Roadha Mihaaru
ކުނި ބަހައްޓާ ތަންތަނުގެ ލިސްޓެއް އާއްމުކޮށްފި

ކުނި ބަހައްޓާ ތަންތަނުގެ ލިސްޓެއް ކައުންސިލުން އާއްމުކޮށްފި

01 ޖެނުއަރީ 2023

މާލޭ މަގުމަތީގައި ކުނި ބަހައްޓާ ކަމަށް ފާހަގަކުރެވިފައިވާ ތަންތަނުގެ ލިސްޓެއް މާލޭ ސިޓީ ކައުންސިލުން މިއަދު އާއްމުކޮށްފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

މާލޭ މަގުމަތީގައި ކުނި ބަހައްޓާ ކަމަށް ފާހަގަކުރެވިފައިވާ ތަންތަނުގެ ލިސްޓެއް މާލޭ ސިޓީ ކައުންސިލުން މިއަދު އާއްމުކޮށްފި އެވެ.

މާލޭގެ މަގުތަކާއި މައިޒާންތަކާއި ޕާކުތައް ސާފުކުރުމުގެ ޒިންމާ ސިޓީ ކައުންސިލުން ކުރިން ހަވާލު ކޮށްފައި އޮތީ ވެމްކޯއާ ކަމަށް ވިޔަސް އެ ކުންފުނިން އެ ޒިންމާ ރަނގަޅަށް އަދާނުކުރުމުން މިދިޔަ މަހުން ފެށިގެން އެ ކުންފުންޏާއެކު ހެދި އެއްބަސްވުން އާ ނުކުރަން ކައުންސިލުން ވަނީ ނިންމައިފަ އެވެ. އަދި އެ މަސައްކަތާ ކައުންސިލުން ވަނީ ހަވާލުވެފަ އެވެ.

އެއާއެކު، ސިޓީ ކައުންސިލުން އެދުނީ ވެމްކޯއިން ގެބިސީތަކުން ނަގަން ޖެހޭ ކުނި އާންމުން މަގުމައްޗަށް އެއް ނުކުރުމަށެވެ. އެއީ މާލޭގެ މަގުތައް ރީތިކޮށް ބޭއްވުމަށް އެޅޭ ހުރަހެއް ކަމަށާއި، ގޭބިސީތަކުގެ ކުނި ނަގަން ޖެހޭނީ ވެމްކޯއިން އެތަންތަނަށް ގޮސްގެން ކަމަށް ކައުންސިލުން ބުނެ އެވެ.

ގޭބިސީތަކުގެ ކުނި އެއް ކުރާ މާލޭގެ ސަރަހައްދުތައް ފާހަގަކޮށް އާއްމުކުރި ލިސްޓުގައި ހިމެނޭ 18 ސަރަހައްދުގެ ތެރޭގައި ބައެއް ގެތަކާއި، ގޯޅިތަކާއި ކަންމަތިތައް ހިމެނެ އެވެ.

އެ ލިސްޓު އާންމުކޮށް ކުރި ޓްވީޓުގައި ސިޓީ ކައުންސިލުން ބުނީ، ހުރިހާ ރައްޔިތުން ވެސް ފަރުދީ ޒިންމާ އަދާކޮށް އެއިން އެއްވެސް ތަނެއްގައި ކުނި ނުބަހައްޓަން އެދޭ ކަމަށެވެ.

އަދި މީގެން އެއްވެސް ތަނެއްގައި ކުނި ބަހައްޓާ ފަރާތެއް ފެނިއްޖެނަމަ ނަސޭހަތްތެރިވެ އެކަން ހުއްޓުވަން ވެސް އެދުނެވެ. އަދި އެކަން ނުހުއްޓުވިއްޖެ ނަމަ ކައުންސިލުގެ ކޯލް ސެންޓަރުގެ ނަމްބަރު 1622 އަށް ގުޅައިގެން ރިޕޯޓު ކުރުމަށް ވެސް އެދުނެވެ.

ވެމްކޯއިން އާންމު ކުރި ކުނި އަޅާ ތަންތަނުގެ ލިސްޓު

މަގުތަކުން ކުނި ނެގުމުގެ މަސައްކަތާ ސިޓީ ކައުންސިލުން ހަވާލުވުމުން ގޭބިސީތަކުން އާންމުން މަގުމައްޗަށް އެއް ކުރާ ކުނިތައް ނުނަގައި ވެމްކޯއިން ޖެއްސުން ކުރި ކަމަށް މޭޔަރު ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވެ އެވެ. އެކަމަކު، ފަހުން އާންމުންގެ ޝަކުވާ ބޮޑުވެ، ވެމްކޯއިން ވަނީ ގޭބިސީތަކުން މަގުމައްޗަށް އެއް ކުރާ ކުނިތައް ނަގަން ފަށައިފަ އެވެ.