Roadha Mihaaru
"ނަފުރަތުވުމުން" ގެ ޕްރިމިއާ މިރޭ

ޔޫއްޕެގެ "ނަފުރަތުވުމުން" މިރޭ ޕްރިމިއާ ކުރަނީ

09 އެޕްރީލް 2019

މި އަހަރު އޮލިމްޕަހުގައި އަޅުވާ ހަތަރު ވަނަ ފިލްމު އަދި ޔޫސުފު (ޔޫއްޕެ) ޝަފީއު ޑައިރެކްޓްކޮށް ގެނެސްދޭ ދެވަނަ ފިލްމު "ނަފުރަތުވުމުން" މިރޭ ޕްރިމިއާ ކުރަން ތައްޔާރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި އަހަރު އޮލިމްޕަހުގައި އަޅުވާ ހަތަރު ވަނަ ފިލްމު އަދި ޔޫސުފު (ޔޫއްޕެ) ޝަފީއު ޑައިރެކްޓްކޮށް ގެނެސްދޭ ދެވަނަ ފިލްމު "ނަފުރަތުވުމުން" މިރޭ ޕްރިމިއާ ކުރަން ތައްޔާރުވެއްޖެ އެވެ.

މި ފިލްމަކީ ޔޫއްޕެގެ ސްކްރީންޕްލޭއަކަށް އޭނާ ޑައިރެކްޓްކޮށް، ސަޕޯޓިން ވެސް ރޯލެއް ވެސް ކުޅެފައިވާ އަސަރުގަދަ ލޯބީގެ ފިލްމެކެވެ. "ނަފުރަތުވުމުން" ގެ މައިގަނޑު ތަރިންނަކީ މަރިޔަމް އައްޒަ، އަލީ (ދޮންއައްޔަ) އާޒިމް އަދި އަހުމަދު (އާނަންދު) އީސަ އެވެ.

ފިލްމުގެ ޓިކެޓް މިދިޔަ މަހުގެ 29 ވަނަ ދުވަހުން ފެށިގެން ވިއްކަމުން އަންނަ އިރު، ޔޫއްޕެ ބުނީ ހޮނިހިރު ދުވަހު ބޭއްވި މަޖިލިސް އިންތިހާބުގެ ކެމްޕޭނުގެ ތެރޭގައި ފިލްމުގެ ޓިކެޓް ވިކޭ ސްޕީޑް މަޑުވި ނަމަވެސް، މިހާރު އަނެއްކާ ވެސް ޓިކެޓް ވިޔަފާރި ރަނގަޅުވެފައިވާ ކަމަށެވެ.

ކުލަ ގަދަ އިވެންޓަކާ އެކު "ނަފުރަތުވުމުން" މިރޭ ޕްރިމިއާ ކުރަން ރޭވި ނަމަވެސް، ފިލްމީ ދާއިރާ އަށް ހިދުމަތްތަކެއްކޮށް ދީފައިވާ ކުރީގެ އެކްޓަރު އަހުމަދު އަފްރާހް އާދީއްތަ ދުވަހު މަރުވުމާ ގުޅިގެން، ޕްރިމިއާ އިވެންޓަށް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ.

"އައްޕުއަކީ ވަރަށް ގިނަ ދުވަހު އެކީގައި މަސައްކަތް ކުރި ގާތް ރައްޓެއްސެއް. އޭނާގެ ކުއްލި މަރާ އެކު ލިބުނު ހިތާމައާ ގުޅިގެން އަހަރެމެން މިހާރު ވަނީ ޕްރިމިއާ އިވެންޓަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ގެނެސްފައި،" ޔޫއްޕެ ބުންޏެވެ. "މިރެއިން ފެށިގެން އޮލިމްޕަހުގައި ފިލްމު ދިހަ ޝޯ ދައްކަން ވަނީ ހަމަޖެހިފައި."

ބ. ދަރަވަންދޫގައި އެއްކޮށް މަންޒަރުތައް ނެގި ފިލްމާ ބެހޭ ގޮތުން ޔޫއްޕެ ބުނީ މިއީ ލޯބީގެ ފިލްމުތައް ކަމުދާ މީހުން ވަރަށް ގަޔާވާނެ ފިލްމަކަށް ވާނެ ކަމަށެވެ. މީގެ މައިގަނޑު ޕްލޮޓަކީ ދެމަރިފިއެއްގެ ދޭތެރޭގައި ދިމާވާ މައްސަލަތަކެވެ.

"ނަފުރަތުވުމުން" ގެ ޓްރެއިލާއެއް.

"މިއީ ހަމައެކަނި ފިލްމެއް ބަލާލުމުގެ ބޭނުމުގައި ބަލާލަން ޖެހޭ ކަހަލަ ފިލްމެއް ނޫން. ދިރިއުޅުމުގައި ދެމަފިރިއަކަށް ދިމާވެދާނެ ވަރަށް ގިނަ އިޝޫތަކަކަށް ހުންނާނެ ފިލްމުގައި އަލިއަޅުވާލާފައި،" ޔޫއްޕެ ބުންޏެވެ. "އަހަންނަށް މީގެ ސްޓޯރީލައިނާއި ފިލްމު ގެނެސް ދެވިފައި އޮތް ގޮތް އަހަންނަށް ވަރަށް ވެސް ރީތި. އަނެއްކާ ތަރިންގެ އެކްޓިން އިން ނަފުރަތުވުމުން އަށް އިތުރު ފުރިހަމަ ކަމެއް ގެނެސް ދޭނެ."

ދެ ލަވަ ހިމެނޭ ފިލްމު ރަށްރަށުގައި ވެސް ދައްކަން ވަނީ ހަމަޖެހިފަ އެވެ. ނަމަވެސް ރޯދަ މަސް ވަރަށް ބޮޑަށް ކައިރިވެފައިވާތީ ފިލްމު ގިނަ ރަށްރަށުގައި އެޅުވުން ކުރިއަށް ގެންދަން ނިންމާފައި ވަނީ ރޯދައިގެ ފަހުންނެވެ.

"އެކަމަކު ރޯދައިގެ ކުރިން ބައެއް ރަށްރަށުގައި ވީކެންޑް ތެރޭގައި ފިލްމު އަޅުވާނެ،" ޔޫއްޕެ ބުންޏެވެ.

އޮލިމްޕަހުގައި އެންމެ ފަހުން ވެސް އެޅުވީ ޔޫއްޕެ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. އެއީ ހޮރޯ ކޮމެޑީ "40+ އެވެ.

މި އަހަރު ދެން އެޅުވި ފިލްމުތަކަކީ ނިއުމާ މުހައްމަދުގެ "ނިވައިރޯޅި" އާއި ޑާކް ރެއިން އެންޓަޓައިންމަންޓްގެ "ގޮށްރާޅު" އެވެ.