Roadha Mihaaru
ހަފުތާ ބަންދުގައި ލަންކާ އެމްބަސީން ހިދުމަތް ލިބޭނެ

މި ހަފުތާ ބަންދުގައި ލަންކާ އެމްބަސީން ހިދުމަތް ލިބޭނެ

27 އެޕްރީލް 2019

މިދިޔަ އާދިއްތަ ދުވަހު ސްރީ ލަންކާގައި ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން މި ހަފުތާ ބަންދުގައި ކޮންސިއުލާގެ ހިދުމަތްތައް ލަންކާގައި ހުންނަ ދިވެހި އެމްބަސީން ލިބޭ ގޮތަށް ހަމަޖައްސައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މިދިޔަ އާދިއްތަ ދުވަހު ސްރީ ލަންކާގައި ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން މި ހަފުތާ ބަންދުގައި ކޮންސިއުލާގެ ހިދުމަތްތައް ލަންކާގައި ހުންނަ ދިވެހި އެމްބަސީން ލިބޭ ގޮތަށް ހަމަޖައްސައިފި އެވެ.

ލަންކާގައި ހުންނަ ދިވެހި އެމްބަސީން މިއަދު ކުރި ޓުވީޓެއްގައި ބުނީ ކޮންސިއުލާގެ ހިދުމަތްތައް ބޭނުންވާ ނަމަ، އެކަން ދިވެހިންނަށް ފޯރުކޮށްދިނުމަށް އެމްބަސީ ހުޅުވާފައި ހުންނާނެ ކަމަށެވެ. ލަންކާ ސަރުކާރުން ހަމަޖައްސާފައި އޮންނަ ގޮތުން މިއަދާއި މާދަމާއަކީ ސަރުކާރު ބަންދު ދުވަހެކެވެ.

ލަންކާގައި ހުންނަ ދިވެހި އެމްބަސީން ކުރި ޓުވީޓެއް.

ލަންކާގައި ދިރިއުޅެމުން އަންނަ 15،000 އެއްހާ މީހުންނަށް އިޝާރާތްކޮށް އެމްބަސީން ވަނީ، އެ ގައުމުގެ ކަމާ ބެހޭ ފަރާތްތަކުން ދެމުން އަންނަ އިރުޝާދުތަކަށް އެއްބާރުލުން ދިނުމަށް އެދިފަ އެވެ. އަދި އެމްބަސީ އަށް ގުޅޭނެ ހޮޓްލައިން ނަންބަރުތަކެއް ޓުވީޓުގައި ވަނީ ހިމަނައިފަ އެވެ.

މީގެ ކުރިން، ލަންކާގައި ހުންނަ ދިވެހި އެމްބަސީން ހިދުމަތް ދެނީ އެ ގައުމުގެ ރަސްމީ ދުވަސްތަކުގަ އެވެ. ބަންދު ދުވަސްތަކުގައި ލަންކާ އެމްބަސީން އެއްވެސް ހިދުމަތެއް ނުދެ އެވެ.

ފޮރިން މިނިސްޓްރީގެ ޑިރެކްޓަރު އޮފް ކޮމިއުނިކޭޝަން މިއުވާން މުހައްމަދު "މިހާރު" އަށް ވިދާޅުވީ ލަންކާގައި ހިނގަމުންދާ ކަންކަމާ ގުޅިގެން އިމަޖެންސީ ކޮންސިއުލާގެ ހިދުމަތް 24 ގަޑިއިރު އެމްބަސީން ލިބޭނެ ކަމަށެވެ.

ސަލާމަތީ ބާރުތަކުން ހިނގަމުން އަންނަ އޮޕަރޭޝަންތަކަށް ލަންކާގައި ދިރިއުޅޭ ހުރިހާ ދިވެހިން ވެސް އެންމެ ފުރިހަމަ އެއްބާރުލުން ދިނުމަށް މިއުވާން ވަނީ އެދިވަޑައިގެންފަ އެވެ.

މީގެއިތުރުން ލަންކާގައި ދިރިއުޅޭ ދިވެހިންގެ ހާލަތު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ލަންކާގައި ހުންނަ ދިވެހި ސަފީރު އުމަރު ރައްޒާގާއި ޑެޕިއުޓީ އެމްބެސެޑަރު އަސްލަމް ޝާކިރާއި އެމްބަސީގެ މުވައްޒަފުން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ވެސް މިއުވާން ވިދާޅުވި އެވެ.

"ހާއްސަކޮށް ޝާހިދު ގެންދަވަނީ ދިވެހިންގެ ކަންކަން ވަރަށް ގާތުން ބައްލަވަމުން،" މިއުވާން ވިދާޅުވި އެވެ.

ލަންކާގެ ބައެއް ފަޅިތަކަށާއި ހޮޓާތަކަށް ދިން ޓެރަރިސްޓް ހަމަލަތަކަށް ފަހު، އެގައުމުގެ ސަލާމަތީ ބާރުތަކުން ވަނީ ހާއްސަ އޮޕަރޭޝަނެއް ފަށައިފަ އެވެ. މި އޮޕަރޭޝަންގެ ދަށުން ހުރިހާ ގެތަކެއް ބަލައި ފާސްކޮށް، ޝައްކު ކުރެވޭ ފަދަ އެއްޗެއް ފެނޭތޯ ބެލުމަށް ވަނީ ހަމަޖެހިފަ އެވެ.

އެގޮތުން ބޮމުގެ ހަމަލާއާ ގުޅިގެން ދިވެހިން އުޅޭ ގެތައް ވެސް ދަނީ ބަލައި ފާސް ކުރަމުންނެވެ. އަދި ދިވެހި ހަތަރު ދަރިވަރަކު ދިރިއުޅޭ ގެއަކުން އެއާ ގަންއެއް ފެނުމާ ގުޅިގެން އެމީހުން އަދިވެސް ތިބީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. އަދި ދިވެހިން ދިރިއުޅޭ އެހެން ގެއެއްގެ ތެރެއިން އިސްލާމިކް ސްޓޭޓް (އައިއެސް) ވާހަކަ ހިމެނޭ ފޮތެއް ފެނުނު މައްސަލައިގައި ދެ ދިވެއްސަކު ވެސް ތިބީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.

އެކަމަކު، މި ހަ މީހުން ބޮމުގެ ހަމަލާގައި ބައިވެރިވި ކަމުގެ ތުހުމަތު ނުކުރާ ކަމަށްވެ އެވެ.

މިއުވާން ވިދާޅުވީ ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި ދިވެހިންގެ އާއިލާތަކާ އެމްބަސީން ގުޅައި ދެވެން އޮތް މައުލޫމާތެއް ނަމަ، ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.