Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

10 އެޕްރީލް 2019

ޝާހިދު ކަޕޫރް "ކަބީރު ހާން" ގެ ރޯލުން ފެނިގެންދާ ފިލްމުގެ ޓީޒާ ޓްރެއިލާ ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޝާހިދު ކަޕޫރް "ކަބީރު ހާން" ގެ ރޯލުން ފެނިގެންދާ ފިލްމުގެ ޓީޒާ ޓްރެއިލާ ދައްކާލައިފި އެވެ.

މި ފިލްމަކީ 2017 ގައި ރިލީޒް ކުރި ތެލެގޫ ފިލްމު "އަރުޖުން ރެޑީ" ގެ ހިންދީ ރިމެކެވެ. ސަންދީޕް ރެޑީ ވަންގާ ޑައިރެކްޓްކޮށްފައިވާ ފިލްމަކީ ލޯބިވެރިޔާ ބީވެމުން ކިޔެވުމަށް މޮޅު މެޑިކަލް ދަރިވަރެއްގެ ދިރިއުޅުން އެކޮޅުކޮޅުން ޖަހައިލާ ގޮތް ދައްކުވައިދޭ ތުރިލާ ޑްރާމާއެކެވެ.

ޝާހިދާ އެކު "ކަބީރު ސިންގް" އިން ބަތަލާގެ ރޯލު ކުޅޭނީ ކިއާރާ އަދުވާނީ އެވެ. މިއީ މި ދެ ތަރިންގެ ޖޯޑު ބޮޑު ސްކްރީނުން ފެންނާނެ ފުރަތަމަ ފިލްމެވެ.

ޓީ ސީރީޒުން ޕްރޮޑިއުސްކޮށްފައިވާ ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ ޖޫން މަހުގެ 21 ވަނަ ދުވަހު އެވެ.

"އަރުޖުން ރެޑީ" އަކީ ބެލުންތެރިންނަށް ވަރަށް ކަމުދިޔަ އަދި ބޮކްސް އޮފީހުގައި ވެސް ވަރަށް ހިނގި ފިލްމަކަށްވާތީ މީގެ ހިންދީ ރިމެކްގައި ހުރި ފެންވަރެއް ބަލައިލުމަކީ ވަރަށް ޝައުގުވެރި ކަމަކަށް ވާނެ އެވެ. "ކަބީރު ސިންގް" ވެސް ޑައިރެކްޓް ކުރީ ސަންދީޕެވެ.

ގާތްގަނޑަކަށް 51.5 ކްރޯޑް ރުޕީސްގެ ބަޖެޓަކުން ހެދި "އަރުޖުން ރެޑީ" އަކީ ބޮކްސް އޮފީހުގައި 510 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ހޯދި ފިލްމެކެވެ.

ރަޖްނީކާންތު "ދަރުބާރު" އަށް

މިދިޔަ އަހަރު "ކާލާ" އާއި ސައިންސް ފިކްޝަން ފިލްމު ".2.0" އަދި "ޕެޓާ" އިން ފެނިގެން ދިޔަ ރަޖްނީކާންތު "ދަރުބާރު" ކިޔާ ފިލްމަކަށް ސޮއިކޮށްފި އެވެ.

މި ފިލްމަކީ "ގަޖްޖީ" އާއި "ހޮލިޑޭ: އަ ސޯލްޖާ ނެވާ އިޒް އޮފް ޑިއުޓީ" އަދި "އަކީރާ" ފަދަ ހިންދީ ފިލްމުތައް ގެނެސް ދެން ތަމަޅަ ޑައިރެކްޓަރު އޭއާރް މުރަގްދޯސް ޑައިރެކްޓް ކުރާ ފިލްމެކެވެ.

"ދަރުބާރު" ގައި ރަޖްނީކާންތު، 68، އާ އެކު ބަތަލާގެ ރޯލުން ފެނިގެން ދާނީ 34 އަހަރުގެ ބަތަލާ ނަޔަންތަރާ އެވެ.

"ދަރުބާރު" ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ ޕޮންގާލް ފެސްޓިވަލްގެ ގޮތުގައި އިންޑިއާގައި ފާހަގަ ކުރާ ދުވަހާ ދިމާކޮށް އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 15 ގަ އެވެ. މި ފިލްމަކީ ރަޖްނީކާންތުގެ 167 ވަނަ ފިލްމެވެ.

