Roadha Mihaaru
ސޯނޫ: ރީތި ރާއްޖެ ޕްލާސްޓިކުން ތަޣައްޔަރުވިޔަ ނުދީ!

ސޯނޫގެ އަމިއްލަ ގަލަމުން: ރީތި ރާއްޖެ ޕްލާސްޓިކުން ތަޣައްޔަރުވިޔަ ނުދީ!

16 އެޕްރީލް 2019

ޕްލާސްޓިކުން މުޅި ރާއްޖެ ފުރި ބަންޑުން ވެއްޖެ އެވެ. ގޮނޑުދޮށްތަކުގައި ޕްލާސްޓިކް ގިނަވެއްޖެ އެވެ. ޕްލާސްޓިކް ކޮތަޅުން ފަރުތައް ފަރުދާވެ ފަރުގެ ދިރުން ނެތިދަނީ އެވެ. ކަނޑުގައި އުޅޭ އެންމެ ބޮޑު މަސް، އަދި ދިވެހި ރާއްޖެ އިން ނުހަނު ގިނައިން ފެންނަ ފެހުރިހީގެ ބަނޑު ތެރެއިން ވެސް ފެންނަނީ ހިމުންވެފައިވާ ޕްލާސްޓިކެވެ. އަހަރުން، އަހަރަށް މި ދަނީ ރާއްޖޭގައި ޕްލާސްޓިކް ކުނި ގިނަވަމުންނެވެ. ޕްލާސްޓިކް ކުނީގެ ސަބަބުން ރާއްޖޭގެ މި ރީތީ މާހައުލު ގޮނޑުވެ، ސުންނާފަތިވުމުގެ ޝަކުވާކުރާ މީހުންގެ އަދަދު ވެސް އަހަރުން އަހަރަށް މިދަނީ މައްޗަށެވެ.

ޕްލާސްޓިކުން މުޅި ރާއްޖެ ފުރި ބަންޑުން ވެއްޖެ އެވެ. ގޮނޑުދޮށްތަކުގައި ޕްލާސްޓިކް ގިނަވެއްޖެ އެވެ. ޕްލާސްޓިކް ކޮތަޅުން ފަރުތައް ފަރުދާވެ ފަރުގެ ދިރުން ނެތިދަނީ އެވެ. ކަނޑުގައި އުޅޭ އެންމެ ބޮޑު މަސް، އަދި ދިވެހި ރާއްޖެ އިން ނުހަނު ގިނައިން ފެންނަ ފެހުރިހީގެ ބަނޑު ތެރެއިން ވެސް ފެންނަނީ ހިމުންވެފައިވާ ޕްލާސްޓިކެވެ. އަހަރުން، އަހަރަށް މި ދަނީ ރާއްޖޭގައި ޕްލާސްޓިކް ކުނި ގިނަވަމުންނެވެ. ޕްލާސްޓިކް ކުނީގެ ސަބަބުން ރާއްޖޭގެ މި ރީތީ މާހައުލު ގޮނޑުވެ، ސުންނާފަތިވުމުގެ ޝަކުވާކުރާ މީހުންގެ އަދަދު ވެސް އަހަރުން އަހަރަށް މިދަނީ މައްޗަށެވެ.

ތިމާވެއްޓަށް މި ދެވޭ އަނިޔާގައި އެންމެ ބޮޑު ޒިންމާއެއް އުފުލަން ޖެހޭ ފަރާތަކީ ރިސޯޓްތައް ކަމަށް ދެކެމެވެ. އެހެނީ، ގިނަ ފަހަރަށް، ރިސޯޓަކުން ބޭނުންކުރާ ޕްލާސްޓިކްގެ އަދަދު އާންމުން ދިރިއުޅޭ ރަށަކާ އަޅާބަލާއިރު އެތައް ގުނައަކުން ގިނަ އެވެ. ރިސޯޓްތަކުން އުފައްދާ ކުނި "ރައްކާތެރިކޮށް" ނައްތާލުމަށްޓަކައި އެކުނި ބަންދުކުރުމަށް ފަހު ތިލަފުއްޓަށް ފޮނުވުމަކީ ރިސޯޓްތަކުގެ ގާނޫނީ ޒިންމާއެކެވެ. ނަމަވެސް ވަރަށް ގިނަ ފަހަރަށް މިކުނި ތިލަފުއްޓާ ހަމައަށް ވެސް ނުގެންދެ އެވެ. އޭގެ ބަދަލުގައި ވަޔާ އެކު މިކުނި އެޅެނީ ކަނޑަށެވެ. ނޫން ނަމަ މީހަކަށް ނުފެންނަ ތަނުގައި މިކުނި ކަނޑަށް ވެސް އުކާލަ އެވެ.

