Roadha Mihaaru
"މެމްބަރުން ވައްކަން ކުރާނަމަ މިނިވަންކަމެއް ނޯންނާނެ"

މަޖިލީހުގެ މެމްބަރުން ވައްކަން ކުރާ ނަމަ މިނިވަންކަމެއް ނޯންނާނެ: ނަޝީދު

05 އެޕްރީލް 2019

ރައްޔިތުން މަޖިލީހުގެ މެމްބަރުން ވައްކަން ކުރަން ފެށުމުން ރާއްޖޭގެ މިނިވަންކަން ނުހިފެހެއްޓޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ރައްޔިތުން މަޖިލީހުގެ މެމްބަރުން ވައްކަން ކުރަން ފެށުމުން ރާއްޖޭގެ މިނިވަންކަން ނުހިފެހެއްޓޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީން ކުރި ކެމްޕޭން ނިންމާލުމަށް ގިނަ އަދަދެއްގެ ސަޕޯޓަރުންނާ އެކު ލޮނުޒިޔާރަތްކޮޅުގައި ބޭއްވި ކެމްޕޭން ނިންމުމުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ ރާއްޖޭގެ އެންމެ "މަތީ ގެއަކީ" މަޖިލިސް ކަމަށެވެ. "ފައިސާ ގޯނިގޯނީ"ގެ ވާހަކައާ އެކު މަޖިލިސް މެމްބަރުން ފާޅުގައި ވައްކަން ކުރުމުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލު ގެއްލިފައިވާ ކަމަށް ވިދާޅުވި އެވެ.

"އެ ގޭގެ މެމްބަރުން ފާޅާއި ސިއްރުގައި ކަނޑައެޅިގެން ވައްކަން ކުރަމުން ގެންދިޔައީމާ ދެން ދިވެހިރާއްޖޭގެ އިސްތިގުލާލެއް ދިވެހި ރާއްޖޭގެ މިނިވަން ކަމެއް އަޅުގަނޑުމެންނަކަށް ނުހިފެހެއްޓޭނެ،" ފޯރީގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވި އެވެ.

މަޖިލިސް އިންތިޚާބުގެ ކެމްޕެއިން ނިންމުމަށް މިރޭ އެމްޑީޕީން ބޭއްވި ޖަލްސާ: ފޮޓޯ: ހުސައިން ވަހީދު/މިހާރު

މަޖިލިސް އިންތިޚާބުގެ ކެމްޕެއިން ނިންމުމަށް މިރޭ އެމްޑީޕީން ބޭއްވި ޖަލްސާ: ފޮޓޯ: ހުސައިން ވަހީދު/މިހާރު

އެމަނިކުފާނު ވިދާޅުވި ގޮތުގައި މެމްބަރުންނަކީ ނަޒާހާތްތެރި އަދި މާލީ ބަޔާން ހާމަ ކުރާނެ މެމްބަރުންނަށް ވާން ޖެހޭނެ އެވެ. އެމްޑީޕީގެ މެމްބަރުންނަކީ އެފަދަ ނަޒާހަތްތެރި މެމްބަރުންނަށް ވެގެންދާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އެޖެންޑާ 19 އަކީ ދިވެހި ރައްޔިތުންގެ ހާލަތު މުޅިން ރަނގަޅު ކޮށްދޭނެ ގާނޫނީ އޮނިގަނޑެއް ކަމަށެވެ. އަދި އެއީ މެދު އާމްދަނީގެ ގައުމަކުން، ތަރައްގީވެފައިވާ ގައުމަކަށް ރާއްޖެ ގެންގޮސްދޭނެ އެޖެންޑާ ކަމަށް ވިދާޅުވި އެވެ. އަދި އެއީ، ބޯހިޔާވަހިކަމާއި ވަޒީފާގެ ފުރުސަތުތައް ފަދަ ހައްލުތައް ހިމެނޭ އެޖެންޑާއެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މަޖިލީހުގެ އަޣުލަބިއްޔަތު ނުލިބިއްޖެ ނަމަ މިނިވަން މުއައްސަސާތަކުން ސަރުކާރަށް އޮންނަ އިތުބާރު ގެއްލިގެން ދިއުމާއި ޝަރީއަތްތަކުގައި ސިޔާސީ ކުލަ ޖެހުން ފަދަ އެތައް ކަމެއް ހިނގާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި ރިޝްވަތާ އެކު ރާއްޖޭގެ ވެރިކަން ބަޣާވާތަކުން ބަދަލުކުރާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދުގެ ވާހަކަފުޅުގައި މިރޭ ވެސް ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ފާޑުވިދާޅުވެފަ އެވެ. އިންކަމް ޓެކްސް ނެގުމަށް އެމަނިކުފާންގެ ސަރުކާރުގައި މަޖިލީހަށް ހުށަހެޅުއްވި އިރު މާލިއްޔަތު ކޮމެޓީގެ މުގައްރިރަކަށް އިންނެވީ މިހާރު މަޖިލީހުގެ ރައީސް ގާސިމް ކަމަށާއި މަޖިލިސް ނިމިގެން ދިޔައީ އެ ބިލް ފާސްނުކޮށް ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ރައްޔިތުންނަކަށް މިދެންނެވި އާމްދަނީން ފައިދާއެއް ނުލިބުނު. އަޅުގަނޑުމެން ތިބޭފުޅުންނަށް މިހުށަހަޅަނީ ޖުމްލަ ހައްލެއް. ތިބޭފުޅުންގެ ހާލަތު ރަނގަޅު ވެގެންދާނެ ގޮތެއް،" ނަޝީދު ވިދާޅުވި އެވެ.

މިރޭ އެމްޑީޕީން ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވާހަކަ ދައްކަވަނީ: ފޮޓޯ: ހުސައިން ވަހީދު/މިހާރު

މިރޭ އެމްޑީޕީން ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވާހަކަ ދައްކަވަނީ: ފޮޓޯ: ހުސައިން ވަހީދު/މިހާރު

ރައީސް އަބްދުﷲ ޔާމީނަށް ފާޑުވިދާޅުވަމުން ނަޝީދު ވިދާޅުވީ އެ ވެރިކަން ފެއްޓެވީ ތެޔޮ ހޯދާނެ ކަމުގެ ވައުދާ އެކުގައި ނަމަވެސް ވެރިކަން ނިންމާލެއްވީ ތެލުގެ ވައްކަމުން ކަމަށެވެ. ނަޝީދު އެ ތުހުމަތު ކުރައްވަނީ އުތުރު ކޮރެއާގެ ތެޔޮ ޓޭންކަރަކާއި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ތެޔޮ ޓޭންކަރަކުން ކަނޑުމަތީގައި ވަގަށް ތެޔޮ ވިއްކި ކަމަށް ކުރެވޭ މައްސަލައިގައި ޔާމީންގެ އަތެއް އޮތް ކަމަށެވެ.

މޮޅު އިކޮނޮމިސްޓެއް ކަމަށް ވިދާޅުވެ ސްޕެޝަލް އިކޮނޮމިކް ޒޯނެއް ޔާމީންގެ ސަރުކާރުން އުފެއްދެވި އިރު ރައްޔިތުންނަށްވި އެއްވެސް ފައިދާއެއް ނެތް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. ކުރީ ސަރުކާރުން ޗައިނާއާ އެކު ހެދި ފްރީ ޓްރޭޑް އެގްރިމެންޓް ތަންފީޒުވި ނަމަ ރާއްޖޭގެ ވިޔަފާރިތައް ބަނގުރޫޓުވެގެން ދާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.