ފިލްމުފެއާ އެވޯޑް 20 ގައި ކަލާޒް އަށް

މިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި 64 ވަނަ ފިލްމުފެއާ އެވޯޑް ހަފުލާގެ ރިކޯޑިން މި މަހުގެ 20 ވަނަ ދުވަހު ކަލާޒް ޗެނެލުން ގެނެސް ދޭން ނިންމައިފި އެވެ.

އެ ޗެނެލުން މިހާރު އަންނަނީ ޝޯގެ ޕްރޮމޯއެއް ވެސް ދައްކަމުންނެވެ.

މި އަހަރުގެ ފިލްމު ފެއާއެވޯޑްގެ އެންމެ މޮޅު ފިލްމަކީ މެގްނާ ގުލްޒާރުގެ "ރާޒީ" އެވެ. އަދި އެ ފިލްމުން އޭނާ އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑް ވެސް ހޯދި އިރު، ހަމަ އެ ފިލްމުން އާލިއާ ބަޓަށް ވަނީ އެންމެ މޮޅު ބަތަލާގެ އެވޯޑް ލިބިފަ އެވެ.

އެންމެ މޮޅު އެކްޓަރުގެ މަގާމަށް ހޮވުނީ ފިލްމު "ސަންޖޫ" އިން ރަންބީރު ކަޕޫރެވެ.

އިންޑިއާގެ އެންމެ މަގުބޫލު އެވޯޑް ޝޯ ކަމަށްވާ ފިލްމުފެއާއަކީ އަބަދު ވެސް ކޮންމެ އެވޯޑް ހަފުލާއެއް ވަރަށް ކުލަގަދަކޮށް އަދި ވަރަށް ފޯރިގަދަކޮށް ބާއްވާ އެވޯޑް ހަފުލާއެކެވެ.

"ޑާންސް ދިވާނޭ 2" ގެ އޮޑިޝަނަށް ތައްޔާރުވެއްޖެ

ކަލާޒުން ގެނެސްދޭ މަޝްހޫރު ޑާންސް ޝޯ "ޑާންސް ދިވާނޭ" ގެ ދެވަނަ ސީޒަން ގެނެސް ދޭން ނިންމައި، އޭގެ އޮޑިޝަނަށް ތައްޔާރުވެއްޖެ އެވެ.

ކަލާޒުން މިހާރު އަންނަނީ އޮޑިޝަން ކުރިއަށް ދާނެ ތަންތަނާއި ތާރީހާ އެކު، އޭގެ ޕްރޮމޯއެއް ވެސް ދައްކަމުންނެވެ.

މި ޝޯގެ އެންމެ ހާއްސަ ކަމަކީ ތިން ޖެނަރޭޝަނަށް ނިސްބަތްވާ މީހުންނަށް ފުރުސަތު ދިނުމެވެ. އެގޮތުން ޝޯގައި ބައިވެރިންގެ ތެރޭގައި އުމުރުން ވަރަށް ޅަ ކުދިންނާއި އުމުރުން ދުވަސްވީ މުސްކުޅިން ވެސް ޝޯގައި ވާދަ ކުރެ އެވެ. ތިން ޖެނެރޭޝަން ބަހާފައި ވަނީ ކިޑްސް، ޔޫތު އަދި ސީނިއާއަށެވެ.

މި ޝޯގެ ޖަޖުންނަކީ މަޝްހޫރު ބަތަލާ މަދޫރީ ޑިކްސިޓާއި "ދަޅަކް" ފަދަ ފިލްމުތައް ގެނެސް ދިން ޑައިރެކްޓަތު ޝަޝަންކް ކައިތާންގެ އިތުރުން ކޮރިއޮގްރާފަރު ތުޝާރު ކާލިއާ އެވެ.

ކަލާޒުން "ޑާންސް ދީވާނޭ" ގެ ފުރަތަމަ ސީަން ގެނެސް ދިނީ މިދިޔަ އަހަރު އެވެ.

އެ ޝޯ ކާމިޔާބު ކުރީ ކިޑްސް ކެޓަގަރީގައި ވާދަ ކުރި އަލޯކް ޝޯ އެވެ. ދެވަނަ ޖެނަރޭޝަން ކިޝަން ބިގާލީ ކާމިޔާބު ކުރި އިރު، އުމުރުން ދުވަސްވީ ކެޓަގަރީ ކާމިޔާބު ކުރީ ދިނާނަތު ސިންގެވެ.

"ޑާންސް ދީވާނޭ" ގެ ހޯސްޓަކީ މަޝްހޫރު ޓީވީ އެކްޓަރު އަރުޖުން ބިޖިލާނީ އެވެ.