Roadha Mihaaru
އަމާންކަމުގައި ދިހަ އަހަރު، އަނެއްކާވެސް ބިރުވެރިކަން

އަމާންކަމުގައި ދިހަ އަހަރު، އަނެއްކާވެސް ބިރުވެރިކަން

22 އެޕްރީލް 2019

ސްރީ ލަންކާގައި، އަމިއްލައަށް މަރުވެގެން، ބަޔަކު ދިން ބޮމުގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވި ޚަބަރު ލިބުމާ އެކު އެންމެ ފުރަތަމަ ވެސް ގުޅީ އެ ގައުމުގެ ރަހުމަތްތެރި ނޫސްވެރިއަކަށެވެ. ފޯނު ނުނަގާތީ ހާލު އަހާލާފައި މެސެޖެއް ކޮށްލުމުން ޖަވާބު އައީ މިހެންނެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ސްރީ ލަންކާގައި، އަމިއްލައަށް މަރުވެގެން، ބަޔަކު ދިން ބޮމުގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވި ޚަބަރު ލިބުމާ އެކު އެންމެ ފުރަތަމަ ވެސް ގުޅީ އެ ގައުމުގެ ރަހުމަތްތެރި ނޫސްވެރިއަކަށެވެ. ފޯނު ނުނަގާތީ ހާލު އަހާލާފައި މެސެޖެއް ކޮށްލުމުން ޖަވާބު އައީ މިހެންނެވެ.

"އަހަރެން ހީކުރީ ސްރީ ލަންކާއިން ދެން މި ފަދަ މަންޒަރެއް ނުފެންނާނެ ކަމަށް. ހަނގުރާމަ ނިމުނީ ކަމަށް. ދެން ހަމަޖެހިލައިގެން އަހަރުމެންނަށް އުޅެވިދާނެ ކަމަށް" އުފަންވީއްސުރެ، ލަންކާގައި ހިނގަމުން ދިޔަ ހަނގުރާމަ ފެނި އެ ބިރުވެރިކަން ތަހައްމަލު ކޮށްފައިވާ ނޫސްވެރިޔާ ބުންޏެވެ.

ހާލުގެ ވާހަކައެއް އޭނާ ނުދައްކަ އެވެ. އެކަމަކު ވެފައިވާ ދެރަ، އެ މެސެޖުން ވެސް ވަޒަން ކުރެވުނެވެ. މިއީ ރާއްޖެއާ އެންމެ އަވަށްޓެރި ގައުމުގެ ހުރިހާ ރައްޔިތުން މިއަދު ކުރާނެ އިހުސާސެވެ.

ހަމަލާތަކަށް ފަހު ލަންކާގެ މަގުތަކުގައި ސިފައިން ހަރަކާތްތެރިވަނީ

ހަމަލާތަކަށް ފަހު ލަންކާގެ މަގުތަކުގައި ސިފައިން ހަރަކާތްތެރިވަނީ

ލަންކާގެ އުތުރުގައި ވަކި ސަރުކާރެއް އުފެއްދުމަށް ތަމަޅަ ޓައިގަރުން 36 އަހަރު ވަންދެން ހަނގުރާމަ ކުރި އެވެ. މީގެ ދިހަ ވަރަކަށް އަހަރު ކުރިން އެ ހަނގުރާމަ ނިމުނު އިރު، ލައްކައަކަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. ހަނގުރާމައިގެ ފަހު ތިން އަހަރު އެ އަނިޔާވެރިކަން އިންތިހާއަށް އިތުރުވި އެވެ. އެކަމަކު ތަމަޅަ ހަނގުރާމަވެރިންގެ މައްޗަށް މަހިންދަ ރާޖަޕަކްސާގެ ސަރުކާރުން 2009 ގައި ހޯދި ކާމިޔާބަށް ފަހު އިއްޔެއާ ޖެހެންދެން އެ ގައުމުގައި އޮތީ އަމާންކަމެވެ.

އިއްޔެގެ ހަމަލާތަކަކީ ދުނިޔޭގެ ނިސްބަތުން ވެސް ބޮޑު އަދި އަނިޔާވެރި އަމަލެކެވެ. މިހާތަނަށް މަރުވި މީހުންގެ އަދަދު 290 އަށް ވުރެ މައްޗެވެ. ޒަހަމްވި މީހުންގެ އަދަދު އުޅެނީ 450 އަށް ވުރެ މަތީގަ އެވެ.

