Roadha Mihaaru
އެޖެންޑާ 19 އަކީ މަކަރުވެރި ސިޔާސަތެއް: ނިހާން

އެޖެންޑާ 19 ގައި ހަކަތައެއް ނެތް، އެއީ މަކަރުވެރި ސިޔާސަތެއް: ނިހާން

03 އެޕްރީލް 2019

ހޮނިހިރު ދުވަހު އޮންނަ އާންމު އިންތިޚާބަށް، ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން ތައްޔާރުކުރި "އެޖެންޑާ 19" އަކީ ހަކަތައެއް ނެތް، މަކަރުވެރި ސިޔާސަތެއް ކަން ދިވެހިން ދަންނަން ޖެހޭ ކަމަށް މަޖިލިހުގެ ވިލިމާލެ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ނިހާން ރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ހޮނިހިރު ދުވަހު އޮންނަ އާންމު އިންތިޚާބަށް، ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން ތައްޔާރުކުރި "އެޖެންޑާ 19" އަކީ ހަކަތައެއް ނެތް، މަކަރުވެރި ސިޔާސަތެއް ކަން ދިވެހިން ދަންނަން ޖެހޭ ކަމަށް މަޖިލިހުގެ ވިލިމާލެ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ނިހާން ރޭ ވިދާޅުވެއްޖެ އެވެ.

އާންމު އިންތިޚާބުގައި ކޮންގްރެސް ޕާޓީގެ ޓިކެޓުގައި ހުޅުމާލެ ދާއިރާ އަށް ވާދަކުރައްވާ އިބްރާހިމް ފައިސަލް ކެމްޕެއިން ޖަލްސާގައި ނިހާން ވިދާޅުވީ މަކަރު ހެދުމާއި އޮޅުވައިލުމަކީ އެމްޑީޕީގެ ސިފައެއް ކަމަށެވެ. އޭނާ ސިފަކުރެއްވި ގޮތުގައި އެމްޑީޕީން ހަދައިގެން އުޅޭ ސިޔާސަތަކީ "ޗިޗަންޑާ 19" އެވެ.

ނިހާން ވިދާޅުވީ، ރައްޔިތުންގެ މަޖިލިހުން ޖާގަ ދޭން ޖެހޭނީ ބިނާ ކުރުވަނިވި ފިކުރަށް ކަމަށެވެ. އަދި މަޖިލިހުގައި ފަނާކުރުވަނިވި ފިކުރަށް ޖާގަ ދޭން ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. މަޖިލިހަށް ބޭބެ ނުވަތަ ކޮއްކޮ، ދައްތަ ނުވަތަ ކާފަ މަޖިލިހަށް ފޮނުވަން ނުޖެހޭ ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.

ހުޅުމާލޭގައި ރޭ ބޭއްވި ފައިސަލްގެ ކެމްޕެއިން ޖަލްސާގައި، އޭނާގެ ބައްޕަ، އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އާއި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު

ހުޅުމާލޭގައި ރޭ ބޭއްވި ފައިސަލްގެ ކެމްޕެއިން ޖަލްސާގައި، އޭނާގެ ބައްޕަ، އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އާއި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު

އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ހުޅުމާލެ ދާއިރާ އަށް ވާދަކުރައްވައި އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކޮއްކޯފުޅު އަލީ ނިޔާޒަށް ނިހާން ވަނީ ނުސީދާ ގޮތެއްގައި ފާޑު ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އަލީ ނިޔާޒަށް ސަރުކާރު ޒިންމާދާރެއް ނުކުރެވޭނެ އެވެ.

"އަޅުގަނޑު ދަންނަވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރެއްގައި މަޖިލިހުގައި އިނދެގެން އިބްރާހިމް މުހައްމަދު ސޯލިހްގެ ކޮއްކަ އަކަށް ސަރުކާރު ޒިންމާދާރެއް ނުކުރެވޭނެއޭ. މިއީ އިތުރަށް ތަރުޖަމާ ކުރަން ޖެހޭނެ ކަމެއް ނޫން،" އަލީ ނިޔާޒަށް އިޝާރާތް ކުރައްވައި ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވި ގޮތުގައި، ހުޅުމާލޭގައި ކަމެއް ނުވެގެން، އެ ވާހަކަ ދައްކާލާނެ މީހެއް ނެތިއްޖެ ނަމަ، އޮންނާނީ ލަސްވެފަ އެވެ. އޭރުން "ޗިޗަންޑާ" އޮންނާނީ ފީވެފައި ކަމަށް އޭނާ ވިދާޅުވި އެވެ.

ހުޅުމާލޭގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި އަބްދުއްރަހީމް ވާހަކަ ދައްކަވަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު

ހުޅުމާލޭގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި އަބްދުއްރަހީމް ވާހަކަ ދައްކަވަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު

"އެޖެންޑާ 19" ގެ ދަށުން އެމްޑީޕީން މަޖިލިހަށް ހުށަހަޅާ ކަންކަމުގެ ތެރޭގައި ހިމެނޭ މައިގަނޑު ފަސް ކަމަކީ އިންސާފު، އޯގާތެރި ސަރުކާރު، ފަޚްރުވެރި އާއިލާ، ޖަޒީރާ ދިރިއުޅުން އަދި ނޫ އިގްތިސާދެވެ. މިއީ، އެމްޑީޕީން މިދިޔަ ރިޔާސީ އިންތިޚާބަށް ތައްޔާރު ކުރި މެނިފެސްޓޯގައި ވެސް ހިމެނޭ ކަންކަމެވެ.

"އެޖެންޑާ 19" ގައި ހިމެނޭ މުހިންމު ބައެއް ކަންކަމުގެ ތެރޭގައި އިތުބާރު ކުރެވޭ ސިއްހީ ނިޒާމާއި ވަޒީފާ ހޯދަން މަސައްކަތް ކުރާ މީހުންނަށް އިނާޔަތް ދިނުމާއި އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާއި ބޯހިޔާވަހިކަން ހޯދައި ދިނުމާއި ފެނާއި ކަރަންޓު އަގުހެޔޮ ކުރުން ފަދަ ކަންކަން ހިމެނެ އެވެ.

"އިނގިރޭސި ވިލާތުގައި ކިޔަވަން އުޅުނު ދިވެހި ޒުވާނަކު، އޭނާއަކީ ސީދަލަށް ދަމާފައި އޮންނަ މަގަކުން ހިނގާލަން ދަތި ސޮރެއް. އެއީ ކުރީގައި ވެސް ދަތި ސޮރެއް. މިހާރު ވެސް ދަތި ސޮރެއް. އަދި މާދަމާ ވެސް ދަތި ސޮރެއް. މި ސޮރު ހޯދާފައި ތާޖު އަޅުވާފައި ގައުމަށް ޑިމޮކްރަޓިކް ވެއްޓެއް ގާއިމު ކުރަންށޭ ކިއާފައި ފޮނުވާލީ،" --- ނިހާން

މީގެ އިތުރުން ދިވެހި ކަނޑު މަހަށް ހަމަ އަގު ހޯދުމާއި، ގެސްޓް ހައުސްގެ ވިޔަފާރި ފުޅާކުރުމާއި، އެގްރި ވިޔަފާރި ފަހިކުރުމާއި، ދަތުރުފަތުރުގެ ވިއުގައަކުން ރާއްޖެ ގުޅުވާލުން ފަދަ ސިޔާސަތުތައް ހިމެނެ އެވެ.

ނިހާން ވިދާޅުވީ ސިޔާސީ މަސައްކަތުގައި އޭނާ އުޅުއްވާތާ 15 އަހަރުވެފައިވާ އިރު، މީގެ އެތައް އަހަރެއް ކުރިން ފަނާ ކުރުވަނިވި "އޮށް" އިންދާފައިވާ ކަމަށެވެ. އަދި ހުޅަނގުގެ ފަރާތްތަކަށް ރާއްޖެ ކަމު ނުދަނީ އިސްލާމީ ގައުމެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށް ނިހާން ވިދާޅުވި އެވެ.

އެހެންވެ، މިކަން މިގޮތަށް ނުބޭއްވުމަށް ހުޅަނގުގެ ފަރާތްތަކުން މަސައްކަތް ފަށާފައިވާ ކަމަށާއި އެމީހުން އެޖެންޓެއް މާ ކުރިން އޮތީ ހަމަޖައްސާފައި ކަމަށް ނިހާން ވިދާޅުވި އެވެ.

"އިނގިރޭސި ވިލާތުގައި ކިޔަވަން އުޅުނު ދިވެހި ޒުވާނަކު، އޭނާ އަކީ ސީދަލަށް ދަމާފައި އޮންނަ މަގަކުން ހިނގާލަން ދަތި ސޮރެއް. އެއީ ކުރީގައި ވެސް ދަތި ސޮރެއް. މިހާރު ވެސް ދަތި ސޮރެއް. އަދި މާދަމާ ވެސް ދަތި ސޮރެއް. މި ސޮރު ހޯދާފައި ތާޖު އަޅުވާފައި ގައުމަށް ޑިމޮކްރަޓިކް ވެއްޓެއް ގާއިމު ކުރަންށޭ ކިޔާފައި ފޮނުވާލީ،" ވަކި މީހެއްގެ ނަން ނުގެންނަވައި ނިހާން ވިދާޅުވި އެވެ.