Roadha Mihaaru
މުމްތާޒަށް "ޑާންސް ދީވާނޭ 3" ގެ ފުރުސަތު ގެއްލިއްޖެ

ޑިމާންޑްކުރި ފީ ބޮޑުކަމުން މުމްތާޒަށް "ޑާންސް ދީވާނޭ 3" ގެ މެހުމާނެއްގެ ފުރުސަތު ގެއްލިއްޖެ

02 އޮކްޓޯބަރ 2021

މަޝްހޫރު ބަތަލާ މަދޫރީ ޑިކްސިޓް ޖަޖެއްގެ ގޮތުގައި ބައިވެރިވާ ކަލާޒް ޗެނެލްގެ "ޑާންސް ދިވާނޭ 3" ގައި މެހުމާނެއްގައި ގޮތުގައި ބައިވެރިވާން ކުރީގެ މަޝްހޫރު ބަތަލާ މުމްތާޒަށް ހުށަހެޅުމުން އޭނާ ޑިމާންޑްކުރި ފީ ބޮޑުކަމުން މަހުމާނެއްގެ ގޮތުގައި ޝޯ އަށް ނުގެންނަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މަޝްހޫރު ބަތަލާ މަދޫރީ ޑިކްސިޓް ޖަޖެއްގެ ގޮތުގައި ބައިވެރިވާ ކަލާޒް ޗެނެލްގެ "ޑާންސް ދިވާނޭ 3" ގައި މެހުމާނެއްގައި ގޮތުގައި ބައިވެރިވާން ކުރީގެ މަޝްހޫރު ބަތަލާ މުމްތާޒަށް ހުށަހެޅުމުން އޭނާ ޑިމާންޑްކުރި ފީ ބޮޑުކަމުން މަހުމާނެއްގެ ގޮތުގައި ޝޯ އަށް ނުގެންނަން ނިންމައިފި އެވެ.

މިކަމާ ބެހޭ ގޮތުން އީ-ޓައިމްސް އިން ބުނީ މުމްތާޒް ޝޯ އަށް ދާން ޑިމާންޑްކުރީ ގާތްގަނޑަކަށް 40-45 ލައްކަ ރުޕީސް އަށް ކަމަށެވެ. އެކަމަކު އެއީ މާ ބޮޑު އަގެއް ކަމަށް ކަލާޒްގެ ޓީމަށް ގަބޫލުކުރެވޭތީ މުމްތާޒް ޝޯ އަށް ގެންނަން ކުރި މަސައްކަތް މިހާރު ވަނީ ހުއްޓާލައިފަ އެވެ.

އާންމުކޮށް މިހާރު އާއިލާއާ އެކު ލަންޑަނުގައި ދިރިއުޅޭ މުމްތާޒަށް "ޑާންސް ދީވާނޭ 3" ގައި ބައިވެރިވާން ހުށަހެޅީ މި ވަގުތު އޭނާ މުމްބާގައި ހުރުމުންނެވެ. ކަލާޒްގެ މި ޝޯގައި ކުރިން ވެސް ކުރީގެ މަޝްހޫރު އެތައް ފަންނާނެއް ބައިވެރިވެފައިވެ އެވެ. އޭގެ ތެރޭގައި ވަހީދާ ރަހުމާނާއި ރޭކާ އާއި އާޝާ ޕަރޭކާއި ހެލެން ފަދަ ތަރިން ހިމެނެ އެވެ.

މުމްތާޒް، 74، އަކީ 1960 އާއި 1970 ގެ އަހަރުތަކުގައި ހިންދީ ސިނަމާގައި އެންމެ ވިދައިލި އެއް ބަތަލާ އެވެ. ކެރިއަރުގައި ފާހަގަކޮށްލެވޭ އެތައް ފިލްމެއް، މަޝްހޫރު އެތައް އެކްޓަރުންނާ އެކު ކުޅެފައިވެ އެވެ. މުމްތާޒާއި ޝައްމީ ކަޕޫރްގެ 1968 ގެ ފިލްމު "ބުރައްމަޗާރީ" ގެ މަޝްހޫރު ލަވަ "އާޖް ކަލް ތެރެ މެރެ ޕިޔާރު ކޭ ޗަރްޗޭ" ގައި މުމްތާޒް ބޭނުންކުރި އޮރެންޖް ކުލައިގެ ސާޅީ އަކީ މިހާރު ވެސް ހިންދީ ސިނަމާގައި އައިކޮނިކް ކޮސްޓިއުމެއްގެ ގޮތުގައި މަޝްހޫރު އެއްޗެކެވެ. މުމްތާޒްގެ ވާހަކަ ދެކެވޭ ކޮންމެ ފަހަރެއްގައި އެ ސާޅީގެ ވާހަކަ ދެކެވޭނެ އެވެ.

ރީތި ބަތަލާގެ އެންމެ ފަހުގެ ފިލްމަކީ 1990 ގެ "އާންދިޔާން" އެވެ.

މުމްތާޒަކީ މިހާރު އަނެއްކާ ވެސް ފިލްމު ކުޅެން ފަށަން ތައްޔާރުވަމުން އަންނަ އެކްޓަރު ފަރުދީން ޚާންގެ މައިދައިތަ އެވެ. އޭނާގެ އަންހެނުންނަކީ މުމްތާޒްގެ ދޮށީ ދަރިފުޅު ނަތާޝާ މަދްވާނީ އެވެ. ހަގަށް ހުންނަނީ ތާނިއާ މަދުވާނީ އެވެ. މުމްތާޒް ފިލްމު ކުޅުނަސް އޭނާގެ ދަރިން އެ އިންޑަސްޓްރީއާ ވަރަށް ދުރެވެ.