Roadha Mihaaru
ލަންކާގައި ދިވެހިން ދިރިއުޅޭ ގެތައް ވެސް ފާސްކުރަނީ

ލަންކާގައި ދިވެހިން ދިރިއުޅޭ ގެތައް ވެސް ފާސްކުރަނީ

22 އެޕްރީލް 2019

އަމިއްލަ އަށް މަރުވެގެން ސްރީ ލަންކާގައި އިއްޔެ ދިން ބޮމުގެ ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ މީހުން ހޯދަން އެ ގައުމުގެ ސަލާމަތީބާރުތަކުން ހިންގާ އޮޕަރޭޝަނުގައި، ލަންކާގައި ދިވެހިން ދިރިއުޅޭ ބައެއް ގެތައް ވެސް ފާސްކުރަމުން އެބަދެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އަމިއްލަ އަށް މަރުވެގެން ސްރީ ލަންކާގައި އިއްޔެ ދިން ބޮމުގެ ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ މީހުން ހޯދަން އެ ގައުމުގެ ސަލާމަތީބާރުތަކުން ހިންގާ އޮޕަރޭޝަނުގައި، ލަންކާގައި ދިވެހިން ދިރިއުޅޭ ބައެއް ގެތައް ވެސް ފާސްކުރަމުން އެބަދެ އެވެ.

އާއްމުން ގިނައިން އެއްވެ އުޅޭ ތަންތަނުގައި ބޮން ގޮއްވައި އިއްޔެ ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު ވަނީ 290 އަށް އަރައިފަ އެވެ. ހަމަލާތަކުގައި ޒަހަމްވި އެތައް ބަޔަކަށް ހޮސްޕިޓަލްތަކުގައި އަންނަނީ ފަރުވާދެމުންނެވެ.

ލަންކާގެ ހަމަޖެހުން ނަގާލައި ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލި ހަމަލާ ރާވައި، އެ ކަމުގައި އަމަލީ ގޮތުން ބައިވެރިވި މީހުން ހޯދުމަށް ތުހުމަތުކުރެވޭ ތަންތަން އެ ގައުމުގެ ފުލުހުން އަންނަނީ ބަލައި ފާސްކުރަމުންނެވެ. އޭގެތެރޭގައި ދިވެހިން ދިރިއުޅޭ ގެތައް ވެސް ހިމެނެ އެވެ.

ސިފައިން ޗެކްކުރާއިރު ފުރިހަމަ އެއްބާރުލުން ދިނުމަށް އެދެން. --ސަފީރު

ލަންކާގައި ދިރިއުޅޭ ދިވެހި އާއިލާއަކުން މިރޭ ބުނިގޮތުގައި، އެ މީހުން ދިރިއުޅޭ އެޕާޓްމެންޓަށް ގިނަ އަދަދެއްގެ ސިފައިން މިއަދު ވަދެ ގިނައިރުތަކެއް ވަންދެން ފާސްކުރި އެވެ.

"މުޅި އިމާރާތް ފާސްކުރިއިރު އަޅުގަނޑު ދިރިއުޅޭ އެޕާޓްމެންޓަށް ވެސް ބަޑި ހިފައިގެން ވަދެ ފާސްކުރި،" އެކަކު ބުންޏެވެ.

ލަންކާ އަށް ރާއްޖެ އިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އުމަރު އަބްދުއްރައްޒާގު "މިހާރު" އަށް މިރޭ ވިދާޅުވީ ބޮމުގެ ހަމަލާއާ ގުޅިގެން ފުލުހުން ހޯދާ ބަޔަކު އެ ގައުމުގެ އެކި ސަރަހައްދުތަކުގައި އެބަތިބި ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. އެ މީހުން ހޯދަން އެކި ތަންތަން ބަލައި ފާސްކުރާއިރު، ދިވެހިން އުޅޭ ގެތަކަށް ވެސް ސިފައިން ވަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކި ސަރަހައްދުތައް ޗެކްކުރާ އިރު ދިވެހިން އުޅޭ ތަންތަން ވެސް ވަދެ ފާސްކުރަނީ. އަޅުގަނޑުމެން އެދެނީ، ސިފައިން ޗެކްކުރާއިރު ފުރިހަމަ އެއްބާރުލުން ދިނުމަށް،" އުމަރު ވިދާޅުވި އެވެ.

