Roadha Mihaaru
ކުނި އުކާލުމުގެ ހިދުމަތް އިތުރު ތިން ސަރަހައްދަކަށް

ކުނި އުކާލުމުގެ ހިދުމަތް އިތުރު ތިން ސަރަހައްދަކަށް ދޭން ފަށަނީ

16 މާޗް 2017

މާލޭގެ އިތުރު ތިން ސަރަހައްދަކުން ކުނި އުކައިލުމުގެ ހިދުމަތަށް ރަޖިސްޓަރީކުރަން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން މިއަދު ހުޅުވާލައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މާލޭގެ އިތުރު ތިން ސަރަހައްދަކުން ކުނި އުކައިލުމުގެ ހިދުމަތަށް ރަޖިސްޓަރީކުރަން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން މިއަދު ހުޅުވާލައިފި އެވެ.

ވެމްކޯ އިން އަންނަނީ ޒޯން 1 ގެ، ހެންވޭރު އަޑިޕާކު ސަރަހައްދުން ފެށިގެން ކަލާފާނު ސްކޫލް ސަރަހައްދާއި ޒޯން 2 ގެ ސިނަމާލެ ފްލެޓާއި ޕީއެސްއެމް ސަރަހައްދުގެ އިތުރުން ހެންވޭރު ސަހަރާ ހިމެނޭ ޒޯން 3 ގައި ކުނި އުކައިލުމުގެ ހިދުމަތް ދެމުންނެވެ.

ވެމްކޯ އިން ބުނި ގޮތުގައި ކުނި އުކާލުމުގެ ހިދުމަތް އަލަށް ފަށަނީ މަޖީދީ މަގާއި އަމީނީ މަގާ ދެމެދު ހުރި ގޭބިސީތަކަށް ހާއްސަކޮށްގެންނެވެ. އެއީ ޒޯން 4-6 އެވެ.

މީގެ އިތުރުން ހިދުމަތަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް އަންނަ މަހުން ފެށިގެން ހިދުމަތް ދޭން ފަށާނެ ކަމަށާއި ކުނި އުކައިދޭ އަގަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ވެމްކޯއިން ބުންޏެވެ.

ވެމްކޯ އިން މިހާރު ދަނީ މާލޭގެ 262 ގޭބިސީއަކުން ކުނި އުކާލުމުގެ ހިދުމަތް ދެމުންނެވެ.

ކުނި އުކަން ރަޖިސްޓަރީ ކުރުމަށް ވެމްކޯގެ ހެޑް އޮފީހުން ނުވަތަ މއ. ޖަންބުގަސްދޮށުގޭ ތިން ވަނަ ފްލޯއިން ފޯމު ލިބޭނެ އެވެ.

ގޭގެއިން ކުނި އުކާލުމުގެ މަސައްކަތް ދެ ގޮތަކަށް ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ. އެއީ ރަޖިސްޓަރީކުރާ އެޕާޓްމެންޓްތަކަށް ވެމްކޯގެ މުވައްޒަފުން އަރައި ކުނި ކޮތަޅުތައް ނެގުން ނުވަތަ އެ އިމާރާތެއްގެ ތިރީގައި ބަހައްޓާ ޑަސްބިނުން ކުނި ނެގުމެވެ. އެޕާޓްމެންޓަށް އަރައި ކުނި ނަގާ ނަމަ، ވެމްކޯ އަށް 150ރ. ދައްކަން ޖެހެ އެވެ. އިމާރާތުގެ ތިރީގައި ބަހައްޓާ ޑަސްބިނުން ކުނި ނަގާ ނަމަ ވެމްކޯ އަށް ދައްކަން ޖެހެނީ 100ރ. އެވެ.