Roadha Mihaaru
ބޯޓު ހައިޖެކްކުރި ރެފިއުޖީންނަށް ދައުވާ ކުރަނީ

ބޯޓު ހައިޖެކްކުރި ރެފިއުޖީންނަށް ދައުވާ ކުރަނީ

30 މާޗް 2019

ވަލެއްޓާ (މާޗް 30) - މޯލްޓާގެ ތެޔޮ ބޯޓެއް ކަނޑުމަތިން ހައިޖެކްކުރި ރެފިއުޖީންނާ ދެކޮޅަށް މޯލްޓާ އިން ދައުވާ ކުރަން ނިންމައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވަލެއްޓާ (މާޗް 30) - މޯލްޓާގެ ތެޔޮ ބޯޓެއް ކަނޑުމަތިން ހައިޖެކްކުރި ރެފިއުޖީންނާ ދެކޮޅަށް މޯލްޓާ އިން ދައުވާ ކުރަން ނިންމައިފި އެވެ.

ލީބިއާގެ ބޭރުން ކަނޑުމަތިން ނެގި 100 ވަރަކަށް ރެފިއުޖީން ބޭނުންވީ މޯލްޓާ އަށް ދާށެވެ. ނަމަވެސް ތެޔޮ ބޯޓުން އުޅުނީ އެ މީހުން އަނބުރާ ލީބިޔާ އަށް ގެންދާށެވެ. އެހެންވެ ރެފިއުޖީން ވަނީ ބޯޓު ހިސޯރު ކުރުމަށް ފަހު އެ މީހުން ބޭނުންވާ މަންޒިލަށް ބޯޓު ގެންދަން މަސައްކަތް ކޮށްފަ އެވެ. ބޯޓު ހައިޖެކް ކުރުމުގައި ބައިވެރިވެފައި ވަނީ ގިނީ އަދި އައިވަރީ ކޯސްޓުގެ ބައެކެވެ. މީގެ ތެރޭގައި އުމުރުން 19، 16 އަދި 15 އަހަރުގެ ތިން ކުދިން ވެސް ހިމެނެ އެވެ. ހުރިހާ ރެފިއުޖީން ވެސް މިހާރު ތިބީ މޯލްޓާގައި ބަންދުކޮށްފަ އެވެ.

މޯލްޓާގައި އެ މީހުންގެ މައްޗަށް ދައުވާ ކުރަނީ އެ ގައުމުގެ ޓެރަރިޒަމް ގާނޫނުގެ ދަށުންނެވެ. ކުށްވެރިވެއްޖެ ނަމަ މަދުވެގެން 30 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

މި ހާދިސާ ހިނގި އިރު ޔޫރަޕިއަން ޔޫނިއަން އިން ވަނީ މެޑިޓެރޭނިއަން އަށް ކަނޑަށް ސިފައިންގެ ޕެޓްރޯލް ބޯޓުތައް ފޮނުވުން ހުއްޓާލައިފަ އެވެ. އީޔޫ އިން ބުނެފައި ވަނީ އެގޮތަށް ނިންމީ އިޓަލީން އެދިގެން ކަމަށެވެ. މެޑިޓެރޭނިއަން ޕެޓްރޯލް ކުރަން އީޔޫ އިން ފެށީ މީހުން ސްމަގްލް ކުރުން ހުއްޓުވުމަށާއި ޔޫރަޕަށް އެތެރެވާން މަސައްކަތް ކުރާ ރެފިއުޖީން ހުއްޓުވުމުގެ ގޮތުންނެވެ. ކަނޑު މަތިން މީގެ ކުރިން ވަނީ އެތައް ރެފިއުޖީންނެއް ސަލާމަތްކޮށްފަ އެވެ.

މިދިޔަ އަހަރު ޔޫރަޕަށް އެތެރެވާން 60،000 ރެފިއުޖީން ވަނީ މަސައްކަތްކޮށްފަ އެވެ.