Roadha Mihaaru
އާ އެންޓިބަޔޮޓިކެއް މަހު ލޮނދިން އުފެއްދިދާނެ

އާ އެންޓިބަޔޮޓިކެއް މަހު ލޮނދިން އުފެއްދިދާނެ: ސައިންސްވެރިން

02 އެޕްރީލް 2019

ބައެއް ބާވަތުގެ މަހުގެ ހުޅުނބުގެ ބޭރުގައި ހުންނަ، ލޮނދި ފަށަލަ އަކީ އެންޓިބަޔޮޓިކް އުފެއްދުމަށް ބޭނުންކުރެވިދާނެ އެއްޗެއް ކަމަށް ސައިންސްވެރިން ބުފި އެވެ.

ބައެއް ބާވަތުގެ މަހުގެ ހުޅުނބުގެ ބޭރުގައި ހުންނަ، ލޮނދި ފަށަލަ އަކީ އެންޓިބަޔޮޓިކް އުފެއްދުމަށް ބޭނުންކުރެވިދާނެ އެއްޗެއް ކަމަށް ސައިންސްވެރިން ބުފި އެވެ.

މިހާރު ބޭނުންކުރާ އެންޓިބަޔޮޓިކަށް ބެކްޓީރިއާތައް ހޭނި އެއިން ބަލިތައް ފަސޭހަކުރުން އުނދަގޫވާ މައްސަލަ ބޮޑުވެ އާ އެންޓިބަޔޮޓިކެއް ހޯދަން ސައިންސްވެރިން ކުރާ މަސައްކަތުގައި މިއީ ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ސައިންސްވެރިން ދެކެ އެވެ. މިހާރު ގެންގުޅޭ އެންޓިބަޔޮޓިކުން ބަލިތައް ފަސޭހަ ނުކުރެވޭ ހާލަތަށް ހިނގައްޖެ ނަމަ އެންމެ އާންމުކޮށް ޖެހޭ ބަލިތަކަކީ ވެސް ފުރާނަ އަށް ނުރައްކާ ސިއްހީ މައްސަލަތައް ކަމަށް ވެދާނެ ކަމަށް ތަޖުރިބާކާރުން އަންނަނީ އިންޒާރު ދެމުންނެވެ.

ދިރާސާ ޓީމަކުން ބުނި ގޮތުގައި ކަނޑުގައި އުޅޭ ބައެއް ބާވަތުގެ މަހުގެ ބޭރުގައި ހުންނަ ލޮނދީގެ ފަަށލަ އަކީ އާ އެންޓިބަޔޮޓިކަކަށް އޮތް އުންމީދެކެވެ. އެއީ މަހަށް ނުރައްކާތެރި ބެކްޓީރިއާ އާއި ފަންގަސް އަދި ވައިރަސްތަކުން މަސް ހިމާޔަތްކޮށްދިނުމުގެ ގާބިލްކަން ލިބިފައިވާ ފަށަލައެއް ކަމަށް ސައިންސްވެރިން ބުނެ އެވެ. މި ފަށަލަ މުއްސަނދިވެފައި ވަނީ އެތައް ބައިވަރު ވައްތަރުތަކެއްގެ މައިކްރޯބްސް އިންނެވެ.

"މި މައިކްރޯބްސްތަކުން ބަޔޯއެކްޓިވް ކޮމްޕައުންޑެއް ފެނިދާނެ،" ދިރާސާގައި އިސްކޮށް ހުންނެވި، އޮރެގަން ސްޓޭޓް ޔުނިވަސިޓީގެ ތަޖުރިބާކާރެއް ކަމަށްވާ ޑރ. ސަންދްރާ ލޫޒްގަން ވިދާޅުވި އެވެ.

މިކަމާ ބެހޭ ގޮތުން ކުރި ދިރާސާ އެމެރިކަން ކެމިކަލް ސޮސައިޓީގެ އަހަރީ ބައްދަލުވުމަށް ވަނީ ހުށަހަޅައިފަ އެވެ. އެގޮތުން އެމެރިކާގެ ކެލިފޯނިއާގެ އައްސޭރިފަށުން ފެންނަ 17 މަަހަކުން ނަގާފައިވާ ސާމްޕަލް ހުށަހެޅި އެވެ.

މަހު ލޮނދީގެ ތެރެއިން 47 ވައްތަރެއްގެ ބެކްޓީރިއާ ފެނިފައި ވާއިރު، އެއާ ދެކޮޅަށް މަސައްކަތްކުރާ މާއްދާތައް ހުރީ ކިހާ ވަރަކަށްތޯ ސައިންސްވެރިން ބެލި އެވެ.

މަހު ލޮނދިން ފެނުނު، ބެކްޓީރިއާއާ ދެކޮޅު މާއްދާތައް ބޭނުންކޮށްގެން ކުރި ޓެސްޓްތަކުން އެނގުނު ގޮތުގައި އީކޮލީ ފަދަ އާންމު ބެކްޓީރިއާތަކާ ދެކޮޅަށް އެ މަސައްކަތް ކުރެ އެވެ. އަދި ކޮލޮން ކެންސަރު ސެލްއާ ދެކޮޅަށް ވެސް މި މަސައްކަތްކުރާ ކަމަށް ބުނެފައިވެ އެވެ.

އެންޓިބަޔޮޓިކުން ބަލިތައް ފަސޭހަ ނުުވުމުގެ ކަންބޮޑުވުން އުފެދިފައި ވަނީ އެންޓިބަޔޮޓިކް ބޭނުންކުރަން ޖެހޭ ހާލަތް ނޫން އެހެން ހާލަތްތަކުގައި ބޭނުންކުރުމާއި އެ ބޭނުންކުރަންޖެހޭ ހާލަތްތަކުގައި ވެސް ރައްކާތެރި ގޮތުގައި އެ ބޭނުން ނުކުރެވޭތީ އެވެ. އެހެންވެ ބައެއް ގައުމުތަކުގައި މިހާރު ވަނީ އެންޓިބަޔޮޓިކް ދިނުމުގައި ހަރުކަށި މިންގަނޑުތައް ހަދަން ފަށައިފަ އެވެ.