ޅ. އަތޮޅުގެ ފަސް ސަރަހައްދެއް މިއަދުން ފެށިގެން ތިމާވެއްޓާ ބެހޭ މިނިސްޓްރީން ހިމާޔަތްކޮށް އެކަން އިއުލާންކޮށްފި އެވެ.
09 އޮކްޓޯބަރ 2020
ޅ. އަތޮޅުގެ ފަސް ސަރަހައްދެއް މިއަދުން ފެށިގެން ތިމާވެއްޓާ ބެހޭ މިނިސްޓްރީން ހިމާޔަތްކޮށް އެކަން އިއުލާންކޮށްފި އެވެ.
ތިމާވެށި ހިމާޔަތްކޮށް، ދެމެހެއްޓުމުގެ ގާނޫނުގެ ދަށުން، އެ އަތޮޅުން ހިމާޔަތް ކޮށްފައިވާ ފަސް ސަރަހައްދަކީ މާގަނޑު ތިލަ (އެނިމޯން ތިލަ) ސެއްޅިފުށި-ހިރިޔަދޫ ސަރަހައްދު، މާކޯ ސަރަހައްދުގެ އިތުރުން ވައްވަރާއި ދަނޑިފަޅު ފިނޮޅާއި ދަނޑިފަޅު ކަނޑުއޮޅި ސަރަހައްދު އަދި ދަށުގިރި ފިނޮޅު ސަރަހައްދެވެ.
އެނިމޯން ތިލަ ސަރަހައްދަކީ ފާދިއްޕޮޅުގެ އުތުރަށް ވާ ގޮތަށް، އަތޮޅުގެ މެދުގައި އޮންނަ، ގިނަ އަދަދަކަށް މާގަނޑު ހެދިފައި ހުންނަ، ސޮފްޓް ކޮރަލް އަދި ހާޑް ކޮރަލް ގިނަ ސަރަހައްދެކެވެ. އެ ތިލައަކީ އެކި ފުންމިނުގައި ގިނަ ބާވަތްތަކުގެ މާގަނޑުތަކާއި މާގަނޑު މަސްތައް ފެތުރިފައިވާ، އެއްތަނަކުން އެންމެ ގިނަ އަދަދަކަށް މާގަނޑު ފެންނަ ކަމަށް ދުނިޔޭގެ ފެންވަރުގައި ވެސް ފާހަގަ ކުރެވޭ ތަނެކެވެ.
އެ ސަރަހައްދު ހިމާޔަތް ކޮށްފައި ވަނީ ސްޕީޝީސް ހެބިޓެޓް އޭރިއާއެއްގެ ގޮތުގަ އެވެ. އެ ސަރަހައްދުން ގާ، ވެލި އަކިރި ނެގުމާއި ކުނި އެޅުމާއި ބިން ހިއްކުމަށް ފަޅު ފުންކުރުން، އެން މަސް ނޫން މަސް ހިފުން، ދިއްލައިގެން މަސް ހިފުން އަދި އެކުއާ ކަލްޗާގެ މަސައްކަތްކުރުމާއި ނަގިލިލުން ވެސް މަނަލެެވެ.
ނަމަވެސް ވަކި ހުއްދައަކާ އެކު އެނިމޯން ތިލަ ސަރަހައްދުގައި ޓޫރިޒަމާއި މުނިފޫހިފިލުވުމަށް މޫދަށް އެރުމާއި ދިރާސާތައް ކުރުން ހުއްދަ އެވެ.
ސެއްޅިފުށި އަދި ހިރިޔަދޫ އަކީ ޅ. އަތޮޅުގައިވާ އެއްމެ ބޮޑު އެއް ފަޅުރަށް، އިދާރީ ގޮތުން ފަސް ރަށަކަށް ބަހާލާފައިވާ އިރު، މި ރަށުގެ އެންމެ އުތުރަށް އޮންނަ ދެ ރަށެވެ. ތާރީހީ ގޮތުން ބަލާއިރު މި ފަސް ރަށް ވަކިން އޮތް ކަމަށް ރިކޯޑް ކުރެވިފައިވީ ނަމަވެސް މި ފަޅުތެރޭގައި އޮއެ ބަދަލުވަމުންދާ ގޮތަށް ބަލައި ރަށްތަކަށް އަވަސް ބަދަލުތަކެއް އަންނަ ކަން ފާހަގަ ކުރެވިފައިވާ ކަމަށް އެންވަޔަރުމެންޓް މިނިސްޓްރީން ބުންޏެވެ.
އެ ރަށުގައިވާ ކުޅީގެ ވަށައިގެން 19 ބާވަތެއްގެ ގަސްގަހާއިގެހި ހެދިފައިވާއިރު އެ ރަށުގައިވާ ކަހެރުވައް ގަސްތަކަކީ ރާއްޖެ އިން ވަރަށް މަދުން ނޫނީ ނުފެންނަ، އަދި އާލާކުރުން މުހިއްމު ބާވަތެއްގެ ގަހެއްް ކަމަށް މިނިސްޓްރީން ބުންޏެވެ.
