Roadha Mihaaru
ޖަމްޝީދާއި ޓޫފޯ ވަކިކުރުން ހުއްޓުވަން ސުޕްރީމް ކޯޓަށް

ޖަމްޝީދާއި ޓޫފޯ ވަޒީފާ އިން ވަކިކުރި ނިންމުން ހުއްޓުވަން ސުޕްރީމް ކޯޓަށް

14 ފެބުރުއަރީ 2022

އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ޖަމްޝީދާއި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު މުހައްމަދު (ޓޫފޯ) ވަޒީފާ އިން ވަކިކުރަން ނިންމި ނިންމުމަށް އަމަލު ކުރުން ފަސްކުރަން އެ ދެ ބޭފުޅުންގެ ފަރާތުން ސުޕްރީމް ކޯޓުގައި މައްސަލަ އިސްތިއުނާފުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ޖަމްޝީދާއި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު މުހައްމަދު (ޓޫފޯ) ވަޒީފާ އިން ވަކިކުރަން ނިންމި ނިންމުމަށް އަމަލު ކުރުން ފަސްކުރަން އެ ދެ ބޭފުޅުންގެ ފަރާތުން ސުޕްރީމް ކޯޓުގައި މައްސަލަ އިސްތިއުނާފުކޮށްފި އެވެ.

ފުލުހުންގެ ގާނޫނުގެ ދަށުން އުފެއްދި ޕޮލިސް ބޯޑުން، ޖަމްޝީދާއި ޓޫފޯގެ އިތުރުން ސުޕްރިޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ދާއޫދާއި ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފާއި ސުޕްރިޓެންޑެންޓް އޮފް ޕޮޮލިސް އިސްމާއިލް ޝަމީމް ވަކިކުރަން ނިންމި ނިންމުން އެ ބޭފުޅުންގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅުއްވާފައިވާތީ، އެ މައްސަލަ ނިމެންދެން ޕޮލިސް ބޯޑުގެ ނިންމުން ތަންފީޒު ކުރުން ފަސް ކުރުމުގެ އަމުރަކަށް އެ ބޭފުޅުން އެދިވަޑައިގަތެވެ.

އެފަދަ އަމުރެއް ނެރެދޭން ސިވިލް ކޯޓުން ދެކޮޅު ހެދިޔަސް، ހައި ކޯޓުން ވަނީ ދާއޫދާއި ޝަރީފްގެ އިތުރުން ޝަމީމް ވަކިކުރުން ފަސްކުރުމުގެ އަމުރެއް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ނެރެފަ އެވެ. އެކަމަކު ހައި ކޯޓުން އަމުރު ނެރުމުގެ ކުރިން ޖަމްޝީދާއި ޓޫފޯ ވަޒީފާ އިން ވަކިކޮށްފައިވާތީ، އެ ދެ ބޭފުޅުންގެ ވަޒީފާ ދަމަހައްޓަން އަމުރެއް ނެރެދޭން ހައި ކޯޓުން ދެކޮޅު ހެދި އެވެ.

ހައި ކޯޓުގެ އެ ނިންމުން ޖަމްޝީދާއި ޓޫފޯގެ ފަރާތުން އިސްތިއުނާފް ކުރުމުން، ސުޕްރީމް ކޯޓުން މިއަދު ބޭއްވި އަޑުއެހުމުގައި އެ ދެ ބޭފުޅުންގެ ވަކީލް މަރިޔަމް ނިހާޔަތު ވިދާޅުވީ، ޖަމްޝީދާއި ޓޫފޯ ވަކިކުރަން ނިންމުމާއެކު، އެ މައްސަލަ އެ ދެ ބޭފުޅުންގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ކަމަށެވެ. އެ ބޭފުޅުން ވަޒީފާ އިން ވަކިކުރީ ކޯޓުގައި އެފަދަ އަމުރަކަށް އެދިފައި އޮއްވައި އަދި އަމުރާ މެދު ކޯޓުން ގޮތެއް ނުނިންމަނީސް ކަމަށް ނިހާޔަތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމަށް ފަހު ވެސް އަޑުއެހުންތައް އަވަހަށް ބާއްވަން އެ ދެ ބޭފުޅުންގެ ފަރާތުން ކޯޓުގައި އެދެމުންދިޔަ ކަމަށާއި އެކަމަކު ސިވިލް ކޯޓުން ޑިސްޕިއުޓް މަރުހަލާ ވެސް ފެށީ އެ ދެ ބޭފުޅުން ވަކިކުރި ދުވަހު ކަމަށެވެ. އަދި ޑިސްޕިއުޓް މަރުހަލާއަށް ފަހު، ޝަރީއަތުގެ މަރުހަލާ ފެށުނީ ވެސް ވަކިކުރިތާ ތިން ދުވަސް ފަހުން ކަމަށް ނިހާޔަތު ވިދާޅުވި އެވެ. އެހެންވެ، އޭނާ އެދިވަޑައިގަތީ ސިވިލް ކޯޓުގެ މައްސަލަ ނިމެންދެން، ޖަމްޝީދާއި ޓޫފޯ ވަކިކުރަން ނިންމި ނިންމުން އަމަލުކުރުން ފަސް ކުރުމަށެވެ.

