Roadha Mihaaru
ދީބާޖާ މައްސަލައިގެ ހުކުމް ތަންފީޒު މަރުހަލާ ފަށަނީ

ދީބާޖާ އަށް ބަދަލު ދޭން ކުރި ހުކުމް ތަންފީޒު ކުރުމުގެ މަރުހަލާ މާދަމާ ފަށަނީ

12 މެއި 2019

ދީބާޖާ އިންވެސްޓްމަންޓާ އެކު ސަރުކާރުން ހެދި އެއްބަސްވުން ބާތިލްކުރި މައްސަލައިގައި އެ ކުންފުންޏަށް ބޮޑު ބަދަލެއް ދޭން ކުރި ހުކުމް ތަންފީޒު ކުރުމުގެ މަރުހަލާ މާދަމާ ފަށަން ސިވިލް ކޯޓުން ތާވަލްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ދީބާޖާ އިންވެސްޓްމަންޓާ އެކު ސަރުކާރުން ހެދި އެއްބަސްވުން ބާތިލްކުރި މައްސަލައިގައި އެ ކުންފުންޏަށް ބޮޑު ބަދަލެއް ދޭން ކުރި ހުކުމް ތަންފީޒު ކުރުމުގެ މަރުހަލާ މާދަމާ ފަށަން ސިވިލް ކޯޓުން ތާވަލްކޮށްފި އެވެ.

އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް އެމްޑީޕީގެ ވެރިކަމުގައި 2010 ވަނަ އަހަރު ދީބާޖާއާ އެކު ސަރުކާރުން ހެދި އެއްބަސްވުން ސަރުކާރުން 2013 ވަނަ އަހަރު ބާތިލްކުރި މައްސަލާގައި ގެއްލުމުގެ ބަދަލަށް ދީބާޖާއަށް 348 މިލިއަން ރުފިޔާ ދޭން ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން 2014 ގައި އޮތީ ހުކުމްކޮށްފަ އެވެ. އަދި މިދިޔަ މަހު ސުޕްރީމް ކޯޓުން ވަނީ ސިވިލް ކޯޓުގެ އެ ހުކުމް ދަމަހައްޓައިފަ އެވެ.

ސިވިލް ކޯޓުގެ ހުކުމް އެ ތަންފީޒު ކުރުމުގެ މަރުހަލާ ސިވިލް ކޯޓުގައި ފަށަން ހަމަޖައްސާފައިވަނީ މާދަމާ ހެނދުނު އެވެ.

ދީބާޖާ އަށް ބަދަލު ދިނުމަށް ސުޕްރީމް ކޯޓުން ކުރި ހުކުމް ރިވިއުކުރަން ހުށަހަޅާނެ ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ކުރިން އޮތީ ވިދާޅުވެފަ އެވެ. އެކަމަކު އެ މައްސަލަ ރިވިއުކުރަން އަލުން ހުށަހެޅި ކަމެއް އަދި ސާފެއް ނުވެ އެވެ.

ދީބާޖާ އަށް ބަދަލު ދޭން ސިވިލް ކޯޓުގައި 2014 ގައި ހުކުމް ކޮށްފައި ވަނިކޮށް ހައި ކޯޓުން މިދިޔަ އަހަރު އެ ހުކުމް ބާތިލްކޮށް، އެ ފައިސާ ދައްކަން ނުޖެހޭނެ ކަމަށް ހުކުމް ކުރި އެވެ. އެކަމަކު ހައި ކޯޓުގެ އެ ހުކުމް ދީބާޖާއިން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން މިދިޔަ މަހު ވަނީ ހައި ކޯޓުގެ ހުކުމް ބާތިލްކޮށް، އަދި ސިވިލް ކޯޓުގެ ހުކުމް ދަމަހައްޓައިފަ އެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގައިވަނީ ހައި ކޯޓުން އެ މައްސަލަ ބަލަައިގެންފައި އޮތީ އިސްތިއުނާފް މުއްދަތު ހަމަވި ފަހުން ކަމަށާއި އެ މުއްދަތު ހަމަވިފަހުން އެ މައްސަލަ ބަލައިގަނެ، މައުޟޫއީ ގޮތުން މައްސަލަ ބަލާފައިވަނީ ގާނޫނާ ޚިލާފަށް ކަމަށެވެ.