ތިލަފުއްޓާ ހަމައަށް ފޯރާ ކުނި ވެސް ރައްކާތެރި ގޮތުގައި ނައްތާލުމުގެ ބަދަލުގައި ހާމައަށް އަންދާލެވެ އެވެ. މި އަލިފާންގަނޑުން އަރާ ވިހަ ދުންގަނޑު މާލޭ ސަރަހައްދުގައި ބޮޑު ވިލާގަނޑެއްގެ ސިފައިގައި އަބަދުމެ އޮވެ އެވެ. އެއިން ކުޑަކުދިންގެ ނޭވާލާ ނިޒާމަށް ލިބޭ ގެއްލުން ބުނެދޭން ވެސް ނޭނގެ އެވެ.

އުއްމީދު އެބަ އޮތް

ނަމަވެސް ޕްލާސްޓިކުން މި ލިބޭ ގެއްލުން ކުޑަކުރެވިދާނެ ކަމުގެ އުއްމީދު އަދި އެބަ އޮތެވެ. މިކަމަށް އެޅޭނެ އެންމެ ފަސޭހަ، އަދި ފުރަތަމަ ފިޔަވަޅަކީ ވެސް، އަހަރަމެން ބޭނުންކުރާ ޕްލާސްޓިކް މަދުކުރުމެވެ. ރިސޯޓްތަކުން މިކަމުގައި އިސްނަގާ، އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ފުޅި، ކޮތަޅު އަދި އެހެނިހެން ތަކެތި ބޭނުންކުރުން ހުއްޓާލުމާ ދިމާއަށް މިސްރާބު ޖަހަން ވެއްޖެ އެވެ. މިއަދު ދިވެހިރާއްޖެ އަށް އަންނަ ގިނަ ފަތުރުވެރިންނަކީ ޕްލާސްޓިކުން ތިމާވެއްޓަށް ލިބޭ ގެއްލުން އެނގޭ އަދި މި ގެއްލުން އެ މީހުންނަށް ވީވަރަކުން ހުއްޓުވަން ބޭނުންވާ މީހުން ކަމަށް ވިޔަސް، 2019 ގައި ވެސް، ސިންގަލް ޔޫސް ޕްލާސްޓިކް ފުޅީގައި ހުންނަ ބްރޭންޑަޑް ފެން ވިއްކަން އެއް ރިސޯޓު އަނެއް ރިސޯޓާ ވާދަކުރާކަމީ ދެރަ ކަމެކެވެ.

އަޅުގަނޑާއި އީވާ ބ. އަތޮޅުގައި ހިންގާ ސޮނެވާފުށި ހުޅުވީ 1995 ގަ އެވެ. އަދި 2008 އިން ފެށިގެން ސޮނެވާފުށީގައި ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ކަސްޓަމަރުންނަށް ދިނުން ހުއްޓާލީމެވެ. ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެނުގެ ބަދަލުގައި އަޅުގަނޑުމެން ފަތުރުވެރިންނަށް ދެމުން މިއަންނަނީ ސޮނެވާފުށީގައި ތައްޔާރުކުރާ ފެނެވެ. މިފެން ބަންދުކޮށްފައި ހުންނަނީ ރީޔޫސަބަލް ބިއްލޫރި ފުޅީގަ އެވެ. ކަސްޓަމަރަކު ވަކި ބްރޭންޑެއްގެ ފެން ބޭނުންވެއްޖެ މަދު ފަހަރަކު، ޖެހިގެން އޮންނަ ރިސޯޓުން އެ ފެން ގަނެގެން އެ މީހަކަށް ގެނެސްދެމެވެ. ނަމަވެސް މިގޮތަށް ބްރޭންޑަޑް ފެން ހޯދަން ފަތުރުވެރިއަކު އެދެނީ ވަރަށް މަދު ފަހަރެއްގަ އެވެ.

