Roadha Mihaaru
ރާއްޖޭގެ ފުރަތަމަ މެންޓަލް ހެލްތު ކޮންފަރެންސް ފަށައިފި

ރާއްޖޭގެ ފުރަތަމަ މެންޓަލް ހެލްތު ކޮންފަރެންސް ފަށައިފި

15 އޮކްޓޯބަރ 2023

ރާއްޖޭގައި ބާއްވާ ފުރަތަމަ މެންޓަލް ހެލްތު ކޮންފަރެންސް "އޮއެވަރު" އިއްޔެ ފަށައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރާއްޖޭގައި ބާއްވާ ފުރަތަމަ މެންޓަލް ހެލްތު ކޮންފަރެންސް "އޮއެވަރު" އިއްޔެ ފަށައިފި އެވެ.

އެއީ އައިޖީއެމްއެޗްގެ ދަށުން ހިންގާ ނެޝަނަލް ސެންޓަ ފޯ މެންޓަލް ހެލްތުން އިންތިޒާމުކޮށްގެން އަހަރަކު އެއް ފަހަރު ބާއްވާ ގޮތަށް ފެށި ކޮންފަރެންސެކެވެ.

"އޮއެވަރު" ކޮންފަރެންސަކީ ރާއްޖޭގައި ބާއްވާ މިފަދަ ފުރަތަމަ ކޮންފަރެންސެވެ. މިއީ، ނަފުސާނީ ދުޅަހެޔޮކަމާ ބެހޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމަށާއި ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކާއި މަދަނީ ޖަމިއްޔާތައް އެއް ތަނެއްގައި މުއާމަލާތްކޮށް، ތަސައްވުރު ހިއްސާކުރަން ބާއްވާ ކޮންފަރެންސެކެވެ.

ރާއްޖޭގައި ބާއްވާ ފުރަތަމަ މެންޓަލް ހެލްތު ކޮންފަރެންސް "އޮއެވަރު" ގައި ވޯކްޝޮޕެއް ކުރިއަށް ގެންދަނީ. -- ފޮޓޯ: އައިޖީއެމްއެޗު

ރާއްޖޭގައި ބާއްވާ ފުރަތަމަ މެންޓަލް ހެލްތު ކޮންފަރެންސް "އޮއެވަރު" ގައި ވޯކްޝޮޕެއް ކުރިއަށް ގެންދަނީ. -- ފޮޓޯ: އައިޖީއެމްއެޗު

އައިޖީއެމްއެޗުން ނެރުނު ނޫސްބަޔާނެއްގައި ބުނި ގޮތުގައި މި ކޮންފަރެންސްގެ މި އަހަރުގެ ޝިއާރަކީ "ޗޭންޖިން ކަރަންޓްސް - ފޯމިން ކަނެކްޝަންސް" އެވެ.

އެ ކޮންފަރެންސްގެ ފުރަތަމަ ބައި ކަމަށްވާ ޕްރީ-ކޮންފަރެންސް ވޯކްޝޮޕްތައް ފެށީ އިއްޔެ އެވެ. އެ ވޯކްޝޮޕްތައް ބޭއްވީ ހ. މީރުމާ ހޯލުގަ އެވެ.

އައިޖީއެމްއެޗުން ބުނީ ދެ ދުވަހުގެ މި ކޮންފަރެންސް ސެޝަންތައް ކުރިއަށް ގެންދާނީ މިއަދާއި މާދަމާ، މާލެ އަތޮޅު ވިލާ ނޯޓިކާ ޕެރަޑައިސް ރިސޯޓުގަ އެވެ. އެ ސެޝަންތަކުގައި ކީނޯޓް ސްޕީޗުތަކާއި ރިސާޗު ހުށަހެޅުންތައް އަދި ޕެނަލް ޑިސްކަޝަންތައް ވެސް ކުރިއަށް ގެންދާނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

ރާއްޖޭގައި ބާއްވާ ފުރަތަމަ މެންޓަލް ހެލްތު ކޮންފަރެންސް "އޮއެވަރު"ގައި ވޯކްޝޮޕެއް ކުރިއަށް ގެންދަނީ.-- ފޮޓޯ: އައިޖީއެމްއެޗު

ރާއްޖޭގައި ބާއްވާ ފުރަތަމަ މެންޓަލް ހެލްތު ކޮންފަރެންސް "އޮއެވަރު"ގައި ވޯކްޝޮޕެއް ކުރިއަށް ގެންދަނީ.-- ފޮޓޯ: އައިޖީއެމްއެޗު

ޕެރަޑައިސް ރިސޯޓުގައި މި ކޮންފަރެންސް ފެށުމުގެ ގޮތުން މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވެސް ބައިވެރިވެޑައިގަތެވެ.

އައިޖީއެމްއެޗުން ބުނި ގޮތުގައި، މި ކޮންފަރެންސްގައި ބައިވެރިވުމަށް 100 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީ ކޮށްފައިވެ އެވެ. އޭގެ ތެރޭގައި ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށް މަސައްކަތްކުރާ އެކި މުއައްސަސާތަކުގެ މީހުން ހިމެނެ އެވެ.