Roadha Mihaaru
ހޯރަފުށީ އެއާޕޯޓުގެ މަސައްކަތް އެމްޓީސީސީ އަށް

ހޯރަފުށީ އެއާޕޯޓުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

25 މާޗް 2019

ހއ. ހޯރަފުށީ އެއާޕޯޓް ހެދުމުގެ އެއްބަސްވުމުގައި އެމްޓީސީސީއާ އެކު ސަރުކާރުން މިއަދު ސޮއިކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ހއ. ހޯރަފުށީ އެއާޕޯޓް ހެދުމުގެ އެއްބަސްވުމުގައި އެމްޓީސީސީއާ އެކު ސަރުކާރުން މިއަދު ސޮއިކޮށްފި އެވެ.

އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ޓްރާންސްޕޯޓް މިނިސްޓަރު އަދި ހޯރަފުއްޓަށް އުފަން އާއިޝަތު ނަހުލާ އެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އެވެ.

އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް ފަހު ނަހުލާ ވިދާޅުވީ އޭނާގެ އުފަން ރަށަށް ހަގީގީ ޚިދުމަތެއް ކޮށްދެއްވުނު ކަމުގެ އިހުސާސް މިއަދު ކުރެއްވުނު ކަމަށާއި އެ ފުރުސަތު އޭނާ އަށް ލިބިވަޑައިގަތީ ރައްޔިތުންގެ ސަބަބުން ކަމަށެވެ. އަދި ހޯރަފުށީގައި އެއާޕޯޓެއް ހެދުމަކީ އެތައް އަހަރެއް ވަންދެން އެ ރަށުގެ ރައްޔިތުން ބޭނުންވެފައި ތިބި ކަމެއް ކަން ނަހުލާ ފާހަގަ ކުރެއްވި އެވެ.

"އެއާޕޯޓު، އިހަވަންދު އާއި ހުވަންދޫ އާއި އެކި ތަންތަނަށް ދެމެމުން ދެމެމުން ގޮސް ވާ ޖަހާފައި މިހާރު މިއޮތީ ﷲ ގެ އިރާދަފުޅުން ހޯރަފުށްޓަށް ގެނެސްފައި،" ނަހުލާ ވިދާޅުވި އެވެ.

ފިރިކަލުން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް ރޭ މާމިގިލީގައި ބޭއްވި ޖަލްސާގައި ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ފިރިކަލުން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް ރޭ މާމިގިލީގައި ބޭއްވި ޖަލްސާގައި ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ހަގު އަނބިކަނބަލުން ނަހުލާ ވިދާޅުވީ، ހޯރަފުށީގައި އެއާޕޯޓެއް ހަދާނެ ކަމަށް މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ވެސް ވައުދު ވެފައިވާނެ ކަމަށެވެ. އަދި ވިދާޅުވީ، އެ އިންތިޚާބުގައި މި ސަރުކާރަށް ރައްޔިތުން ފުރުސަތު ނުދިން ނަމަ، އެ ރަށުގައި އެއާޕޯޓެއް އޮންނާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

ކުރިއަށް އޮތީ ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބު ކަން ފާހަގަ ކުރައްވައި، ނަހުލާ ވިދާޅުވީ ހުރިހާ ވައުދުތައް ފުއްދުމަށްޓަކައި އެ އިންތިޚާބުގައި ސަރުކާރު ކޯލިޝަނަށް އަޣުލަބިއްޔަތު ލިބުން މުހިންމު ކަމަށެވެ.

"އެއާޕޯޓު، އިހަވަންދު އާއި ހުވަންދޫ އާއި އެކި ތަންތަނަށް ދެމެމުން ދެމެމުން ގޮސް ވާ ޖަހާފައި މިހާރު މިއޮތީ ﷲ ގެ އިރާދަފުޅުން ހޯރަފުށްޓަށް ގެނެސްފައި،" ނަހުލާ

މިއަދުގެ ރަސްމިއްޔާތުގައި، އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަދި ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު ޝާހު ވިދާޅުވީ އެއާޕޯޓުގެ އަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ ސާމާނު ކުރިއަށް އޮތް ދެ ތިން ދުވަސް ތެރޭގައި ހޯރަފުށްޓަށް ގެންދިއުމަށް މަސައްކަތް ކުރައްވާ ކަމަށެވެ. އަދި އެއާޕޯޓުގެ އަމަލީ މަސައްކަތް ވެސް ވަރަށް އަވަހަށް ފެށޭނެ ކަމަށް ޝާހު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ބޮޑު މަހާޖައްރާފު އައުމުގެ ކުރިން އެކަމަށް ތައްޔާރުވުމަށް ޖަހަންޖެހޭ ބެޑާއި އެކްސްކަވޭޓަރުން ކޮންނަންޖެހޭ ކޮނުމުގެ މަސައްކަތް އަޅުގަނޑުމެން ވަރަށް އަވަހަށް ފަށައިގަންނަނާނަން." ޝާހު ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހޯރަފުށީ އެއާޕޯޓް އަޅަން ނިންމާފައި އޮތީ ހއ. މާފިނޮޅުގަ އެވެ. އެތަނުގައި އެއާޕޯޓު އެޅުމަށްޓަކައި ބިން ހިއްކަން ވެސް އެމްޓީސީސީއާ މިދިޔަ އަހަރު ހަވާލުކުރި އެވެ. އެކަމަކު، ޔާމީންގެ ސަރުކާރު ބަދަލުވުމާ އެކު، މި ސަރުކާރުން ވަނީ މާފިނޮޅުގެ ބަދަލުގައި ހޯރަފުށީގައި އެއާޕޯޓް އަޅަން ނިންމައިފަ އެވެ.