓަނުގައި ވެސް ވަނީ ބުރުގާ އަޅުއްވައިގެން ހުންނަވާ މުސްލިމް ކޮމިއުނިޓީއާ ބައްދަލު ކުރައްވައިފަ އެވެ.

ނިއު ޒީލެންޑުގެ ބޮޑު ވަޒީރު ޖަސިންޑާ އާޑާން (ކ) މުސްލިމުންނާ ބައްދަލު ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ

ނިއު ޒީލެންޑުގެ ބޮޑު ވަޒީރު ޖަސިންޑާ އާޑާން (ކ) މުސްލިމުންނާ ބައްދަލު ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ

"އެކަމަނާގެ ވެރިކަމުގައި މިވަރުގެ ބިރުވެރިކަމަކާ ކުރިމައްޗެއް ނުވޭ،" ޔުނިވާސިޓީ އޮފް އޮޓާގޯގެ ވިކީ ސްޕެންސާ ވިދާޅުވި އެވެ.

ހަމަލާ އަށް ފަހު ހޯމަ ދުވަހު ބޭއްވި ޕާލަމެންޓުގެ ބައްދަލުވުން ފެއްޓެވީ ކީރިތި ގުރުއާނުގެ ބަރަކާތުންނެވެ. އާޑަންގެ ވާހަކަފުޅު ވެސް ފެއްޓެވީ އަރަބި ބަހުން އައްސަލާމް އަލައިކުމް ވިދާޅުވުމަށް ފަހު އެވެ. ޕާލަމެންޓުގައި އެކަމަނާ ވަނީ ހަމަލާ ދިނީ ޓެރަރިސްޓެއް ކަމާއި އެއީ މުޖްރިމެއް ކަމަށް ވިދާޅުވެ އެއީ އޭނާގެ ނަމުން މުޚާތަބް ކުރުން ވެސް ހައްގު ނޫން މީހެއް ކަމަށް ވިދާޅުވެފަ އެވެ. އެހެންވެ އެކަމަނާ ވަނީ އޭނާގެ ނަމުން ދެން މުޚާތަބް ނުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ކްރައިސްޗާޗުގައި ދިން ހަމަލާއާ ގުޅިގެންް ހިތާމަ ފާޅުކުރުމަށް ދެ މިނިޓުގެ ސްކޫތެއް މިއަދު ވަނީ ގެނެސްފަ އެވެ. ކްރައިސްޗާޗުގެ އަލް ނޫރް މިސްކިތުގެ ބޭރުގައި ހުކުރު ނަމާދު ބޮޑު ޖަމާއަތެއްގައި ކުރި އިރު އެ ކަމަނާ އެތަނަށް ވަޑައިގެންނެވި އެވެ. ކްރައިސްޗާޗްގައި ކުރި މިއަދުގެ ހުކުރު ނަމާދުގެ ބަންގި އާއި ޚުތުބާ ޓީވީތަކުން ވަގުތުން ގެނެސްދިނެވެ.

ނިއު ޒީލެންޑުގެ ބޮޑު ވަޒީރު ޖަސިންޑާ އާޑާން (ކ) މުސްލިމުންނާ ބައްދަލު ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ

ނިއު ޒީލެންޑުގެ ބޮޑު ވަޒީރު ޖަސިންޑާ އާޑާން (ކ) މުސްލިމުންނާ ބައްދަލު ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ

ނިއު ޒީލެންޑުގައި ބަޑި ގެންގުޅުމުގެ ގާނޫނު ބަދަލު ކުރައްވާނެ ކަމަށް އާޑާން ވަނީ ވިދާޅުވެފަ އެވެ. އެ ގޮތުން ސެމީ އޮޓޮމެޓިކް ހަތިޔާރު މަނާކުރިކަން އިއްޔެ ވަނީ އިއުލާންކޮށްފަ އެވެ.

