Roadha Mihaaru
ކުރުމުއްދަތެއްގައި 2500 މީހުން ނަފްސާނީ ފަރުވާ ހޯދި

ހަ މަސް ތެރޭގައި އައިޖީއެމްއެޗުން އެކަނި ވެސް ނަފްސާނީ ބައްޔަށް 2،500 އެއްހާ މީހުން ފަރުވާ ހޯދި

25 މާޗް 2019

ފާއިތުވި ހަ މަސް ދުވަހުގެ ތެރޭގައި އައިޖީއެމްއެޗުން އެކަނި ވެސް ނަފްސާނީ ބައްޔަށް ގާތްގަނޑަކަށް 2،500 މީހުން ފަރުވާ ހޯދާފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ފާއިތުވި ހަ މަސް ދުވަހުގެ ތެރޭގައި އައިޖީއެމްއެޗުން އެކަނި ވެސް ނަފްސާނީ ބައްޔަށް ގާތްގަނޑަކަށް 2،500 މީހުން ފަރުވާ ހޯދާފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

އެ ހޮސްޕިޓަލްގައި ގާއިމްކުރި މެންޓަލް ހެލްތު ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި އަމީން ވިދާޅުވީ ސަރުކާރުގެ މައި ހޮސްޕިޓަލުން އެކަނި ވެސް ވަރަށް ގިނަ ބަޔަކު ނަފްސާނީ ބައްޔަށް ފަރުވާ ހޯދާފައިވާ ކަމަށެވެ.

ނަފްސާނީ ބަލީގެ ފަރުވާދޭ މަރުކަޒެއް ގާއިމް ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ނިންމާފައިވާ ކަމެކެވެ. އެތަނުގައި އެޑްމިޓްކޮށްގެން ވެސް ފަރުވާދޭނެ އެވެ. އަދި ކައުންސެލިން ދިނުމާއި ބަލިތައް ދެނެގަނެ ފަރުވާދޭނެ އެވެ. އޭގެ އިތުރުން ނަފްސާނީ ބައްޔަށް ހޭލުންތެރިކަން އިތުރުކުރުމަށް އެ ސެންޓަރުން ހަރަކާތްތައް ހިންގާނެ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

ނަފްސާނީ ބައްޔަށް ފަރުވާދޭނެ ހާއްސަ މަރުކަޒެއް މީގެ ކުރިން ނެތް ކަމުގައި ވިޔަސް އައިޖީއެމްއެޗްގައި އެ ބައްޔަށް ހިލޭ ފަރުވާ ކުރެވެ އެވެ. އެކަމަކު، އައިޖީއެމްއެޗުގެ ވެއިޓިން ލިސްޓު ދިގުކަމުން، ނަފްސާނީ ބަލީގެ ގިނަ މީހުން ފަރުވާ ހޯދަނީ އަމިއްލަ ކްލިނިކްތަކުންނެވެ. އެހެންވެ އެ ތަންތަނުން ފަރުވާ ހޯދާ މީހުން ވެސް ހިމަނައިގެން، ރާއްޖޭގައި ނަފްސާނީ ބައްޔަށް ފަރުވާ ހޯދާ މީހުންގެ އަދަދު ބޮޑަށް އިތުރުވެގެންދާނެ ކަމަށް ބެލެވެ އެވެ.

މެންޓަލް ހެލްތު ސެންޓަރު ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަމީން ވާހަކަ ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް

މެންޓަލް ހެލްތު ސެންޓަރު ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަމީން ވާހަކަ ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް

"އާބާދީގެ މިހާ ބޮޑު އަދަދެއް އަޅާނުލެވި ފަރުދާވެގެން ދިއުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން،" އަމީން ވިދާޅުވި އެވެ.

ކަންކަން ކުރުމުގައި ފަސްޖެހުމާއި ބިރުގަތުމާއި މާޔޫސްވުމުގެ އިހުސާސް ކޮންމެ މީހަކު ވެސް ތަޖުރިބާކޮށްފައި ހުންނާނެ ކަން ފާހަގަކުރައްވައި އަމީން ވިދާޅުވީ އެފަދަ އިހުސާސްތައް އަތްނުފޯރާ ހިސާބަށް ހިނގައްޖެ ނަމަ އާއްމު ދިރިއުޅުމުގައި ކުރަންޖެހޭ ކަންކަން ކުރުމުގައި ނުކުޅެދޭ ހާލަތަށް ބަދަލުވެގެންދާ ކަމަށެވެ. އަދި އެކަން ދިގުދެމިގެންދާ ނަމަ ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މެންޓަލް ހެލްތު ސެންޓަރު މިއަދު ހުޅުއްވައި ދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މެންޓަލް ހެލްތު ސެންޓަރު މިއަދު ހުޅުއްވައި ދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް

އޭނާ ވިދާޅުވީ މެންޓަލް ހެލްތު މަރުކަޒަކީ އައިޖީއެމްއެޗްގައި އެކަނި ގާއިމްކުރެވޭ ތަނެއް ނޫން ކަމަށާއި އެއީ މެންޓަލް ހެލްތު ޕްރޮގްރާމުގެ ބެލެނިވެރިކަމުގެ ދަށުން ގާއިމްކުރެވޭ އިންތިޒާމީ ބޭސްފަރުވާގެ ނިޒާމެއް ކަމަށެވެ. އޭގެ ދަށުން ނަފްސާނީ ބައްޔަށް ދޭ ފަރުވާ އަތޮޅު ތެރޭގައި ފުޅާކުރުމާއި އެ ބަލީގެ ހިދުމަތްތައް ހަރުދަނާކުރުން ހިމެނެ އެވެ.

އަމީން ވިދާޅުވި ގޮތުގައި، މި އަހަރުގެ ތެރޭގައި ދެކުނުގެ ސަރަހައްދުތަކުގައި ޖަޒީރާ މެންޓަލް ހެލްތު ސާވިސް ތައާރަފު ކުރާނެ އެވެ. އެއާ އެކު، ރާއްޖޭގެ އެކި ހިސާބުތަކުގައި ނަފްސާނީ ހިދުމަތްތައް ފުޅާކޮށް ދުޅަހެޔޮކަން އާލާކުރުން ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ސިޔާސީ ހާސްކަމާއި ގޭތެރޭގެ މާހައުލުގެ ނުތަނަވަސްކަމާއި މަސައްކަތުގެ މާހައުލާއި ވަށައިގެންވާ ހަރަކާތްތަކުން ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރާ ކަމަށާއި ނަމަވެސް އެއީ ލަދުވެތިވާންޖެހޭ ކަމެއް ނޫން ކަމަށެވެ. އެކަން ފޮރުވައި ދުރަށް ދާންޖެހޭ ކަމެއް ނެތް ކަމަށާއި ހިތްވަރާ އެކު ކުރިމަތިލުމަކީ މުހިއްމު ކަމެއް ކަމަށް އަމީން ވިދާޅުވި އެވެ.