ހަމަ މިގޮތަށް 2016 ގައި އަޅުގަނޑުމެން ހުޅުވި ސޮނެވާ ޖާނީގައި ވެސް ފަތުރުވެރިންނަށް ދެނީ ބިއްލޫރި ފުޅީގައި ބަންދުކޮށްފައި ހުންނަ، އެތަނުގައި ތައްޔާރުކުރާ ފެނެވެ. ވޭތުވެދިޔަ 25 އަހަރު، ދުނިޔޭގެ އެކި ތަންތާނގައި އަޅުގަނޑުމެން ރިސޯޓު ހިންގާފައިވާ އިރު، އެއިން އެއްވެސް ތަނެއްގައި ޕްލާސްޓިކް ފެންފުޅި ލިބެން ނުހުންނާތީ އެއްވެސް ކަސްޓަމަރަކު ޝަކުވާކޮށްފައެއް ނުވެ އެވެ. މީގެ ބަދަލުގައި ފަތުރުވެރިން ޗުއްޓީގައި ތިބޭ ވަގުތު ބޭނުންކުރާ ޕްލާސްޓިކް މަދުކުރެވޭތީ އެ މީހުން ހިތްހަމަޖެހިގެން އެކަމަށް ތައުރީފްކުރެ އެވެ.

ހަމަ މިބީދައިން، ރިސޯޓްތަކުގައި ބޭނުންކުރާ އެހެނިހެން ޕްލާސްޓިކް މަދުކުރުމަކީ ވެސް ކުރެވިދާނެ ކަމެކެވެ. ފެށުނީއްސުރެ ސޮނެވާގައި އަޅުގަނޑުމެން ބޭނުންކުރަމުން މި އަންނަނީ ކަރުދާސް އޮނު ނުވަތަ ލަކުޑި ހޮޅި އެވެ. އެއްވެސް ގޮތަކަށް ޕްލާސްޓިކް ހޮޅި ބޭނުމެއް ނުކުރަމެވެ. މިކަމާ ގުޅިގެން ވެސް އެއްވެސް ފަތުރުވެރިއަކު މައްސަލައެއް ނުޖައްސަ އެވެ. ހަމަ މިގޮތަށް، ބްރޭންޑަޑް ޝޭމްޕޫ، ޝަވަ ޖެލް ފަދަ އެއްޗިހި ސޮނޭވާގެ އެއްވެސް ރިސޯޓެއްގައި ބޭނުމެއް ނުކުރެ އެވެ. މި ތަކެތީގެ ބަދަލުގައި އަޅުގަނޑުމެން ބޭނުންކުރަނީ އަލުން ބޭނުންކުރެވޭ، ރީޔޫސް ކުރެވޭ، ސެރަމިކް ފުޅި އެވެ. އަދި އެއަށް އަޅަން ބޭނުންވާ ޝަވާ ޖެލް، ޝޭމްޕޫ ފަދަ ތަކެތި ހޯދަނީ 18 ލީޓަރުގެ ބޮޑެތި ޓައްޕުގަ އެވެ. ރީޔުސްކުރާ ސެރަމިކް ފުޅި ހުސްވުމުން މި ޓައްޕުން އަނެއްކާވެސް ރީފިލްކުރަނީ އެވެ. މިހެން ހެދުމުން އަޅުގަނޑުމެން ބޭނުންކުރާ ސިންގްލް-ޔޫސް ޕްލާސްޓިކް ބޮޑު ތަނުން މަދުކުރެވެ އެވެ.

ސޮނެވާފުށީގައި އުފައްދާ ބޯފެން ބިއްލޫރި ފުޅިއެއްގައި: އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް، ސޮނެވާގެ ރިސޯޓްތަކުގައި ހުއްޓާލިތާ ކިތައްމެ ދުވަހެއް

ސޮނެވާފުށީގައި އުފައްދާ ބޯފެން ބިއްލޫރި ފުޅިއެއްގައި: އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް، ސޮނެވާގެ ރިސޯޓްތަކުގައި ހުއްޓާލިތާ ކިތައްމެ ދުވަހެއް

