Roadha Mihaaru
މާލޭގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަންގެ މަސައްކަތް ފަށައިފި

އިންޑަސްޓްރިއަލް ޒޯނުގައި ހަދާ ވެމްކޯގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަންގެ މަސައްކަތް ފަށައިފި

17 އެޕްރީލް 2022

އިންޑަސްޓްރިއަލް ޒޯނުގައި ހަދާ ވެމްކޯގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އިންޑަސްޓްރިއަލް ޒޯނުގައި ހަދާ ވެމްކޯގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީން މިއަދު ބުނެފި އެވެ.

ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު ވިދާޅުވީ، އެ އިމާރާތުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން، އެ ބިމުގައި ކުރިން ހަދާފައި ހުރި ވެމްކޯގެ ވަގުތީ އޮފީސް އިމާރާތް އެތަނުން ނަގައި، މިދިޔަ ހަފުތާގައި ބިން ހުސްކޮށްފައިވާ ކަމަށެވެ.

"އެ ބިން ހުސްކޮށް، ކޮންޓްރެކްޓަރާ ހަވާލުކުރެވި މިހާރު އަމަލީ މަސައްކަތް ވަނީ ފެށިފައި،" އޭނާ ވިދާޅުވި އެވެ.

ވެމްކޯގެ ޓްރާންސްފާ ސްޓޭޝަން އިމާރާތްކުރުމަށް އިންޑަސްޓްރިއަލް ޒޯން އިން ބިން ހުސްކޮށްފައި -- ފޮޓޯ: ތިމާވެއްޓާ ބެހޭ މިނިސްޓްރީ

ވެމްކޯގެ ޓްރާންސްފާ ސްޓޭޝަން އިމާރާތްކުރުމަށް އިންޑަސްޓްރިއަލް ޒޯން އިން ބިން ހުސްކޮށްފައި -- ފޮޓޯ: ތިމާވެއްޓާ ބެހޭ މިނިސްޓްރީ

މާލެ އާއި ވިލިމާލޭގައި ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހެދުމަށް މިދިޔަ އަހަރުގެ ޖޫން 24 ގައި ތިމާވެއްޓާ ބެހޭ މިނިސްޓްރީން ހަވާލުކުރީ ޗައިނާގެ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަން (ސީއެސްސީއީސީ)އާ އެވެ. އިމާރާތްކުރުމުގެ މަސައްކަތުގެ އިތުރުން އެ ސްޓޭޝަނަށް ބޭނުންވާ ސަމާނު ގެނެސް، އިންސްޓޯލްކުރުމުގެ މަސައްކަތް ވެސް ކުރާނީ އެ ކުންފުނިންނެވެ.

އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި ޖޭއެފްފީއާއާރް އާއި ޓީއޭއެސްއެފް އަދި ދިވެހި ސަރުކާރުން ހަރަދުކޮށްގެން ހިންގާ އެ ޕްރޮޖެކްޓަށް 11.8 މިލިއަން ޑޮލަރު (183 މިލިއަން ރުފިޔާ) ހޭދަވާނެ އެވެ. އެ މަސައްކަތް ހަވާލުކުރީ ދޮޅު އަހަރުގެ ތެރޭގައި ނިންމާށެވެ.

އިންޑަސްޓްރިއަލް ޒޯންގައި ހަދާ ވެމްކޯގެ ޓްރާންސްފާ ސްޓޭޝަންގެ ޑިޒައިން -- ފޮޓޯ: ތިމާވެއްޓާ ބެހޭ މިނިސްޓްރީ

އިންޑަސްޓްރިއަލް ޒޯންގައި ހަދާ ވެމްކޯގެ ޓްރާންސްފާ ސްޓޭޝަންގެ ޑިޒައިން -- ފޮޓޯ: ތިމާވެއްޓާ ބެހޭ މިނިސްޓްރީ

އެ ޓްރާންސްފާ ސްޓޭޝަންތަކަކީ މާލެ ސަރަހައްދުގައި އުފެދޭ ކުނި ތިލަފުއްޓަށް ގެންދިއުމުގެ ކުރިން ބަހައްޓާނެ ތަނެވެ. މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ ގޭބިސީތަކުން އުފެދޭ ކުނި، އެ ސްޓޭޝަންތަކަށް ގެންގޮސް، ކުނި އުފުލަން އެތަނުގައި ބަހައްޓާފައި ހުންނަ ކޮންޓެއިނަރުތަކަށް ބަރުކުރާނެ އެވެ.

އެ ކޮންޓެއިނަރުތަކަށް ކުނި އަޅާނީ އެކި ބާވަތްތަކުގެ ކުނި ތިން ބަޔަކަށް ބަހާލައިގެންނެވެ. ކުނި އުފުލަން އެ ކޮންޓެއިނަރުތައް ބޭނުންކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ކަނޑުމަގުން އެ އެއްޗެހި ތިލަފުއްޓަށް ގެންދާއިރު، މޫދަށް ކުނި އެޅުމުގެ ފުރުސަތު ނުދިނުމާއި ނުބައި ވަސް ބޭރުވުން ހުއްޓުވުމެވެ.

މާލެ ސަރަހައްދުގައި އުފެދޭ ކުނި ދެމެހެއްޓެނިވި ގޮތެއްގައި ނައްތާލުމުގެ ގޮތުން ފެށި ގްރޭޓާ މާލެ އެންވަޔަރަންމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓްގެ ދަށުން ތިލަފުށީގައި ކުނި އެންދުން ވަނީ ހުއްޓާލައިފަ އެވެ. މިހާރު ކުނި ނައްތާލުމުގެ މަސައްކަތް ކުރަމުން އަންނަނީ ޒަމާނީ މެޝިނަރީތަކުގެ އެހީގައި ރައްކާތެރި ގޮތުގަ އެވެ.

ކުނި މެނޭޖްކުރުމަށް ރާއްޖޭގައި ހިންގާ އެންމެ ބޮޑު މަޝްރޫއު ތިލަފުށީގައި ފެށީ މިދިޔަ އަހަރު ޑިސެމްބަރު 15 ގަ އެވެ. ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ތިލަފުށީގައި އާ ބަނދަރެއް ހެދުމާއި މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހެދުމާއި މާލެ ސަރަހައްދާއި، ކ، އއ، އދ އަދި ވ. އަތޮޅުގެ ހުރިހާ ރަށެއްގައި ކުނި ކޮށިތައް ހަދާނެ އެވެ.