Roadha Mihaaru
އަންހެން ޓީމުތަކާ އެކު އުރީދޫ މަސް ރޭސް ތަފާތުވާނެ

އަންހެން ޓީމުތަކާ އެކު އުރީދޫ މަސް ރޭސް މިފަހަރު ތަފާތުވާނެ

10 އެޕްރީލް 2019

އަންނަ ރޯދަ މަހު އުރީދޫން ބާއްވާ މަސްރޭހުގައި އަންހެން ހަތަރު ޓީމު ބައިވެރިކުރާނެ ކަމަށާއި އެ ބަދަލާ އެކު މި ފަހަރުގެ މަސް ރޭސް މުޅިން ތަފާތުވާނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އަންނަ ރޯދަ މަހު އުރީދޫން ބާއްވާ މަސްރޭހުގައި އަންހެން ހަތަރު ޓީމު ބައިވެރިކުރާނެ ކަމަށާއި އެ ބަދަލާ އެކު މި ފަހަރުގެ މަސް ރޭސް މުޅިން ތަފާތުވާނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

އުރީދޫގެ މައި އޮފީހުގައި ބޭއްވި ނޫސްކޮންފަރެންސެއްގައި އެ ކުންފުނީގެ ޑިރެކްޓަ، ޑިސްޓްރިބިއުޝަން އެންޑް ބްރޭންޑް ހުސައިން ނިޔާޒް ވިދާޅުވި ގޮތުގައި މިފަހަރުގެ މަސް ރޭހުގައި އެހެން އަހަރުތަކާ ތަފާތު ގިނަ ކަންތައްތަކެއް ހިމަނަނީ މިއީ މަސް ރޭސް ބާއްވާތާ 10 ވަނަ އަހަރު ކަމަށް ވުމުން ހާއްސަކޮށްލުމުގެ ގޮތުންނެވެ.

"އަޅުގަނޑުމެންނަކީ އަބަދުވެސް ވަރަށް ތަފާތު ގޮތްގޮތަށް ކަންތައްތައް ބާއްވާ ބައެއް. މިފަހަރު އަޅުގަނޑުމެން މަސްރޭސް މި ބާއްވަނީ 16 ޓީމެއް ބައިވެރިވާ ގޮތަށް. އޭގެ ތެރޭގައި ހަތަރު އަންހެން ޓީމެއް ވެސް ބައިވެރިކުރާ ގޮތަށް އަޅުގަނޑުމެން މިއޮތީ ހަމަ ޖައްސާފައި،" އޭނާ ވިދާޅުވި އެވެ.

އުރީދޫ މަސްރޭހުގެ އެއް ވަނަ އަށް ދާ ޓީމަކަށް މިފަހަރު ކަނޑައަޅާފައިވާ ފައިސާގެ އިނާމަކީ 50،000ރ. އެވެ. ނަމަވެސް އޭގެ އިތުރުން ވެސް ތަފާތު ގިނަ އިނާމުތަކެއް އެ ރޭހަށް ހުށަހަޅާނެ ކަމަށާއި އެ އިނާމުތައް ފަހުން އިއުލާނު ކުރަމުން ދާނެ ކަަމަށް ނިޔާޒު ވިދާޅުވި އެވެ.

އުރީދޫ މަސް ރޭހުގައި ފައިސާގެ އިނާމުގެ އިތުރުން އަގު ބޮޑު އެހެން ގިނަ އިނާމުތައް ކޮންމެ ފަހަރަކު ވެސް ދެ އެވެ. އެގޮތުން މަސްވެރިކަމަށް ހާއްސަ ލޯންޗެއް ވެސް އެ ރޭހުގެ އިނާމެއްގެ ގޮތުގައި އެއް ފަހަރު ދީފައިވެ އެވެ.

އުރީދޫ މަސްރޭހަށް މިފަހަރު ރަޖިސްޓްރީ ކުރެވޭނީ އޮންލައިންކޮށެވެ. ނިޔާޒް ވިދާޅުވީ އޮންލައިންކޮށް ރަޖިސްޓްރީކުރަން ވަންނަންވީ ލިންކްތައް އުރީދޫގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން މާދަމާ އާންމުކުރާނެ ކަމަށެވެ. ޓީމުތައް އެކުލަވައިލުމުގައި ވެސް މިފަހަރުގެ ގަވައިދު ތަފާތެވެ. އެގޮތުން މިފަހަރު ބައިވެރިކުރާ ޓީމުތައް ވަކި އޮފީހެއް ނުވަތަ ކުންފުންޏެއްގެ ޓީމަކަށް ވާކަށް ނުޖެހެ އެވެ.

"އަޅުގަނޑުމެން އެންމެ ކުރީގައި ހަމަ ބޭއްވި ގޮތަށް. ޓީމުތަކަށް ނަން ކިޔައިގެން ޓީމުތައް ހަމަ އައިސް ބައިވެރިވެވޭ ގޮތަށް މި އޮންނަނީ. ކޮންމެހެން ނުޖެހޭ އެއް އޯގަނައިޒޭޝަން ނުވަތަ އެއް އޮފީހެއްގައި އުޅޭ ބަޔަަކަށް ވާކަށް،" އޭނާ ވިދާޅުވި އެވެ.

އުރީދޫ މަސް ރޭހުގައިި ބައިވެރިވާ ޓީމުތަކުގައި ތިބެން ޖެހޭނީ 12 މެމްބަރުންނެވެ. އެއީ 10 މަސްވެރިންނާއި ކޯޗަކާއި ކެޕްޓަނެކެވެ.

ފޯރިގަދަކޮށް މަސްރޭސް ބާއްވަން އުރީދޫން މިހާރު އަންނަނީ އެހެން ކުންފުނިތަކާ މަޝްވަރާކުރަމުންނެވެ. އަދި މަސްރޭސް މާލެއަށް ނިންމާނެ، ރަނގަޅު ސަރަހައްދެއް ކަނޑައަޅަން ސިޓީ ކައުންސިލާ ވެސް އެ ކުންފުނިން އަންނަނީ ވާހަކަ ދައްކަމުންނެވެ.

"އަޅުގަނޑުމެން ބޭނުން ވަނީ، މަސް ރޭހަކީ އާއްމުންގެ ތަރުހީބު ލިބިފައި އޮތް އެއްޗަކަށް ވާތީ ބޮޑު އީދެއް ކަހަލަ ގޮތަކަށް މަސް ރޭސް ހަމަ ކުރިއަށްދާން،" ނިޔާޒް ވިދާޅުވި އެވެ.