Roadha Mihaaru
ސީރިއާގައި އައިއެސް ނައްތާލައިފިކަން އިއުލާންކޮށްފި

ސީރިއާގައި އައިއެސް ނައްތާލައިފިކަން އިއުލާންކޮށްފި

23 މާޗް 2019

ދިމިޝްގު (މާޗް 23) - ސީރިއާގައި އިސްލާމިކް ސްޓޭޓް (އައިއެސް) ގެ މައްޗަށް ކާމިޔާބު ހޯދާފައިވާ ކަމަށް އެމެރިކާގެ މަދަދު ލިބޭ ސީރިއަން ޑިމޮކްރެޓިކް ފޯސަސް (އެސްޑީއެފް) އިން މިއަދު އިއުލާންކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ދިމިޝްގު (މާޗް 23) - ސީރިއާގައި އިސްލާމިކް ސްޓޭޓް (އައިއެސް) ގެ މައްޗަށް ކާމިޔާބު ހޯދާފައިވާ ކަމަށް އެމެރިކާގެ މަދަދު ލިބޭ ސީރިއަން ޑިމޮކްރެޓިކް ފޯސަސް (އެސްޑީއެފް) އިން މިއަދު އިއުލާންކޮށްފި އެވެ.

ސީރިއާގައި އައިއެސް ބަލިކުރުމުން، މީގެ ފަސް އަހަރު ކުރިން ސީރިއާ އާއި އިރާގުން ތިންބައިކުޅަ އެއްބައި ހިފައިގެން ތިބި ޖަމާއަތުގެ ކަންތައް ނިމިގެން ދިޔައީ އެވެ.

ސީރިއާގައި އައިއެސްގެ ބާރުގެ ދަށުގައި އެންމެ ފަހުން އޮތް ބާޣޫޒް ސިޓީގައި އިއްޔެ ވަނީ ވަރުގަދަ އަށް ހަނގުރާމަކޮށްފަ އެވެ. ސީރިއާގައި އައިއެސްގެ ބާރުގެ ދަށުގައި އެއްވެސް ސަރަހައްދެއް ނެތްކަމަށް ޕެންޓަގަނުން ވެސް ވަނީ އިއުލާންކޮށްފަ އެވެ. އެއާ ފޯސް ވަންގައި ރައީސް ޑޮނަލްޑް ޓްރަމްޕް ފްލޮރިޑާ އަށް ދަތުރު ކުރައްވަނިކޮށް އެކްޓިން ޑިފެންސް ސެކްރެޓަރީ ޕެޓްރިކް ޝަނަހާން ވަނީ ޓްރަމްޕަށް އެ ޚަބަރު ދެއްވައިފަ އެވެ.

އައިއެސްގެ ދަށުން އަތުލި އިމާރާތެއްގެ މަތީގައި އެސްޑީއެފްގެ ރީނދޫ ދިދަ ނަގައިފައި. --ފޮޓޯ:އޭއެފްޕީ

އައިއެސްގެ ދަށުން އަތުލި އިމާރާތެއްގެ މަތީގައި އެސްޑީއެފްގެ ރީނދޫ ދިދަ ނަގައިފައި. --ފޮޓޯ:އޭއެފްޕީ

އައިއެސް ނައްތާލުމަށް ސީރިއާގެ އިރު ދެކުނުން އިރާގު ބޯޑަރާ ޖެހިގެން އޮންނަ ބާޣޫޒަށް އެސްޑީއެފް އިން ހަމަލާދޭން ފެށީ މީގެ ދުވަސްކޮޅެއް ކުރިންނެވެ.

އައިއެސް ޖަމާއަތުގެ ލީޑަރުގެ މަގާމަށް އަބޫ ބަކްރް ބަޣުދާދީ ހަމަޖެއްސީ 2010 ވަނަ އަހަރު އެވެ. އޭގެ ދެ އަހަރު ފަހުން އޭނާ ވަނީ އައިއެސްގެ ޚިލާފަތު އިރާގުގެ މޫސަލްގެ އަލް ނޫރީ މިސްކިތުގައި އިއުލާންކޮށްފަ އެވެ.

މީގެ ފަސް އަހަރު ކުރިން އައިއެސްގެ އެންމެ ބާރުގަދަ ދުވަސްވަރު ސީރިއާގެ ހުޅަނގާއި އިރާގުގެ އިރުމަތީގެ ހިސާބުތަކުން އައިއެސްގެ ކޮންޓްރޯލުގެ ދަށަށް 88،000 އަކަ ކިލޯ މީޓަރު (34،000 އަކަ މޭލު)ގެ ސަރަހައްދެއް ގެންދިޔަ އެވެ.