ވޮޝިންޓަން ޕޯސްޓުގެ ނޫސްވެރިއަކު ބުނި ގޮތުގައި ނިއު ޒީލެންޑަށް ކުރިމަތިވެފައިވާ ހިތާމައިގައި ގައުމުގެ މޫނުމަތި ސިފަކޮށްދޭ ފަރާތަކީ އާޑާން އެވެ. ޕާކިސްތާނުގެ ފޮރިން މިނިސްޓްރީގެ އޮފިޝަލެއް ކަމަށްވާ މުހައްމަދު ފައިސަލް ވިދާޅުވީ އެ ގައުމުގެ "ރައްޔިތުންގެ ހިތްތައް އާޑާން ފަތަހަކޮށްފި" ކަމަށެވެ.

ނިއު ޒީލެންޑުގެ ބޮޑު ވަޒީރު އާޑާން މުސްލިމުންނާ ބައްދަލު ކުރައްވަނީ. --ފޮޓޯ:އީޕީއޭ

ނިއު ޒީލެންޑުގެ ބޮޑު ވަޒީރު އާޑާން މުސްލިމުންނާ ބައްދަލު ކުރައްވަނީ. --ފޮޓޯ:އީޕީއޭ

މުސްލިމުންނާ މެދު އާޑާންގެ ހިތުގައި ލޯބި އޮތް މިންވަރު ސާފުވެގެން ދިޔަ އެއް ކަމަކީ ނިއު ޒީލެންޑަށް އެހީވެދިނުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވުމުން އެކަމަނާ ދެއްވި ޖަވާބެވެ. ޓްރަމްޕަށް އާޑާން ދަންނަވާފައި ވަނީ ކަމެއް ކޮށްދެއްވަންޏާ ހުރިހާ މުސްލިމުންނަށް ލޯތްބާއި ހަމްދަރުދީ ފާޅުކޮށްދެއްވުމަށެވެ.

ކްރައިސްޗާޗުގެ އަލް ނޫރް މިސްކިތާއި ލިންވުޑް މިސްކިތަށް ހަމަލާ ދިނުމުގެ ކުރިން އާޑަން ދުނިޔެ އަށް މަޝްހޫރުވެފައި ވަނީ ބުރަ ވަޒީފާއެއްގައި އުޅުއްވަމުން ކުޑަ ކުއްޖަކު ބަލަހައްޓަވާ މީހެއްގެ ގޮތުގަ އެވެ. މިދިޔަ އަހަރުގެ އދ.ގެ ޖެނެރަލް އެސެމްބްލީ އަށް އާޑަން ވަޑައިގެންނެވީ އޭނާގެ ތުއްތު ދަރިފުޅާ އެކު އެވެ. އދ.ގެ ޖެނެރަލް އެސެމްބްލީގައި އާޑާން ތަގްރީރު ކުރެއްވުމުގެ ކުރިން އިންނެވީ ތިން މަހުގެ ނީވް ޓެ އަރޯހާ އުރާލައްވައިގެންނެވެ. އެކަމަނާ އަށް ބޭފުޅަކު ލިބިވަޑައިގެންނެވީ މިދިޔަ ޖޫން މަހު އެވެ.

ނިއު ޒީލެންޑުގެ ބޮޑު ވަޒީރު ޖަސިންޑާ އާޑާން. --ފޮޓޯ:އޭއެފްޕީ

ނިއު ޒީލެންޑުގެ ބޮޑު ވަޒީރު ޖަސިންޑާ އާޑާން. --ފޮޓޯ:އޭއެފްޕީ

އާޑާން އަކީ ބޮޑު ވަޒީރުކަމުގައި ހުންނަވަނިކޮށް ބޭފުޅަކު ލިބިވަޑައިގެންނެވި ދެ ވަނަ އަންހެން ބޮޑު ވަޒީރެވެ. ފުރަތަމަ ބޭކަނބަލަކީ 1990 ވަނަ އަހަރު ބޭފުޅަކު ލިބިވަޑައިގެންނެވި ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ބޭނަޒީރު ބުއްޓޫ އެވެ.