ދުނިޔޭގައި ވަރަށް މަދުން ހެދޭ އަދި ނެތިދިއުމުގެ ބިރު ހީވެފައިވާ މެންގްރޫވް ގަހުގެ ވައްތަރެއް ރާއްޖެއިން ފެނިއްޖެ އެވެ.
08 އޮކްޓޯބަރ 2020
ދުނިޔޭގައި ވަރަށް މަދުން ހެދޭ އަދި ނެތިދިއުމުގެ ބިރު ހީވެފައިވާ މެންގްރޫވް ގަހުގެ ވައްތަރެއް ރާއްޖެއިން ފެނިއްޖެ އެވެ.
އެންވަޔަރްމަންޓް މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ "ބުރުގެރިއާ ހެނެސީ" ގަސް ފެނުނީ ހއ. ކެލާގެ ކުޅިން ކަމަށެވެ. މިދިޔަ މާޗު މަހު ހިންގި އިކޮލޮޖިކަލް ސާވޭގެ ތެރެއިން އެ ބާވަތުގެ ހަތަރު ގަހެއް ފެނިފައިވެ އެވެ.
މައުލޫމާތު ފޯރުކޮށްދިނުމުން، އެ ބާވަތުގެ ގަހެއްކަން ފާހަގަކޮށްދިނީ އައިޔޫސީއެން މެންގްރޫވް ސްޕެޝަލިސްޓް ގްރޫޕް އަދި އެމްއެސްޖީ ރެޑް ލިސްޓް ކޯޑިނޭޓާ ޑރ. ޔޮން އެވެ. ކަމާބެހޭ އިދާރާތަކާއެކު އެ ވައްތަރުގެ ގަހަށް ކިޔާނެ ދިވެހި ނަމެއް ހޯދަމުން އަންނަކަމަށް ބުންޏެވެ.
ހއ. ކެލާގެ ކުޅިން ފެނުނު ބުރުގެރިއާ ހެނެސީ ބާވަތުގެ ގަހުގައި އަޅާ މޭވާ.-- ފޮޓޯ: އެންވަޔަރްމަންޓް މިނިސްޓްރީ
އެ ސާވޭ ހެދީ ހިމާޔަތްކޮށްފައިވާ ސަރަހައްދުގެ ދިރުންތަކާ ބެހޭ މައުލޫމާތު އެއްކުރުމަށް ޔޫއެސްއޭއައިޑީގެ ހިލޭ އެހީގެ ދަށުން ސަރުކާރުން ގެންދާ "ރީޖެނެރޭޓް" ޕްރޮޖެކްޓުގެ ތެރެއިން، އިންޓަނޭޝަނަލް ޔޫނިއަން ފޯ ކޮންޒަވޭޝަން އޮފް ނޭޗާ (އައިޔޫސީއެން) މޯލްޑިވްސްއާ ގުޅިގެންނެވެ.
މިނިސްޓްރީން ބުނީ ކަނޑޫއާއިލާއަށް ނިސްބަތްވާ އެ ގަހުގައި އަޅާ މޭވާ ވައްތަރީ ބޮޑަވަތްކާއާ ކަމަށެވެ. ނަމަވެސް އެ މޭވާ، "ބޮޑަވަކި" އަށްވުރެ ކުރުވެފައި ފަލަ އެވެ.
ހެނެސީ ގަހަކީ ކަނޑޫފަލަށް ނިސްބަތްވާ ގަސްތަކުގެ ތެރެއިން ނެތިދާނެކަމުގެ ބިރު ހީވެފައިވާ ދެ ބާވަތުގެ ތެރެއިން އެއް ބާވަތެވެ. އެއީ އައިޔޫސީއެން ރެޑް ލިސްޓުގައި، ނެތިދާނެ ކަމުގެ ބިރު އެންމެ ބޮޑަށް ހީވެފައިވާ ކެޓަގަރީ ލިސްޓުގައި ހިމެނޭ ބާވަތެކެވެ.
ހއ. ކެލާގެ ކުޅިން ފެނުނު ބުރުގެރިއާ ހެނެސީ ބާވަތުގެ ގަހެއް.-- ފޮޓޯ: އެންވަޔަރްމަންޓް މިނިސްޓްރީ
އޮސްޓްރޭލިއާ، ޕަޕުއާ ނިއު ގިނީ، އިންޑޮނޭޝިއާ، މެލޭ ޕެނިންސުލާ، ތައިލެންޑް އަދި މިޔަންމާއިން އެ ބާވަތުގެ ގަސް ފެނިފައި ވެ އެވެ. އެގޮތުން 2010 ވަނަ އަހަރާ ހަމައަށް ކުރި ސާވޭއިން ދައްކާގޮތުގައި، ދުނިޔޭގައި ހުރީ އެ ބާވަތުގެ ބޮޑުވެފައިވާ 200 ގަހެވެ. އަދި އޭގެ އާބާދީ މަދުވަމުންދާއިރު، ކެލާއިން ބުރުގެރިއާ ހެނެސީގެ ގަސް ފެނުމަކީ އެ ރަށަށް ލިބޭ އިތުރު ހާއްސަ ސިފައެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
ރާއްޖޭގެ ކަނޑޫފާތަކުން މީގެ ކުރިން 14 ބާވަތުގެ ކަނޑޫފާ ގަސް ފެނިފައި ވެ އެވެ. އަލަށް މި ފެނުނު ބާވަތާއެކު 15 ވައްތަރުގެ ގަސް ފެނިފައި ވެ އެވެ. އެ ބާވަތް ކެލާއިން ރިކޯޑު ކުރެވުނަސް ރާއްޖޭގެ އެހެން ކުޅީފާތަކުން ވެސް ފެނުން އެކަށީގެންވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
ކަނޑޫފާތައް ބަލިކަށިކޮށްލާ ފަންގަސްއެއް ފެނިއްޖެ
ރާއްޖޭގެ ހަމައެކަނި ޖަންގަލި މަރުވެ ނެތިދަނީ!
ޅ. އަތޮޅުން ފަސް ސަރަހައްދެއް ހިމާޔަތްކޮށްފި
ބޭރު ޓީމުގެ ބަސް: ކުޅުދުއްފުށީ ކުޅި ހިމާޔަތްކުރެވޭނެ
ތިމާވެށީގެ ޖޫރިމަނާތައް ނުދައްކާ ވިޔަފާރިތައް ހުއްޓުވަނީ
ދެ މިނިސްޓްރީ ރަނގަޅަށް ބެލެހެއްޓޭނެ: ތޯރިގް
އުޅަނދުތަކުގެ ބުރަފަތީގައި ގާޑު އެޅުވުން މަޖުބޫރުކޮށްފި
ފެހުރިހި ބަލަންދާ ޓޫރިސްޓުންގެ ސަލާމަތަށް ހާއްސަ ކަމެއް
ތިމާވެށީގެ ޖޫރިމަނާތަކުން 825 މިލިއަން ރުފިޔާ ނުލިބޭ
މޫސުމީ އިންޒާރުގެ މެސެޖް ފޯނަށް ލިބޭނެ ގޮތް ހަދަނީ