ފައްޅިއެއްގައި ބޮން ގޮއްވާލުމުން ސިފައިން ހަރަކާތްތެރިވަނީ

ފައްޅިއެއްގައި ބޮން ގޮއްވާލުމުން ސިފައިން ހަރަކާތްތެރިވަނީ

ބައެއް ފައްޅިތަކާއި ލަންކާގެ މަޝްހޫރު ބައެއް ހޮޓާތަކަށް އަމާޒުކޮށް އިއްޔެ ދިން ހަމަލާގައި ލޭގެ ކޯރުތައް ހެދުނެވެ. މުޅި ހިސާބު ގުގުމާލާފައިވަނީ މީހުންގެ ހަޅޭއްކާއި ރުއިމުގެ އަޑުންނެވެ. ޒަހަމްވެފައިވާ މީހުންތަކުން ކައިރި ހޮސްޕިޓަލްތައް ތޮއްޖެހުނު އިރު މުޅި ސަރަހައްދުން ފެނުނީ ނާމާންކަމެވެ.

"މި ހަމަނުޖެހުންތަކަކަށް ނިމުމެއް ނެތް،" މެންދުރު ފަހު އިތުރު ތަނެއްގައި ބޮން ގޮއްވާލުމުން ރަހުމަތްތެރިޔާ ފޮނުވި އެހެން މެސެޖެއްގައި ބުންޏެވެ.

އިއްޔެއާ ހަމައަށް ކާރޫބާރޫ ބޮޑު ލަންކާގެ މަގުތައް މަތިން މިހާރު ފެންނަނީ ހިމޭންކަމެވެ. އިތުރު ހަމަލާތަކެއް އަތުވެދާނެ ކަމަށް ބަލައި، ކަމާ ގުޅޭ ފަރާތްތަކުން އިލްތިމާސްކުރަނީ މަގުމައްޗަށް ނުކުމެ ނޫޅުމަށެވެ.

ލަންކާ: ގިނަ ދިވެހިންގެ ދެ ވަނަ ވަޒަން

އިހުގެ މީހުން ބުނާ ގޮތުން ރާއްޖެ އާއި ލަންކާއާ ދެމެދު އޮތް ގުޅުން ފެށުނީ ކޮއިމަލޭ ކިޔުނު ސިންހަލަ ރާޖާއަކު، ލަންކާގެ ރަސްގެފާނުގެ ދަރިއަކާ ކައިވެނި ބައްލަވައިގެން ރާއްޖެ އައި ހިސާބުންނެވެ. ފަހުން އެ މީހުން ރާއްޖޭގައި ވަޒަންވެރިވެ، ރަސްކަން ކުރިކަމަށް ވެސް ކިޔަ އެވެ. މިއީ ހަގީގަތަކަށް ވިޔަސް ނުވިޔަސް ލަންކާ އާއި ދިވެހިންނާ މެދު އެންމެ ކުރިއްސުރެ އޮންނަނީ ވަރަށް ގާތް ގުޅުމެކެވެ.

ކޮލަމްބޯގެ ފައްޅިއެއްގެ ބޭރުގައި ސިފައިން ސަލާމަތީ ކަންކަން ބަލަހައްޓަނީ. --ފޮޓޯ:އޭއެފްޕީ

ކޮލަމްބޯގެ ފައްޅިއެއްގެ ބޭރުގައި ސިފައިން ސަލާމަތީ ކަންކަން ބަލަހައްޓަނީ. --ފޮޓޯ:އޭއެފްޕީ