އެއީ ވެލާ ބިސްއެޅުމަށާއި ކަނޑުމަތީ ދޫނި ނިދަން އަރާ އަދި ހާލި ހަދާ، މާހައުލުތައް ހިމެނޭ ސަރަހައްދެކެވެ.
ސެއްޅިފުށި – ހިރިޔަދޫ ޗަސްބިން ސަރަހައްދު ހިމާޔަތްކޮށްފައި ވަނީ ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރެވޭ ހިމާޔަތް ކޮށްފައިވާ ތަނެއްގެ ގޮތުގަ އެވެ.
އެ ސަރަހައްދުގައި ދޫނި ހިފުމާއި ބިސް ނެގުން، ގަސް ކަނޑާއި އުފުރާ ގަހަށް ގެއްލުން ދިނުން، ރަށުން ބޭރުން ގެންގޮސްގެން އެއްވެސް ބާވަތެއްގެ ގަހެއް ނުވަތަ އޮށެއް އިންދުން، ގައު ވެލި މުރަކަ އަދި ވެލި ނެގުމާއި މި ނޫން ވެސް ބައެއް ކަންތައްތައް ވަނީ މަނާކޮށްފަ އެވެ.
މާކޯއަކީ މާފިލާފުށީގެ އިރުން އޮންނަ، ބޮޑު ކަކުންޏާއި ބޮނޑު ދިރިއުޅޭ ކަމަށް ފާހަގަ ކުރެވިފައިވާ ގަސް ބޯ ރަށެކެވެ. އެ ރަށް ހާއްސަ ވަނީ ރަށުގައިވާ ކުޅި އާއި އެ ކުޅީގަ އާއި ކުޅި ވަށައިގެންވާ ދިރުންތަކުގެ ސަބަބުންނެވެ.
ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުނި ގޮތުގައި އެއީ ގިނަ އަދަދަކަށް ބޭންގު ވިހައި އާލާވާ ކުޅިއެކެވެ. އެ ރަށުގެ ކުޅި، ފައު، ޗަސްބިން ސަރަހައްދުގައި ގިނަ އަދަދަކަށް ކަނޑޫގަސް ހުރި ކަމަށް ރިކޯޑު ކޮށްފައިވެ އެވެ. ކުޅީގެ ސަބަބުން ރަށުގެ ހޭޅިފަށް ގިރުމުން ސަލާމަތްކޮށްދޭ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ ހިޖުރަކުރާ ދޫނިތަކުގެ ތެރެއިން، ގުޑުގުޑާ ދޫންޏާއި އެހެނިހެން ބާވަތްތަކުގެ ދޫނި އެ ރަށުގެ ކުޅި ސަރަހައްދުގައި ވިހާ އާލާ ވާ ކަމަށެވެ. މީގެ އިތުރަށް މި ރަށުން 11 ބާވަތެއްގެ ހިޖުރަކުރާ ދޫންޏާއި ދެ ބާވަތެއްގެ ކަނޑުމަތީ ދޫނި ފެންނަ ކަމަށް ރިކޯޑު ކޮށްފައި ވެ އެވެ.
މި ރަށް ވެސް ހިމާޔަތްކޮށްފައި ވަނީ ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރެވޭ ހިމާޔަތްކޮށްފައިވާ ސަރަހައްދެއްގެ ގޮތުގަ އެވެ.
ވައްވަރަކީ ސާދާ، ގުދުރަތީ ގޮތުން ރީތި ރަށެކެވެ. އެ ފަޅުގައި އުފެދިފައިވާ ދަނޑިފަޅު ފިނޮޅު ކައިރިއަކީ ގިނަ އަދަދެއްގެ ކުދި މަހުގެ ނާސަރީއެއްގެ އިތުރުން، ކަނޑުމަތީ ދޫނި ގިނަ އަދަދަކަށް ޖައްސާ ބިސް އަޅާ ހިތްގައިމު ތަނެކެވެ.
އެންވަޔަރުމެންޓް މިނިސްޓްރީން ބުނި ގޮތުގައި ދަނޑިފަޅު ފިނޮޅުގައި އެ ސަރަހައްދުގައި ހަރަކާތްތެރިވާ ގިނަ ކަނޑުމަތީ ދޫނީގެ ބާވަތްތައް ޖައްސައި އެ ތަކެތި އާލާވެ ދިރިއުޅެ އެވެ. އެ ފިނޮޅު ކައިރީގައި އުފެދިފައިވާ ފަރުގައި މަސް އާލާވާ ނާސަރީތައް ވެސް އުފެދިފައިވާ ކަމަށް މިނިސްޓރީން ބުނެ އެވެ. އެއީ އެއީ ވަރަށް ގިނައިން އެންމަޑި ވެސް ފެންނަ ސަރަހައްދެއް ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުންޏެވެ.