ލަންކާގައި ބޮމުގެ ހަމަލާ ދިން ސެއިންޓް ސެބަސްޓިއަންސް ފައްޅީގައި ސިފައިން ހަރަކާތްތެރި ވަނީ. --ފޮޓޯ:އޭއެފްޕީ

ލަންކާގައި ބޮމުގެ ހަމަލާ ދިން ސެއިންޓް ސެބަސްޓިއަންސް ފައްޅީގައި ސިފައިން ހަރަކާތްތެރި ވަނީ. --ފޮޓޯ:އޭއެފްޕީ

އޭނާ ވިދާޅުވި ގޮތުގައި ބޮމުގެ ހަމަލާއާ ގުޅިގެން ތުހުމަތުކުރާ ލިސްޓެއް ލަންކާ ސަރުކާރުން ގެންގުޅޭއިރު އޭގައި އެއްވެސް ދިވެއްސެއްގެ ބައިވެރިވުން އޮތްކަން މިހާތަނަށް މައުލޫމާތު ލިބިވަޑައިގެންފައެއް ނުވެ އެވެ.

ބޮމުގެ ހަމަލާއާ ގުޅިގެން ލަންކާގައި މިރެއިން ފެށިގެން ކުއްލި ނުރައްކަލުގެ ހާލަތު ވެސް އިއުލާންކޮށްފަ އެވެ. އެ ގައުމަށް މިހާރު ދިމާވެފައިވާ ހާލަތާ ގުޅިގެން، ދިވެހިންގެ ކަންކަން ގާތުން ބަލައި އެހީތެރިވުމަށް އެމްބަސީ ތައްޔާރަށް އޮތް ކަަމަށް ވެސް އުމަރު ވިދާޅުވި އެވެ.

އިއްޔެ ހެނދުނު ދާދި އެއްވަގުތެއްގައި ދިން ހަމަލާތަކާ އެކު ލަންކާ އަށް ވަނީ ނާމާންކަން ވެރިވެފަ އެވެ. ބައެއް ވަގުތުތަކުގައި އާންމުން ބޭރަށް ނުކުމެ އުޅުން ވެސް މަނާކޮށް ސޯޝަލް މީޑިއާގެ ބައެއް ވަސީލަތްތައް ވެސް ވަނީ ބްލޮކް ކޮށްފަ އެވެ.

ލަންކާގައި ދިން ނުރައްކާތެރި ހަމަލާތަކާ ގުޅިގެން މިހާތަނަށް ވަނީ 24 މީހުން ހައްޔަރުކޮށްފަ އެވެ. ސަރުކާރުގެ ތަރުޖަމާން ރަޖީތާ ސެނަރަތުނަ ވިދާޅުވީ ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވެނީ ލަންކާގެ ހައްދުފަހަނަޅާފައިވާ ޖަމާއަތެއް ކަމަށްވާ ނޭޝަނަލް ތައުހީދު ޖަމާއަތުން ކަމަށެވެ.

ސަރުކާރުން ކަށަވަރުކޮށްދިން ގޮތުގައި ސެއިންޓް އެންތަނީސް ޗާޗާއި ކަޓުވަޕިޓިޔާ ޗާޗާއި ޝަންގްރިއްލާ އާއި ސިނަމަން ގްރޭންޑް ހޮޓަލުގައި ހަމަލާ ދީފައި ވަނީ އަމިއްލަ އަށް މަރުވެގެން ބޮން ގޮއްވާލައިގެންނެވެ.

ހަމަލާތަކުގައި ޒަހަމްވި މީހުންގެ އަދަދު 500 ގައި އުޅޭއިރު، މަރުވާ މީހުންގެ އަދަދު އަދިވެސް އިތުރުވާނެ ކަމަށް ބެލެވެ އެވެ.