މިގޮތަށް ސިންގްލް-ޔޫސް ޕްލާސްޓިކް ބޭނުންކުރުން މަދުކުރުމުން އަޅުގަނޑުމެންނަށް ވަރަށް ބޮޑު ފައިދާއެއް ކޮށްފި އެވެ. މިގޮތުން، އަޅުގަނޑުމެން އަމިއްލަ އަށް އުފައްދާ ފެން، ބިއްލޫރި ފުޅީގައި ވިއްކައިގެން، އަހަރެއްގެ މައްޗަށް 90،000 ޑޮލަރު ލިބެ އެވެ. މި ފައިސާ ޑޮނޭޓްކުރަނީ ފެނާ ބެހޭ މަސައްކަތްކުރާ ޗެރިޓީ ޖަމާއަތްތަކަށެވެ. ބްރޭންޑަޑް ފެން ނުވިއްކައިގެން އަޅުގަނޑުމެންގެ ވިޔަފާރިން ވާ ފައިދާއަކަށް އެއްވެސް ބަދަލެއް ނާދެ އެވެ. ނިސްބަތުން (ރެވެނިއު ޕާ އެވެއިލެބްލް ރޫމްއަށް ބަލައިގެން)، ސޮނެވާ ޖާނީއަކީ، ދިވެހިރާއްޖޭގައި، އަދި ދުނިޔޭގެ ފެންވަރުގައި ވެސް، އެންމެ އަގުބޮޑުކޮށް ކޮޓަރި ވިއްކާ އެއް ރިސޯޓެވެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކޮންމެ ވިޔަފާރިއެއްގެ ވެސް، މުވައްޒަފުންނަށް މުސާރަ ދިނުމާއި ހިއްސާދާރުންނަށް ވިޔަފާރީގެ ފައިދާ ބެހުމުގެ އިތުރުން، މަގުސަދެއް އޮންނަންވާނެ އެވެ. މިގޮތުން ސޮނެވާގެ "ސްލޯ ލައިފް" ފަލްސަފާއަކީ ގެސްޓުންނަށާއި މުވައްޒަފުންނަށް ވެސް މުހިއްމު ފަލްސަފާއެކެވެ. އަދި އަޅުގަނޑުމެން ބޭނުންކުރާ ޕްލާސްޓިކް މަދުކުރުމުން، ސޮނެވާ ބްރޭންޑްގެ އަގު މަތިވެ، ކުންފުނީގެ މަޤްޞަދާއި ފަލްސަފާ ކުރިއެރުވެ އެވެ.

ތަޣައްޔަރުވާން ދުލެއް ނުކުރެވޭނެ

ސޮނެވާގައި އަޅުގަނޑުމެން މި ބޭނުންކުރާ ދެމެހެއްޓެނިވި ތަރައްގީގެ އުސޫލުތައް ފަތުރުވެރިކަމުގެ ސިނާއަތުގައި ކުރިއެރުވުމުގެ ގޮތުން ބައެއް ކަންކަން ކޮށްފައިވާނެ އެވެ. މިގޮތުން، ޓުއަރިސްޓް ހޮޓާތަކުގައި ވިއްކާ ފެނަކީ އެ ތަނެއްގައި ތައްޔާރުކުރާ ފެނަށް ހެދުމަށް ހިތްވަރު ދިނުމުގެ ގޮތުން، "ހޯލް ވާލްޑް ވޯޓާ" ޗެރިޓީ އުފެއްދީމެވެ. ނަމަވެސް، ގިނަ ރިސޯޓްތަކުން މިކަމަށް މާ ބޮޑު ތަރުހީބެއް ނުލިބުނެވެ. އަދި ހާމަވީ އެއް ކަމަކީ ރިސޯޓްތަކުގައި ބޭނުންކުރާ ސިންގްލް-ޔޫސް ޕްލާސްޓިކް މަދުކުރުމަށް އެތައް ބަހަނާއެއް ރިސޯޓުތަކުން ދައްކާ ކަމެވެ.

ނަމަވެސް، މިއަދު ކަންކަން މި އަންނަނީ ބަދަލުވަމުންނެވެ. ގިނަ ރިސޯޓްތަކުން އަންނަނީ އެ ތަންތަނުގައި ބޭނުންކުރާ ސިންގްލް-ޔޫސް ޕްލާސްޓިކް މަދުކުރަން މަސައްކަތްކުރަމުންނެވެ. މިގޮތުން ރިސޯޓުތަކުގައި އުފައްދާ ފެން ރީޔޫސަބަލް ފުޅީގައި ބަންދުކޮށް، އޭގެ ބޭނުންކުރާ މިންވަރު އިތުރު އެބަވެ އެވެ. މިއީ ހެޔޮ ފާލެކެވެ. ނަމަވެސް ގިނަ ރިސޯޓްތައް، ހާއްސަ ގޮތެއްގައި ނަން މަޝްހޫރު ލަގްޒަރީ ރިސޯޓުތަކުން، މި ބަދަލު ގެނައުމަށް – އެއީ ސިންގްލް-ޔޫސް ޕްލާސްޓިކް ބޭނުންކުރުން މަދުކުރުމަށް، އަދިވެސް ފަސްޖެހެ އެވެ.