ދޭތެރޭގައި އުފެދިފައިވާ ކަނޑުއޮޅި އަކީ ވަރަށް ހާއްސަ ގުދުރަތީ މުއްސަނދިކަމެއް ލިބިފައިވާ، މަދުން ނޫނީ ނުފެންނަ ބާވަތުގެ މަސްމަހާމެހި މުރަކައިގެ ބާވަތްތައް ގިނަ ސަރަހައްދެއް ކަމަށް ވެސް މިނިސްޓްރީން ބުނެފައި ވެ އެވެ. މީގެ އިތުރަށް އެ ކަނޑުއޮޅީގެ ފަރުތަކަކީ ކަނޑުއަޑީގެ ހޮހަޅާތަކާއި ’އޯވަހޭންގް‘ ތަކުން ފުރިފައިވާ، ފަރު އުފެދިފައިވާ ތަފާތު ބާވަތުގެ އެއްތަނަކުން ފެންނަ ސަރަހައްދެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އެ ސަރަހައްދު ހިމާޔަތްކޮށްފައި ވަނީ ސްޕީޝީސް/ހެބިޓެޓް މެނޭޖްމަންޓް އޭރިއާއެއްގެ ގޮތުގަ އެވެ.
ދަށުގިރި ފިނޮޅަކީ މާފިލާފުށީގެ އުތުރުގައި، ވޭވަށުގެ އިރުމައްޗަށް ވާހެން އުފެދިފައިވާ ބޮޑު ވެލިގަނޑެކެވެ. މިނިސްޓްރީން ބުނީ އެ ފިނޮޅުގެ ވެލިގަނޑަކީ މޫސުމާއެކު ބަދަލުވަމުންދާ އިރުވެސް، ހުރިހާ މޫސުމެއްގައި ވެސް އެންމެ ގިނައިން ދޫނި ފެންނަ ފިނޮޅެއް ކަމަށެވެ.
އެ ސަރަހައްދަކީ ދޫނިތައް ދުވާލުގެ ވަގުތުގައި ވަރުބަލި ފިލުވާލަން މަޑުކޮށްލާ، އަދި ރޭގަނޑު ނިދަންއަރާ، ދޫނި ބިސްއަޅައި، ވިހާ އާލާވާ، ސަރަހައްދެއް ކަމަށް މިނިސްޓްރީން ބުންޏެވެ. އެހެންވީމާ ފިނޮޅު ހިމާޔަތް ކުރުމުން ދޫނިތައް ވެސް ހިމާޔަތް ވާނެ ކަމަށާއި އޭގެ ސަބަބުން މަސްވެރިކަމާއި ފަތުރުވެރިކަމަށް ފައިދާ ވާނެ ކަމަށް މިނިސްޓްރީން ބުންނެވެ.
ދަށުގިރި ފިނޮޅު ހިމާޔަތްކުރީ ސްޓްރިކްޓް ނޭޗާ ރިޒާވް އެއްގެ ގޮތުގަ އެވެ.
ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއިބެހޭ ގާނޫނު ގެ ދަށުން މިހާތަނަށް 71 ސަރަހައްދެއް ވަނީ ހިމާޔަތްކޮށްފަ އެވެ.
ބިންހިއްކުމާއި ފަޅު ފުންކުރުން މަޑުޖައްސާލަން އަންގައިފި
ތިމާވެށީގެ ޖޫރިމަނާ އަބަދު ގަލުއަޅާފައި!
ރަސްފަރި ފަރަށް އެރިބޯޓުން 10 މިލިއަން ޑޮލަރު ދީފި
ކަނޑޫފާތައް ބަލިކަށިކޮށްލާ ފަންގަސްއެއް ފެނިއްޖެ
ރާއްޖޭގެ ހަމައެކަނި ޖަންގަލި މަރުވެ ނެތިދަނީ!
މެންގްރޫވްގެ ނާދިރު ބާވަތެއްގެ ރާއްޖޭން ފެނިއްޖެ
ވިލިމާލެ ފަރަށް އަދި ގެއްލުމެއް ލިބިފައެއް ނެތް:އީޕީއޭ
ބޭރު ޓީމުގެ ބަސް: ކުޅުދުއްފުށީ ކުޅި ހިމާޔަތްކުރެވޭނެ
ގޮއްވަނީ މީދޫ ފަރުގެ ކުޑަ މިންވަރެއް: މިނިސްޓްރީ
ދެކޮޅު ހަދަމުން ދަނިކޮށް މީދޫ ފަރު ގޮއްވަން ފަށައިފި