Roadha Mihaaru
ނުހައްގުން ވަޒީފާ އިން ވަކިކުރިކަމުގެ 800 ޝަކުވާ!

ނުހައްގުން ވަޒީފާ އިން ވަކިކުރުމުގެ 800 ޝަކުވާ ހުށަހަޅައިފި!

21 މާޗް 2019

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ސިޔާސީ ބޭނުމުގައި، ނުހައްގުން ވަޒީފާ އިން ވަކިކުރި ކަމުގެ 800 އަށް ވުރެ ގިނަ ޝަކުވާ ހުށަހަޅާފައިވާ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ސިޔާސީ ބޭނުމުގައި، ނުހައްގުން ވަޒީފާ އިން ވަކިކުރި ކަމުގެ 800 އަށް ވުރެ ގިނަ ޝަކުވާ ހުށަހަޅާފައިވާ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

ސަރުކާރު ހިންގެވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާ އަރުވަން އުފެއްދެވި "ޕްރެޒިޑެންޝަލް އެކްޝަން ކޮމިޓީ"ން ވަނީ އެ ޝަކުވާތައް ދިރާސާކޮށްފަ އެވެ. އެ ކޮމިޓީން މިހާތަނަށް ބެލިބެލުމުގައި ވެސް ސިޔާސީ އެކި ކަންކަމާ ވިއްދައި ވަކިކުރި 100 އަށް ވުރެ ގިނަ މީހުންގެ ވަޒީފާ އަލުން އިއާދަކޮށްދޭން ޖެހޭ ކަމަށް ލަފާ ދީފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި އެކި މުއައްސަސާތަކަށް ރައްދުވާ ގޮތަށް 800 ޝަކުވާ ހުށަހެޅިއިރު، އެންމެ ގިނައީ ފެނަކަ ކޯޕަރޭޝަނާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑާ ދެކޮޅަށް ހުށަހެޅި ޝަކުވާތަކެވެ. މި ދެ ކުންފުނި، ކުރީގެ ސަރުކާރުން ސިޔާސީ އެކި ކަންކަން ހާސިލްކުރުމަށް، ޕީޕީއެމަށް ނިސްބަތްވާ ގިނަ ބަޔަކަށް ވަޒީފާ ދިން ކަމަށް ތުހުމަތު ކުރާ ތަންތަނުގެ ތެރޭގައި ހިމެނެ އެވެ.

ފެނަކައި އިން ވަކިކުރީ ބޭއިންސާފުން ކަމަށް 125 ޝަކުވާ ހުށަހަޅާފައިވާ އިރު ޕޯޓްސް ލިމިޓެޑާ ދެކޮޅަށް 55 ޝަކުވާ ހުށަހަޅާފައިވެ އެވެ.

ކޮމިޓީން އެ ޝަކުވާތައް ބެލިއިރު ފެނަކަ އިން ވަކިކުރި ކަމަށް ހުށަހެޅި 94 ޝަކުވާ އަދި ޕޯޓްސް ލިމިޓެޑާ ދެކޮޅަށް ހުށަހެޅި 38 ޝަކުވާގައި ސިޔާސީ ސަބަބުތައް އެކުލެވިގެންވާ ކަަމަށް ކޮމިޓީން ބުންޏެވެ.

ރައީސް އޮފީހުން ބުނިގޮތުގައި ޕޮލިހާއި އެމްއެންޑީއެފުން ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށް 85 ޝަކުވާ ހުށަހަޅާފައިވެ އެވެ. މީގެތެރެއިން 63 މީހުން ވަޒީފާ އިން ވަކިކުރި ސަބަބު މުރާޖައާ ކޮށްދޭން އެ ދެ މުއައްސަސާގައި ކޮމިޓީން ވަނީ އެދިފަ އެވެ.

ނުހައްގުން ވަޒީފާ އިން ވަކިކުރި ބައެއް މީހުން ޓްރައިބިއުނަލަށާއި ކޯޓަށް މައްސަލަ ހުށަހަޅައި، އެ މީހުންނާ އެއްކޮޅަށް މައްސަލަ ނިމުމުން ވެސް ވަޒީފާ އިޔާދަކޮށްދީފައި ނުވާ ކަމުގެ 47 ޝަކުވާ ހުށަހަޅާފައިވެ އެވެ.

ކައުންސިލަރުންނާއި ކައުންސިލްތަކުގައި ވަޒީފާ އަދާކުރި މުވައްޒަފުން ވަކިކޮށްގެން ވެސް ޝަކުވާ ހުށަހަޅާފައިވެ އެވެ. ހުށަހެޅި 61 ޝަކުވާގެ ތެރެއިން 7 މީހަކު ވަކިކުރީ ސިޔާސީ ގޮތުން ކަމަށް ކޮމިޓީން ވަނީ ކަނޑައަޅައިފަ އެވެ.

ވޭތުވެދިޔަ ސަރުކާރުގައި ސިޔާސީ ގޮތުން ވަޒީފާ އިން ވަކިކުރި މީހުންގެ ވަޒީފާ އިޔާދަކޮށްދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދެކެވެ.