Roadha Mihaaru
ޔާމީންގެ ޝަރީއަތް ހިނގާތީ ރައީސް ބައްދަލެއް ނުކުރެއްވި

ރައީސްގެ ޖަވާބު: ޔާމީންގެ އިސްތިއުނާފު ކުރިއަށްދާތީ އިދިކޮޅު ކޯލިޝަނާ ބައްދަލެއް ނުކުރެވޭނެ

19 ޖޫން 2023

ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން 11 އަހަރަށް ޖަލަށް ލުމަށް ކޮށްފައި ހުކުމުގެ އިސްތިއުނާފު ކުރިއަށްދާތީ އެކަމުގެ ތެރެއަށް ވަދެވަޑައިގަތުމަކީ ހަމަޖެހޭ ކަމެއް ނޫންކަމަށް ވިދާޅުވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިދިކޮޅު ކޯލިޝަންގެ އިސްވެރިންނާ ބައްދަލުކުރައްވަން ދެކޮޅު ހައްދަވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން 11 އަހަރަށް ޖަލަށް ލުމަށް ކޮށްފައި ހުކުމުގެ އިސްތިއުނާފު ކުރިއަށްދާތީ އެކަމުގެ ތެރެއަށް ވަދެވަޑައިގަތުމަކީ ހަމަޖެހޭ ކަމެއް ނޫންކަމަށް ވިދާޅުވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިދިކޮޅު ކޯލިޝަންގެ އިސްވެރިންނާ ބައްދަލުކުރައްވަން ދެކޮޅު ހައްދަވައިފި އެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި އަބްދުއްރަހީމް އަބްދުﷲ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިއްޔެ ފޮނުއްވި ސިޓީގައި އެ ކޯލިޝަންގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ޔާމީނަށް ރައީސް އިސްވެ ހުންނަވައި އަނިޔާކުރާ ކަމަށް ތުހުމަތު ކުރައްވާފައިވެ އެވެ. ނަމަވެސް، ރައީސް އިސްވެ ހުންނަވާ އެކަން ނުކުރައްވާ ކަމަށް ރައީސް އޮފީހުން ޖަވާބުގައި ފޮނުވި ނޯޓުގައިވެ އެވެ.

ޔާމީންގެ ޝަރީއަތްތަކަށް ރައީސް ވިދާޅުވެގެން އެ މަނިކުފާނުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ގުޅުއްވާ ކަމަށާއި އެކަން ފާޅުކޮށް ބޮޑު ގޮތެއްގައި އެނގެން އެބައޮތް ކަމަށް ވެސް، އަބްދުއްރަހީމް ފޮނުއްވި ސިޓީގައިވެ އެވެ.

"އެކި ގޮތްގޮތަށް ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވަނީ ސީދާ އަލީ ޒާހިރެވެ. އެއީ މަނިކުފާނު ވިދާޅުވެގެން ކަމަށް ދިވެހި ރައްޔިތުން ގަބޫލުކުރައްވަ އެވެ." ސިޓީގައިވެ އެވެ.

އެހެންވެ، އެ ކަންބޮޑުވުންތަކާ މަޝްވަރާކުރެއްވުމަށް ރައީސްއާ ބައްދަލުކުރެއްވުމުގެ އެޕޮއިންޓްމަންޓަކަށް އިދިކޮޅުން ވަނީ އެދިފަ އެވެ.

ރައީސް އޮފީހުގެ ޗީފް އޮފް އަލީ ޒާހިރު ސޮއިކުރައްވައި މިއަދު ފޮނުއްވި ނޯޓްގައި ވިދާޅުވީ ޔާމީން މިހާރު ތަންފީޒުކުކުރައްވަމުން ގެންދަވަނީ ޝަރުއީ ކޯޓަކުން އެ މަނިކުފާނުގެ މައްޗަށް އިއްވާފައިވާ ހުކުމެއް ކަމަށާއި އެ ހުކުމާއި ރައީސްއާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އަދި އިސްތިއުނާފު މަރުހަލާ ކުރިއަށްދާއިރު އެކަމާ ގުޅޭގޮތުން ބައްދަލުކުރެއްވުމަކީ ހަމަޖެހޭ ކަމެއް ނޫންކަމަށް އެ ސިޓީގައިވެ އެވެ.

"ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޝަރުއީ ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާއިރު އަދި ހުކުމެއްގެ އިސްތިއުނާފުގެ މަރުހަލާ މިހާރު ހިނގަމުންދާއިރު އެފަދަ ކަމެއްގެ ތެރެއަށް ރައީސުލްޖުމްހޫރިއްޔާ ވަދެވަޑައިގެން އެކަމާ ގުޅޭގޮތުން އެއްވެސް ބަޔަކާ ބައްދަލުކުރެއްވުމަކީ ހަމަޖެހޭގޮތެއް ނޫންކަން އަބްދުއްރަހީމް ވެސް ގަބޫލުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޔަގީންކުރައްވަ އެވެ." ސިޓީގައިވެ އެވެ.

ރައީސްގެ ފަރާތްޕުޅުން އެއްވެސް މީހަކަށް އަނިޔާއެއް ލިބޭކަމަށް ގަބޫލުކުރައްވާ ނަމަ އެ މައްސަލައެއް ކަމާބެހޭ މުއައްސަސާއަކަށް ހުށަހަޅައިގެން ޝަރުއީ މަރުހަލާގެ ތެރެއިން ކުރިއަށްވަޑައިގަތުމަށް ދަންނަވަން ރައީސް ވިދާޅުވި ކަމަށް، އަލީ ޒާހިރުގެ ނޯޓްގައިވެ އެވެ.