Roadha Mihaaru
ކަރުދާސް ރީސައިކަލްކޮށް ބޭރަށް އެކްސްޕޯޓް ކުރަނީ

އުކާލާ ކަރުދާސް ރިސައިކަލްކޮށް ރާއްޖޭން ބޭރަށް އެކްސްޕޯޓް ކުރަނީ

31 އޯގަސްޓް 2016

ބޭނުންކޮށްފައި އުކާލާ ކަރުދާސް ރީސައިކަލް ކުރުމަށް ފަހު ރާއްޖޭން ބޭރަށް އެކްސްޕޯޓް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އިން މިއަދު ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ބޭނުންކޮށްފައި އުކާލާ ކަރުދާސް ރީސައިކަލް ކުރުމަށް ފަހު ރާއްޖޭން ބޭރަށް އެކްސްޕޯޓް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އިން މިއަދު ބުނެފި އެވެ.

ކަރުދާސް ރިސައިކަލް ކުރުމުގެ އެއްބަސްވުމުގައި ވެމްކޯއިން ވަނީ އެމް ސެވަން ޕްރައިވެޓް ލިމިޓެޑާއެކު ސޮއިކޮށްފަ އެވެ. މި އެމްއޯޔޫގައި ސޮއިކުރެއްވީ ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފުއާދެވެ. އެމް ސެވަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަބްދުލްސައްތާރެވެ.

"އެޕްރިޝިއޭޓެޑް އެވޯޑް" އަދި "އެޕްރިޝިއޭޓެޑް ބެޖް" ތައާރަފް ކުރުމަށް ޕީއެސްއެމްގެ ސިިނެކޯ މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފުއާދު ވިދާޅުވީ ކަރުދާހުގެ ގޮތުގައި ވަރަށް ބޮޑު އަދަދެއް އުކާލާ ކަމަށެވެ. އެހެންކަމުން މި ސްކީމްގެ ތެރޭގައި ސަރުކާރުގެ އެކިއެކި އޮފީސްތަކާއި ސްކޫލްތަކާއި ރިސޯޓުތަކާއި ކުންފުނިތަކާއި މުއައްސަސާތަކުން ބައިވެރިވުމަށް އޭނާ އެދިވަޑައިގަތެވެ.

ސްކޫލްތަކުން އުކާލެވޭ ހުރިހާ ފޮތްތަކެއް، ސްކޫލްތައް މެދުވެރިކޮށް އެއްކޮށް ރީސައިކަލް ކުރެވޭނެ ގޮތް މި އަންނަ އަހަރު ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ފުއާދު ވިދާޅުވި ގޮތުގައި ރާއްޖެއަށް ކުނީގެ މައްސަލަ ބޮޑުވެފައިވަނީ އިސްރާފު ކުރާލެއް ގިނަ ކަމުންނެވެ. ވެމްކޯ އިން މަސައްކަތް ކުރަނީ ކުނި މެނޭޖް ކުރަން ކަމަށާއި އިސްރާފް މެނޭޖް ކުރަން ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވެމްކޯއިން ވަނީ އުކާލެވޭ ޒާތުގެ ބައެއް ތަކެތި ރީސައިކަލްކޮށް، މީރު ބަހުރު ބަނދަރުގައި ވިއްކޭނެ އިންތިޒާމު ހަމަޖައްސައިފަ އެވެ. އެގޮތުން ރީނދޫ ހަމާއި، ޕެލެޓް، ކަރުދާސް ފޮށި އަދި އެކި ސައިޒްގެ ގޯނި ހެޔޮ އަގެއްގައި ވިއްކަމުން އަންނަ ކަން ފާހަގަކޮށްލެވެ އެވެ.