ސްކޫލުތައް ޑިޖިޓައިޒްކޮށް ޓެބްލެޓް ބޭނުންކޮށްގެން ކިޔަވައިދޭން ފެށުމަކީ ތައުލީމީ ދާއިރާ އަށް އިންގިލާބީ ބަދަލުތަކެއް އަންނާނެ ކަމެއް ކަމަށް ކުރީގެ ސަރުކާރުން ގަބޫލުކުރި އެވެ. އަދި އެ މަޝްރޫއަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ބޮޑު ހަރަދެއް ވެސް ކުރި އެވެ. އެކަމަކު ޓެބްލެޓުތައް ބޭނުން ނުކުރެވި މިހާރު ބޭކާރުވެފައިވާ ކަމަށް ބައެއް ސްކޫލުތަކުން ބުނެ އެވެ.
08 އެޕްރީލް 2019
ސްކޫލުތައް ޑިޖިޓައިޒްކޮށް ޓެބްލެޓް ބޭނުންކޮށްގެން ކިޔަވައިދޭން ފެށުމަކީ ތައުލީމީ ދާއިރާ އަށް އިންގިލާބީ ބަދަލުތަކެއް އަންނާނެ ކަމެއް ކަމަށް ކުރީގެ ސަރުކާރުން ގަބޫލުކުރި އެވެ. އަދި އެ މަޝްރޫއަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ބޮޑު ހަރަދެއް ވެސް ކުރި އެވެ. އެކަމަކު ޓެބްލެޓުތައް ބޭނުން ނުކުރެވި މިހާރު ބޭކާރުވެފައިވާ ކަމަށް ބައެއް ސްކޫލުތަކުން ބުނެ އެވެ.
ބައެއް ބެލެނިވެރިން ގަބޫލުކުރަނީ ދަބަސް ބަރުވުމުގެ ޒަމާންވީ މައްސަލައަށް ޓެބްލެޓާ އެކު ހައްލެއް އަންނާނެ ކަމަށެވެ. ކުރީގެ ސަރުކާރުގެ ވިސްނުން ވެސް އޭރު ގެންގުޅުނީ އެކަހަލަ ގޮތަކަށެވެ. ނަމަވެސް މިިދިޔަ އަހަރުގެ ފަހު ޓާމުން ފެށިގެން ގިނަ ސްކޫލުތަކުގައި ޓެބްލެޓް ބޭނުންކޮށްގެން ކިޔަވައިދޭން ފެށި ކަމަށް ވިއަސް އެ މަޝްރޫއުގެ ހަގީގީ މަގުސަދު ހާސިލްނުވާ ކަމަށް ތައުލީމީ ދާއިރާގެ ބައެއް ތަޖުރިބާކާރުންނާއި ބެލެނިވެރިން ބުނެ އެވެ.
މިިދިޔަ ސެޕްޓެމްބަރު މަހު ހުރިހާ ދަރިވަރުންނަށް ޓެބްލެޓް ހަވާލުކުރާނެ ކަމަށް ބުންޏަސް، އަދި ވެސް ޓެބްލެޓް ނުލިބޭ އެތައް ދަރިވަރުންނެއް އެބަ ތިއްބެވެ. އަދި ޓެބްލެޓް ހަވާލުކޮށްފައި ވިއަސް އެ ބޭނުންކުރާ ދަރިވަރުންގެ އަދަދު ވެސް މަދެވެ.
ކުރީގެ ސަރުކާރުން ތައުލީމީ ދާއިރާއަށް ގެންނަން އުޅުނު "ބޮޑު އިންގިލާބު"ގައި ބޭނުންކުރަން 70،000 އަށް ވުރެ ގިނަ ޓެބްލެޓް ގެންނަން 2017 ގެ ފަހުކޮޅު ހަވާލުކުރީ މެކްސްކޮމް އެވެ. އަަދި ވާވޭގެ ޓެބްލެޓް ހޯދަން 154 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައެޅި އެވެ. ޓެބްލެޓް ބޭނުންކޮށްގެން ކިޔަވައިދިނުމާ ގުޅޭ ގޮތުން ބެލެނިވެރިންނާއި ޓީޗަރުން ހޭލުންތެރިކުރުވި އެވެ.
ނަމަވެސް ޓެބްލެޓްގެ ބޭނުންކޮށްގެން ކިޔަވައިދިނުމުގެ ކަންކަން ފެށީ ވެސް ދިމާވެދާނެ ބައެއް މައްސަލަތަކަށް ވިސްނާފައި ކަމަށް، ބައެއް ބެލެނިވެރިންނާއި ސްކޫލްތަކުގެ ބައެއް އިސް ވެރިން ގަބޫލެއްނުކުރެ އެވެ. އެކަމުގެ ކަންބޮޑުވުން ފާޅުކޮށް މާލޭގެ ސްކޫލަކުން ވާހަކަދެއްކެވި އިސް ވެރިއަކު ވިދާޅުވީ ޓެބްލެޓް ބޭނުންކުރަން ފެށުމުގެ ކުރިން ކުރަން ޖެހޭ ވަރަށް ގިނަ މަސައްކަތްތައް އަދިވެސް ހުރީ ނުކޮށް ކަމަށެވެ. އެގޮތުން ސްކޫލުގެ އިންޓަނެޓްގެ ފެންވަރު ރަނގަޅުކޮށް، ޓެބްލެޓުގެ ސެކިއުރިޓީ ވެސް ރަނގަޅުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ސްކޫލެއްގައި ޓެބްލެޓް ބޭނުންކޮށްގެން ކިޔަވައިދެނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ބައެއް ސްކޫލްތަކުން ބުނާ ގޮތުގައި އިންޓަނެޓު ގުޅައި އަދި ޓެބްލެޓާ ބެހޭ އެހެން ބައެއް އިންތިޒާމްތައް ހަމަޖައްސާފައިވަނީ އެއްވެސް ރޭވުންތެރިކަމެއް ނެތި އެވެ. މިސާލަކަށް، ޓެބްލެޓަށް އެއް ދުވަހަކު އަޅާ ޕްރޮގްރާމެއް ސަކަރާތްވެގެން އޭގެ އަނެއް ދުވަހު އާ އެހެން އެއްޗެއް އަޅަން ޖެހޭ ކަމަށް ސްކޫލެއްގެ ވެރިޔަކު ވިދާޅުވި އެވެ.
"ވަރަށް ދޯދިޔާކޮށް އެކަންތައް އޮތީ. ބޮޑު ހަރަދެއް ކޮށްގެން ގެނައި އެއްޗެހިތައް ބޭކާރުވެފައިވާ މަންޒަރު މި ފެންނަނީ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހުރިހާ ތަނެއްގައި އެއް ފަހަރާ ޓެބްލެޓު ބޭނުންކޮށްގެން ކިޔަވައިދޭން ފެށުމަކީ ގޮންޖެހުމަކަށް ވާނެ ކަމެއް ކަމަށެވެ. އެހެންވެ މެލޭޝިޔާ އާއި ސިންގަޕޫރު ފަދަ ގައުމުތަކުގައި އޮންނަ އުސޫލުން، މަޑުމަޑުން އެ މަސައްކަތް ފުޅާކުރެވިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ގްރޭޑު ނުވެއްގައި ކިޔަވާ ދަރިވަރެއްގެ ބެލެނިވެރިއަކު ބުނީ ސްކޫލުން ޓެބްލެޓް ދިންކަމުގައި ވިއަސް އެ ބޭނުންކޮށްފައިވަނީ ތިން ދުވަހު ކަމަށެވެ. އޭގެ ފަހުން ޓެބްލެޓްގެ ބޭނުމެއް ނުކުރެ އެވެ.
"ޓެބްލެޓް ނުގެންދޭ ސްކޫލަކަށް. އެތަނުން ބުނީ ޓެބްލެޓް ގެންދާނެ ކަމެއް ނެތޭ. އެހެންވެ އެ އޮންނާނީ ގޭގައި ބާއްވާފައި،" އެ ބެލެނިވެރިޔާ ބުންޏެވެ.
ގްރޭޑު ތިނެއްގައި އުޅޭ ދަރިވަރެއްގެ ބެލެނިވެރިއަކު ބުނީ އޭނާގެ ހަގު ދަރިފުޅަށް ސްކޫލުން އަދި ޓެބްލެޓް ހަވާލުނުކުރާ ކަމަށެވެ. އަދި ގްރޭޑު އަށެއްގައި އުޅޭ ދަރިފުޅަށް މިދިޔަ އަހަރުގެ ފަހުކޮޅު ޓެބްލެޓް ދިން ނަމަވެސް އޭގެ ބޭނުމެއް ނުކުރާ ކަމަށް އޭނާ ބުންޏެވެ.
"ސްކޫލުން ބުނި އެހެން އެއްވެސް އެޕްލިކޭޝަނެއް ޑައުންލޯންޑެއް ނުކުރެވޭނެއޭ. އެކަމަކު ތިން ކޮއްކޮއަކު މިހާރު ވެސް ފާޑުފާޑުގެ އެޕްލިކޭޝަންތައް އަޅައިގެން ބޭނުން ކުރޭ އެބަ. އަސްލު ވަރަށް ކަޑަކޮށް އެކަންތައް އޮތީ،" ކަންބޮޑުވުން ފާޅުކޮށް ވާހަކަދެއްކި އެ ބެލެނިވެރިޔާ ބުންޏެވެ.
މާލޭގެ ސްކޫލެއްގައި ކިޔަވައިދޭ ޓީޗަރަކު ބުނީ ޓެބްލެޓް ބޭނުންކުރަން ސްކޫލުން އެއްވެސް ގޮތަކަށް މަނާނުކުރާ ކަމަށެވެ. ގިނަ ޓީޗަރުން އެ ބޭނުންކޮށްގެން ކިޔަވައިނުދެނީ އޭގެ މުހިއްމުކަން ނެތުމުން ކަމަށް ވެސް އޭނާ ބުންޏެވެ.
