Roadha Mihaaru
ޔޫއްޕެގެ "ނަފުރަތުވުމުން" ބައިސްކޯފަށް

ޔޫއްޕެގެ "ނަފުރަތުވުމުން" ބައިސްކޯފަށް

14 ޖޫން 2020

ޔޫސުފް ޝަފީއު (ޔޫއްޕެ) މިދިޔަ އަހަރު ޑައިރެކްޓްކޮށް، ގެނެސްދިން ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ނަފުރަތުވުމުން" ވެސް ބައިސްކޯފުން ސްޓްރީމްކުރަން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޔޫސުފް ޝަފީއު (ޔޫއްޕެ) މިދިޔަ އަހަރު ޑައިރެކްޓްކޮށް، ގެނެސްދިން ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ނަފުރަތުވުމުން" ވެސް ބައިސްކޯފުން ސްޓްރީމްކުރަން ފަށައިފި އެވެ.

މިދިޔަ އަހަރުގެ އެޕްރީލް މަހުގެ 9 ގައި އޮލިމްޕަހުގައި ޕްރިމިއާކުރި ފިލްމު ބައިސްކޯފުން ގެނެސްދޭނީ ބައިތަކަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ އެޕިސޯޑް ހުކުރު ދުވަހުގެ ރޭ ވަނީ ސްޓްރީމްކޮށްފަ އެވެ.

ލޯބީގެ ވާހަކައަކަށް ޔޫއްޕެ، ޑައިރެކްޓްކޮށް އަދި ރޯލެއް ވެސް ކުޅުނު "ނަފުރަތުވުމުން" ގެ ލީޑް ރޯލް ކުޅުނީ އަލީ އާޒިމް (ދޮންއައްޔަ) އާއި މަރިޔަމް އައްޒަގެ އިތުރުން އަހުމަދު އީސަ (އާނަންދު) އެވެ. މި ފިލްމަކީ ބ. ދަރަވަންދޫގައި މަންޒަރުތައް ނެގި ފިލްމެކެވެ.

"ނަފުރަތުވުމުން" ގެ އިތުރުން މިދިޔަ އަހަރު ޔޫއްޕެ ގެނެސްދިން އެހެން ދެ ފިލްމެއް ވެސް ވަނީ ކުރިން ބައިސްކޯފަށް ދޫކޮށްލައިފަ އެވެ. އެއީ ހޮރޯ-ކޮމެޑީ "+40" އާއި ބިރުވެރި ފިލްމު "ދައުވަތު" އެވެ.

ޔޫއްޕެ ޑައިރެކްޓްކޮށްފައިވާ ފިލްމަކަށް ދެން އެންމެ އަވަހަށް ސިނަމާ އަށް އަންނާނެ ކަމަށް ބެލެވެނީ ރޮމޭންޓިކް ކޮމެޑީ "ކޮސް ގިނަ މިސްޓޭކް" އެވެ.

މި ފަހުން ބައިސްކޯފުން ސްޓްރީމްކުރަން ފެށި ފިލްމުތަކުގެ ތެރޭގައި "ހަތަރު އުދަރެސް" އާއި "ހުކުރުވިލޭރޭ" އަދި "ފަނާ" ހިމެނެ އެވެ. މޮބައިލް އެޕް ބައިސްކޯފަކީ މި ވަގުތު އެންމެ ގިނަ ދިވެހި އުފެއްދުންތައް އެއްތާކުން ބަލައިލެވޭ މަގުބޫލު ޕްލެޓްފޯމެކެވެ.