މާލޭން ފުރައިގެން ރާއްޖޭގެ އެންމެ އުތުރަށް ނޫނީ ދެކުނަށް ދިޔުމަށް ވުރެ، ލަންކާއަށް ދާން މާ އަގުހެޔޮ ވެފައި ބައެއް މީހުންނަށް މާ ފަސޭހަ އެވެ. އެހެންވެ، ހަފުތާ ބަންދާއި ސްކޫލު ޗުއްޓީތަކުގައި އެންމެ ގިނަ ދިވެހިންގެ މަންޒިލަކަށް ވެފައި އޮންނަނީ އެ ގައުމެވެ. މިދިޔަ އަހަރު އެކަނި ވެސް 80،000 އެއްހާ ދިވެހިން އެ ގައުމަށް ޒިޔާރަތްކުރި އެވެ. ކިޔެވުމާއި ބޭސް ފަރުވާ ހޯދުމަށް ގިނަ ބަޔަކު ލަންކާއަށް ދާއިރު އެ ގައުމުގައި ވަޒަންވެރިވެފައިވާ ދިވެހިންގެ އަދަދު އެތައް ހާހަކަށް އަރަ އެވެ.

އެހެންވެ، ގިނަ ދިވެހިންގެ ނަޒަރުގައި ލަންކާއަށް ދިން މި ހަމަލާއަކީ ހަމަ އަމިއްލަ ވަޒަނަށް ދިން ހަމަލާއެކެވެ.

"އަހަރެންގެ އުމުރުން ދިހަ އަހަރުއްސުރެ އުޅެމުން މި ދިޔައީ ލަންކާގައި. އެ ސަރަހައްދުގެ މަގުތަކަށް އަހަރެން ފަރިތަ. އަަވަށްޓެރިން ދަންނަން. އެހެންވެ، ލަންކާގައި އަހަންނަށް ކުރެވެނީ ވަރަށް އަމިއްލަވަންތަ އިހުސާސެއް. މިއީ ހަމަ އަހަރެންގެ އަމިއްލަ ގައުމަށް ދިން ހަމަލާއެއް ފަދަ،" ހުސެން ސުޖާއު ކިޔާ މީހަކު ޓްވިޓާގައި ބުންޏެވެ.

ލަންކާއަކީ ދެވަނަ ވަޒަން ކަމަށް ބުނެ ޓްވިޓާގައި ހިޔާލުފާޅުކުރި އެހެން ދިވެއްސަކު ބުނިގޮތުގައި ރާއްޖޭގައި ކަމެއް ވީމާ ވެސް ދެރަވާނީ ހަމަ އެ ވަރަށެވެ.

ހަމަލާ އަމާޒުވި ސްރީ ލަންކާގެ ޝަންގްރިއްލާ ހޮޓަލުގައި ސިފައިން ސަލާމަތީ ކަންކަން ބަލަހައްޓަނީ. --ފޮޓޯ:އޭއެފްޕީ

ހަމަލާ އަމާޒުވި ސްރީ ލަންކާގެ ޝަންގްރިއްލާ ހޮޓަލުގައި ސިފައިން ސަލާމަތީ ކަންކަން ބަލަހައްޓަނީ. --ފޮޓޯ:އޭއެފްޕީ

ކުރީގެ ބަންޑާރަނައިބު ދިޔާނާ ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލަންކާއަކީ ހަމައެކަނި ދިވެހިންގެ ދެވަނަ ވަޒަން ނޫން ކަމަށާއި އަމިއްލަ ގައުމުގައި ރައްކާތެރިކަން ނެތް ހިނދު ދާން އޮންނަ އެންމެ އަމާން ބަނދަރު ކަމަށެވެ. އެގޮތުން ބަލާއިރު އެއީ ހަމަ އަމިއްލަ ވަޒަން ކަމަށް އޭނާ ވިދާޅުވި އެވެ.

ލަންކާގައި އާއްމުކޮށް ދިވެހިން ގޮސް އުޅޭ ދެ ސަރަހައްދެއްގައި ވެސް ބޮން ގޮއްވި އެވެ. ކިންގްސްބަރީ ހޮޓަލަށް ހަމަލާދިން އިރު އެތަނުގައި ތިބި ދެ ދިވެހިން ވަނީ އެއްވެސް އަނިޔާއެއް ނުލިބި ސަލާމަތްވެފަ އެވެ.

ނަަމަވެސް ލަންކާގައި ދިރިއުޅޭ ދިވެހިންގެ ހިތްތަކުގައި ވެސް މިހާރު ވަނީ ބިރުވެރިކަމެވެ. އަހަރުތަކަކަށް ފަހު އަމާންކޮށް އޮތް އެ ގައުމުގައި އަނެއްކާ ވެސް ހަމަނުޖެހުން އުފެދިދާނެ ކަމަށް ހީވެފައިވާއިރު، މިއީ ދިވެހިންނަށް ވެސް ލިބޭނެ ދެރައެކެވެ.