އޭނާ ދެކޭ ގޮތުގައި ގިނަ ކުދިން ގޭގައި ވެސް ވަގުތު ހޭދަކުރަނީ ޓެބްލެޓާއި ޓީވީ ސްކްރީނަށް ބެލުމުގަ އެވެ. އެހެންވެ ސްކޫލުގައި ހޭދަކުރާ ކުޑަ ވަގުތުކޮޅުގައި ޓެބްލެޓް ދީގެން ކިޔަވައިދިނުމަކީ މުހިއްމު ކަމެއް ނޫން ކަމަށް އޭނާ ބުންޏެވެ.
ހއ. ކެލާގެ ޝެއިހު އިބްރާހިމް ސްކޫލުގެ ދަރިވަރުން ޓެބްލެޓާ އެކު ފޮޓޯއަކަށް ހުއްޓިލައިގެން
ބައެއް ކްލާސްތަކުގައި، ޓެބްލެޓުގެ ސެކިއުރިޓީ ބްރޭކްކޮށްގެން ދަރިވަރުން އަމިއްލައަށް އެޕްލިކޭޝަން އަޅައި، ގެއިން ރައުޓާ ގެނެސްގެން ސްކޫލުގައި ބޭނުންކުރާ ކަމަށް ވެސް އޭނާ ބުންޏެވެ.
"ކްލާސްރޫމުތަކުގައި މިހާރު ވެސް ޕްރެޒެންޓޭޝަން ދެއްކޭ. އެހެންވީމަ ބޭކާރު ކަމެއް ކޮންމެ ކުއްޖަކަށް ޓެބްލެޓް ދިނުމަކީ. އަނެއްކާ އެ ރަނގަޅަށް ބޭނުމެއް ވެސް ނުކުރެވޭ، ކޮލެޓީ ދަށް އެއްޗެހިތަކެއް،" އެހެން ޓީޗަރަކު ބުންޏެވެ.
މިހާރުގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ޖެނުއަރީ މަހު ވިދާޅުވީ ކިޔަވައިދިނުމުގައި ޓެބްލެޓް ބޭނުންކުރުމުގެ ވިސްނުންތަކެއް އާ ސަރުކާރުގައި ވެސް އެބަހުރި ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގަައި އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އައިސީޓީ) އަށް މަންހަޖުގައި ބޮޑު އަހައްމިއްޔަތުކަމެއް ދެ އެވެ.
"އައިސީޓީ މެދުވެރިކޮށް ޓެބްލެޓުން އަޅުގަނޑުމެންނަށް އިތުރަށް އެ މަޝްރޫއު ފުޅާކުރުމުގެ ވިސްނުންތަކެއް އެބަހުރި. އެ ރޭވުންތައް ރާވަމުން މި ދަނީ. އަޅުގަނޑުމެން ގަސްތުކޮށްފައި އޮތީ ޓެބްލެޓް އެއީ ކިޔަވައިދިނުމަށް ބޭނުންކުރާ އިތުރު އެހީއެއްގެ ގޮތުން ޓެބްލެޓް ވެސް ބޭނުންކުރާ ކަހަލަ ގޮތަކަށް،" މިނިސްޓަރު ވިދާޅުވި އެވެ.
އެކަމަކު މިހާރު ފެންނަ ހަގީގަތަކީ 154 މިލިއަން ރުފިޔާގެ މަޝްރޫއުގެ ފައިދާއެއް ނުފެންނަ ކަމެވެ. އެއީ ރަައްޔިތުންގެ ފައިސާ އިން ކުރީ ސަރުކާރުން ކުރި ވަރަށް ބޮޑު އިސްރާފެއް ކަމަށް ބެލުމުގެ ފުރުސަތު އަދި އޮތީ ހުޅުވިފަ އެވެ.
ސްކޫލުގައި ޓެބްލެޓް ބޭނުންކުރުމުގެ ވިސްނުން އެބަހުރި
ޓެބްލެޓް ބޭނުމެއް ނުކުރެވޭ! ބޮޑު އިސްރާފެއް!
އެއްދަންފަޅިއަށް ކިޔެވުން ބަދަލުކުރަން 1.3 ބިލިއަން
ތައުލީމީ ސިޔާސަތުގެ ތަފާތު: ފޮތްތައް އެއްބަޔަކަށް؟
އާ އުއްމީދުތަކާ އެކު ދިރާސީ އާ އަހަރެއް!
ޓީޗަރުންގެ ވަޒީފާއަށް ޑިމާންޑު ބޮޑުވެއްޖެ: އެޑިއުކޭޝަން
ބޮޑުޗުއްޓީ ބަދަލުކުރަން ބޭނުން ނަމަ ސަރުކާރުން ވިސްނާނެ
ތައުލީމީ ދާއިރާއަށް އަލުން ވަނުމަށް ޝައުގުވެރިވެއްޖެ
މުސާރަ ބޮޑުކުރީމަ ބައެއް ޕްރިންސިޕަލުންނަށް ގެއްލުން
ހަތިމަށް ރިފަރެންސް ދޭން ބުނީ ކުށް ތަކުރާރުވިޔަނުދޭން