ދައުލަތުން ބުނިގޮތުގައި، ސިވިލް ކޯޓުން ޝަރީއަތުގެ މަރުހަލާ ފެށިއިރު ވެސް ޖަމްޝީދާއި ޓޫފޯ ވަނީ ވަޒީފާ އިން ވަކިކޮށްފަ އެވެ. އަދި އެ ދުވަހު ކޯޓުން ވަގުތީ އަމުރާ މެދު ގޮތެއް ނިންމާފައިވާ ކަމަށް ދައުލަތުން ބުންޏެވެ. މި މަރުހަލާގައި ޖަމްޝީދާއި ޓޫފޯ ވަކިކުރި ނިންމުމަށް އަމަލުކުރުން ފަސްކުރުމުގެ އަމުރެއް ނެރެދީފި ނަމަ، އެއީ ސިވިލް ކޯޓުގައި ހިނގާ މައްސަލައާ މެދު ދުރާލައި ގޮތެއް ކަނޑައެޅުން ކަމަށާއި އެހެންވެ، އެފަދަ އަމުރެއް ނެރެދޭން ނުޖެހޭ ކަމަށް ދައުލަތުން ބުންޏެވެ.

ނިމިފައި އޮތް ކަމަކާ ގުޅިގެން އަލުން އަމުރެއް ނެރެވިދާނެތޯ ފަނޑިޔާރުންގެ ބެންޗުން ސުވާލު ކުރެއްވި އެވެ.

ޖަވާބުގައި ނިހާޔަތު ވިދާޅުވީ، އެ މައްސަލާގައި ކަން ހިނގާފައި އޮތީ އާންމު އުސޫލުން ކަން ހިނގާ ގޮތަކަށް ނޫން ކަމަށެވެ. އެހެންވެ، ދެން އޮތް ގޮތަކީ ސުޕްރީމް ކޯޓާ ހަމައަށް ގޮސްގެން ވިޔަސް، އިތުރު ގޮތެއް އޮތްތޯ ބެލުން ކަމަށް ނިހާޔަތު ވިދާޅުވި އެވެ.

އާންމު އުސޫލާ ޚިލާފަށް ކަން ހިނގި ކަމަށް ބުނަނީ ކީއްވެގެންތޯ ބެންޗުން ސުވާލު ކުރެއްވުމުން ނިހާޔަތު ވިދާޅުވީ، އެގޮތަށް ބުނަނީ ވަޒީފާ އިން ވަކިކުރަން ނިންމި ނިންމުން ތަންފީޒު ކުރުމަށް ސިވިލް ކޯޓުން ފުރުސަތު ދިނުމަށް ފަހު އަދި ވަކިިކުރި ފަހުން އަމުރާ މެދު ގޮތެއް ނިންމުމުން ކަމަށެވެ.

މިއަދުގެ އަޑުއެހުން ނިންމައިލަމުން ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ އެ މައްސަލައިގެ ހުކުމް ލަސްތަކެއް ނުވެ އިއްވާނެ ކަމަށެވެ.

އެ މައްސަލަ ސުޕްރީމް ކޯޓުން ބައްލަވަނީ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުގެ އިތުރުން ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ.