Roadha Mihaaru
ފަގީރުކަން ނައްތާލައި 50 މިލިއަން އާއިލާ އަށް ފައިސާ

ކޮންގްރެސްގެ މެނިފެސްޓޯ: ފަގީރުކަން ނައްތާލައި 50 މިލިއަން އާއިލާ އަށް ފައިސާ

04 އެޕްރީލް 2019

ނިއު ދިއްލީ (އެޕްރީލް 4) - އިންޑިއާގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ ކޮންގްރެސްގެ މެނިފެސްޓޯގައި 2030 ވަނަ އަހަރާ ހަމައަށް ދާންވާއިރަށް ގައުމުން ފަގީރުކަން ނައްތާލައި 50 މިލިއަން އާއިލާ އަށް ފައިސާ ދިނުމަށާ އަދި ވައި ސާފު ކުރުމަށް އަޅާނެ އިމަޖެންސީ ފިޔަވަޅުތައް ހިމަނައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ނިއު ދިއްލީ (އެޕްރީލް 4) - އިންޑިއާގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ ކޮންގްރެސްގެ މެނިފެސްޓޯގައި 2030 ވަނަ އަހަރާ ހަމައަށް ދާންވާއިރަށް ގައުމުން ފަގީރުކަން ނައްތާލައި 50 މިލިއަން އާއިލާ އަށް ފައިސާ ދިނުމަށާ އަދި ވައި ސާފު ކުރުމަށް އަޅާނެ އިމަޖެންސީ ފިޔަވަޅުތައް ހިމަނައިފި އެވެ.

ކޮންގްރެސްގެ 55 ސަފުހާގެ މެނިފެސްޓޯއާ ގުޅޭ ގޮތުން ޕާޓީގެ ލީޑަރު ރާހުލް ގާނދީ ވިދާޅުވީ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ހުށަހަޅުއްވަމުން ގެންދަވަނީ ދޮގު ވައުދުތަކެއް ކަމަށާއި ހުސް ސްލޯގަންތަކަކާއި ފެއިލްވެފައިވާ ޕްރޮގްރާމްތަކެއް ކަމެއް ކަމަށެވެ. މީގެ އިތުރުން މޯދީގެ ސިޔާސަތުތަކުގެ ސަބަބުން ބިރުވެރިކަން އުފައްދައިފި ކަމަށް ވިދާޅުވި އެވެ.

"ކޮންގްރެސްގެ މެނިފެސްޓޯ އަކީ ރައްޔިތުންގެ އަޑު،" ވެރިރަށް ނިއު ދިއްލީގައި ހުންނަ ޕާޓީގެ ހެޑްކްއާޓަރުގައި މެނިފެސްޓޯ ނެރެދެއްވަމުން ރާހުލް ވިދާޅުވި އެވެ. "މި މެނިފެސްޓޯގެ އެންމެ ބަހެއް ވެސް ދޮގެއް ނުވާނެ."

ގައުމަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ ވަޒީފާ ނެތް މީހުންގެ މައްސަލަކަން ފާހަގަ ކުރައްވައި ރާހުލް ވިދާޅުވީ ޕާޓީން އެންމެ އިސްކަން ދޭނީ ވަޒީފާތައް އުފައްދައި ވީހާވެސް ގިނަ މީހުންނަށް ވަޒީފާ ދިނުމަށް ކަމަށެވެ. އަދި އިންޑަސްޓްރީ، ސާވިސަސް އެންޑް އެމްޕްލޮއިމަންޓުގެ ނަމުގައި އާ މިނިސްޓްރީއެއް އުފައްދާނެ ކަމަށް ވިދާޅުވި އެވެ.

އިންޑިއާގެ އެންމެ ފަގީރު 50 މިލިއަން އާއިލާ އަށް އަހަރަކު 72،000 ރުޕީސް (1،045 ޑޮލަރު) ގެ ނަގުދު ފައިސާ ދެއްވާނެ ކަމަށް މެނިފެސްޓޯގައި ލިޔެފައިވެ އެވެ. އަދި އިންޑިއާގެ 260 މިލިއަން ދަނޑުވެރިންގެ ކަންކަން ރަނގަޅު ކުރުމަށް ވަކި ބަޖެޓެއް ކަނޑައަޅާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ކޮންގްރެސް ޕާޓީން ބުނެފައި ވަނީ އިންޑިއާގައި ވައި ނުސާފުވެފައި އޮތް މިންވަރު ފާހަގަވާ ކަމަށެވެ. ދުނިޔޭގައި އެންމެ ބޮޑަށް ވައި ތަޣައްޔަރުވެފައިވާ 30 ސިޓީގެ ތެރޭން 22 ސިޓީ އަކީ އިންޑިއާގެ ސިޓީތަކެވެ.

"ވައި ނުސާފުވުމުގެ މައްސަލަ އަށް ހައްލު ހޯދުމުގެ ގޮތުން ނޭޝަނަލް ކްލީން އެއާ ޕްރޮގްރާމެއް ހިންގާނަން،" މެނިފެސްޓޯގައި ބުނެފައިވެ އެވެ.