ދިވެހިންނަށް ވެސް ބިރުވެރިކަން

ލަންކާގައި އުޅޭ ދިވެހިންގެ ހިތްތަކުގައި މިހާރު އޮތް އެންމެ ބޮޑު ބިރުވެރިކަމަކީ އެ ހަމަލާގެ ތުހުމަތު މުސްލިމުންގެ ބޮލުގައި އެޅުވުމެވެ. މިހާރު ވެސް އެ ތުހުމަތު ކުރަނީ ހައްދު ފަހަނަ އަޅާފައިވާ ޖަމާއަތެއް ކަމަށްވާ، އެންޓީޖޭ (ނޭޝަނަލް ތައުހީދު ޖަމާއަތް) އަށެވެ. އެ ޖަމާއަތުން މިދިޔަ އަހަރު ވަނީ ބުޑިސްޓުންގެ ތަންތަނަށް ވެސް ހަމަލާދީފަ އެވެ.

ދަރިންނަށް ކިޔަވައިދިނުމަށް ސްރީ ލަންކާގައި ދިރިއުޅެމުން އަންނަ އައިޝަތު ނަފީސާ ބުނިގޮތުގައި މުސްލިމުންނަށް މި ތުހުމަތު ކުރާ ނަމަ، މަގުމައްޗަށް ނުކުމެ އުޅެން ފަސޭހައެއް ނުވާނެ އެވެ. އަދި ބަދަލު ހިފުމުގެ ހަމަލާއެއް ކޮންމެ ވަގުތަކު ވެސް ދީފާނެ ކަމަށާއި އެހެންވެ ބޭރަށް ނުކުންނަން ޖެހިލުންވާ ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑުމެން މި އުޅޭ ސަރަހައްދުގައި ގިނައިން އުޅޭނީ މުސްލިމުން. ގެ ކައިރީގައި ވެސް މިސްކިތެއް ހުރޭ. އެހެންވެ، ބިރުގަނޭ އެ ފަދަ ތަނަކަށް ހަމަލާދީފާނެތީ،" ނަފީސާ ބުންޏެވެ.

ބުޑިސްޓުން ގިނަ ލަންކާގައި މުސްލިމުންގެ ނިސްބަތް ދަށް ނަމަވެސް، ދީނީ ހަމަނުޖެހުންތައް އެ ގައުމުގައި މަދެއް ނޫނެވެ. ހާއްސަކޮށް މުސްލިމުންނަށް އަމާޒުކޮށް ވެސް ބައެއް ހަމަލާތައް ދީފައި އެބަ ހުއްޓެވެ.

ލަންކާގައި ދިން ޓެރަރިސްޓް ހަމަލާގައި ޒަހަމްވި މީހަކު ހޮސްޕިޓަލަށް ގެންދަނީ.

ލަންކާގައި ދިން ޓެރަރިސްޓް ހަމަލާގައި ޒަހަމްވި މީހަކު ހޮސްޕިޓަލަށް ގެންދަނީ.

ކޮންމެއަކަސް އިއްޔެ އަނިޔާވެރި ހަމަލަތަކާ ގުޅިގެން ސްރީ ލަންކާގެ މަސްރަހު އަނެއްކާވެސް މި ވަނީ ގޯސްވެފަ އެވެ. އެއާޕޯޓުތަކާއި ހޮސްޕިޓަލުތަކުގައި ހަތިޔާރު އެޅި ސިފައިން ހަރަކާތްތެރިވަމުން ދަނީ އެވެ. އެ ފަދަ އިތުރު ހަމަލާތަކެއް ދީފާނެ ކަމުގެ ބިރު އެބަ އޮތެވެ. ހަނގުރާމައިގެ ސަބަބުން ގައުމު ވެއްޓިފައިވާ އަނދަވަޅުން އަރައިގަންނަން ކުރާ މަސައްކަތަށް ޓެރަރިސްޓު އެ ހަމަލާއިން މިވަނީ ވަރަށް ބޮޑު ހުރަހެއް އެޅިފަ އެވެ.