Roadha Mihaaru

ރިޔާދުގައި ބޭއްވި ޓްރެވެލް ފެއާއެއްގައި ރާއްޖެ އިޝްތިހާރުކޮށްފި

މެދު އިރުމަތީގައި ބާއްވާ އެންމެ ބޮޑު ޓްރެވެލް ފެއާގައި ދިވެހިރާއްޖެ އިޝްތިހާރުކޮށްފި އެވެ.

މެދު އިރުމަތީގައި ރާއްޖެ އިޝްތިހާރުކޮށްފި
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

30 މާޗް 2019

މެދު އިރުމަތީގައި ބާއްވާ އެންމެ ބޮޑު ޓްރެވެލް ފެއާގައި ދިވެހިރާއްޖެ އިޝްތިހާރުކޮށްފި އެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ބުނި ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހު ފެށި ފެއާ ނިމޭނީ މިއަދެވެ.

ސައޫދީ އަރަބިއްޔާގެ ރިޔާދުގެ ފައިސަލިއާ ޓަވާ ހޮޓެލްގައި ކުރިއަށްދާ މި ފެއާގައި ރާއްޖޭގެ ތިން ކުންފުނިން ބައިވެރިވި އެވެ. މަޓާޓޯއިން މި ފެއާގައި ބައިވެރިވާ މިއީ ހަތަރު ވަނަ ފަހަރެވެ.

މެދު އިރުމައްޗަށް ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކޮށް ފުޅާ ކުރުމަށް ކުރިއަށްގެންދާ މަސައްކަތާ ގުޅިގެން އެ ސަރަހައްދުން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އެއް އަހަރުން އަނެއް އަހަރަށް އަންނަނީ އިތުރުވަމުންނެވެ.

އެގޮތުން 2016 ވަނަ އަހަރާއި 2017 ވަނަ އަހަރު ރާއްޖެ އަށް އައި ޓޫރިސްޓުންގެ 3.4 ޕަސެންޓް ހިއްސާ ކުރީ މެދު އިރުމަތީގެ ގައުމުތަކަށެވެ.

މަޓާޓޯ އިން އަންނަނީ ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ބާއްވާ ފެއާތަކުގައި ބައިވެރިވެ، ރާއްޖެ އިޝްތިހާރު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.