ދިވެހިރާއްޖޭގައި ކުންޏަކީ ބޮޑު މައްސަލައެކެވެ. އަޅުގަނޑު ދެކޭ ގޮތުގައި ޕްލާސްޓިކް ކުންޏަށް އެކަށީގެންވާ ހައްލެއް ހޯދުމަށްޓަކައި، އާ ސަރުކާރުން، ސިންގަލް-ޔޫސް ޕްލާސްޓިކް ރާއްޖޭގައި ބޭނުންކުރުން މަނާކުރަން ޖެހެ އެވެ. މި ނޫން ގޮތަކަށް ރާއްޖޭގެ ޓުއަރިޒަމް ސިނާއަތުން އެދެވޭ ގޮތަކަށް ޕްލާސްޓިކާ ދެކޮޅަށް މަސައްކަތްކުރާނެ ކަމަކަށް އަޅުގަނޑަށް ގަބޫލެއްނުކުރުވެ އެވެ. ވަރަށް ގިނަ ފަހަރު ކަމެއް ކުރާން މަޖުބޫރުވުމުން، އެކަމެއްގައި ހުރި ފައިދާ ފެނި އެއީ ރަނގަޅު ކަމެއްގެ ގޮތުގައި ފަހުން ބަލައިގަނެވެ އެވެ.

ރިސޯޓުތަކުން މި ރީތި ޖަޒީރާ ގައުމު ތަޣައްޔަރުކޮށްލަން ދޫކޮށްލައިގެން ތިބެވޭކަށް ނެތެވެ. ތުނޑިތަކުންނާއި ފަރުތަކުން ޕްލާސްޓިކް ކުނި ފެނުމުން ފަތުރުވެރިން އެކަމާ ޝަކުވާ ކުރަން ދޫކޮށްލައި، އަތްއުރާލައިގެން ތިބެވޭކަށް ނެތެވެ. ފަތުރުވެރިކަން އިތުރަށް ކުރިއެރުވޭނީ، ސިންގްލް-ޔޫސް ޕްލާސްޓިކް ކުނިން ރާއްޖެ ސަލާމަތްކުރެވިގެންނެވެ.

އެޑިޓަރުގެ ނޯޓު

ރާއްޖޭގެ ޓޫރިޒަމަށް ބޮޑު ބަދަލުތަކެއް ގެންނެވި އަދި ތިމާވެށީގެ ހިމާޔަތުގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާ ސޯނޫ ޝިވްދަސާނީ

ރާއްޖޭގެ ޓޫރިޒަމަށް ބޮޑު ބަދަލުތަކެއް ގެންނެވި އަދި ތިމާވެށީގެ ހިމާޔަތުގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާ ސޯނޫ ޝިވްދަސާނީ

ސޯނޫ އަކީ ރާއްޖޭގެ ޓޫރިޒަމް މުޅިން އެހެން ހަރުފަތަކަށް ގެންދެވި ބޭފުޅެކެވެ. އޭނާ ފުރަތަމަ ރިސޯޓް، ސޮނެވާފުއްޓާ އެކު ރާއްޖޭގެ ޓޫރިޒަމް ހުޅުވާލަދިނީ މުޅިން ތަފާތު ލަގުޒަރީ މާކެޓަކަށެވެ. އޭނާ ގެންނެވި މި ބަދަލުތަކުގެ އިތުރުން ތިމާވެއްޓަށް އޭނާ އާއި އޭނާގެ ކުންފުނިން ދޭ ސަމާލުކަން ވަރަށް ބޮޑަށް ފާހަގަކުރެވެ އެވެ. ތިމާވެށީގެ ހިމާޔަތުގައި ވަރަށް ގިނަ ޕްރޮގްރާމްތައް ހިންގަ އެވެ.