Roadha Mihaaru
"އަޒްމީ އަކީ އޭގެ ދެވަނައެއް ނެތް ފަދަ ބޭފުޅެއް"

އަޒްމީ އަކީ އައިޓީގައި ރާއްޖޭގައި އެފަދަ ދެވަނައެއް ނެތް ފަދަ ތަޖުރިބާކާރެއް: އާޒިމް

23 އެޕްރީލް 2019

މުހައްމަދު ޖަމީލު މިސްކިތުގެ ދެ ވަނަ ބުރިން ވެއްޓި ސީރިއަސް ހާލަތުގައި އޮތް އެސްޓީއޯގެ މުސްތަފާ އަޒްމީ އަކީ އިންފޮމޭޝަން ޓެކްނޮލޮޖީ (އައިޓީ) ގެ ދާއިރާގައި ރާއްޖޭގައި އެފަދަ ދެވަނައެއް ނެތް ފަދަ ތަޖުރިބާކާރެއް ކަމަށް، އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މުހައްމަދު ޖަމީލު މިސްކިތުގެ ދެ ވަނަ ބުރިން ވެއްޓި ސީރިއަސް ހާލަތުގައި އޮތް އެސްޓީއޯގެ މުސްތަފާ އަޒްމީ އަކީ އިންފޮމޭޝަން ޓެކްނޮލޮޖީ (އައިޓީ) ގެ ދާއިރާގައި ރާއްޖޭގައި އެފަދަ ދެވަނައެއް ނެތް ފަދަ ތަޖުރިބާކާރެއް ކަމަށް، އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

އަޒުމީއަށް ދިމާވި ހިތާމަވެރި ހާދިސާއިން އާއިލާ އަށާއި އެކުވެރިންނަށް ލިބުނީ ވަރަށް ބޮޑު ޝޮކެކެވެ. ހުސް ވަގުތު އޭނާ ކުރައްވަމުން ގެންދަވާ ލަކުޑީގެ މަސައްކަތެއްގައި އުޅުއްވަނިކޮށް ވެއްޓި ލިބިވަޑައިގެންނެވި އަނިޔާގެ ސަބަބުން އަދިވެސް އޮތީ އައިސީޔޫގަ އެވެ. ނޭވާލައްވަނީ ވެންޓިލޭޓަރުގެ އެހީގަ އެވެ.

އަޒްމީއާ އެކު އެސްޓީއޯގައި ފަސް އަހަރު މަސައްކަތް ކުރެއްވި އާޒިމް "މިހާރު" އަށް ވިދާޅުވީ ސަރުކާރުގެ އެންމެ ބޮޑު އެއް ކުންފުންޏަށް މިހާތަނަށް ވަރަށް މުހިއްމު ހިދުމަތްތަކެއް އަޒްމީ ކޮށްދެއްވާފައިވާ ކަމަށެވެ. އެގޮތުން އާޒިމް މިސާލަކަށް ނެންގެވީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބޭސް ފިހާރަ ހުޅުވަން އޭރު އެސްޓީއޯ އިން ކުރިއަށް ގެންދިޔަ މަޝްރޫއު އެވެ.

ރާއްޖޭގައި މީހުން އުޅޭ ކޮންމެ ރަށެއްގައި ހަދާ ބޭސްފިހާރައަށް ބޭނުންވާ ހާއްސަ ސޮފްޓްވެއާ ގަންނަ ނަމަ، އޭގެ ލައިސަންސް ފީ ނުލާ ވެސް، އޭރު ލަފާކުރި ގޮތުން ގާތްގަނޑަކަށް 80 މިލިއަން ރުފިޔާ އަރަ އެވެ. އެވަރުގެ ބޮޑު ހަރަދެއް ކުރަން ނުޖެހުނީ، އާޒިމް ވިދާޅުވި ގޮތުގައި، އަޒްމީގެ ހުނަރާއި ތަޖުރިބާގެ ސަބަބުންނެވެ.

އެސްޓީއޯގެ އައިޓީ ޑިޕާޓްމަންޓުން އެ މަޝްރޫއުއަށް ހާއްސަކޮށްގެން ސޮފްޓްވެއާ ތަރައްގީކުރީ އެންމެ 20 ދުވަހުގެ ތެރޭގަ އެވެ.

"އަޒްމީގެ މަސައްކަތުން 80 މިލިއަން ރުފިޔާ މި ވަނީ ސަލާމަތްކޮށްވެފައި. އޭނާއަކީ ގައުމަށް ވަރަށް މުހިއްމު އެސެޓެއް،" މިހާރު ފެން ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަން ކުރައްވަމުން އަންނަ އާޒިމް ވިދާޅުވި އެވެ.

"މުޅި ރާއްޖެއަށް ވެސް ވަރަށް މުހިއްމު ބޭފުޅެއް އެއީ އަައިޓީގެ ދާއިރާއިން ވެސް. އެކަމުގައި އެފަދަ ދެވަނައެއް ނެތް ބޭފުޅެއް."

އެސްޓީއޯގެ މުވައްޒަފުންނާއި އެކުވެރިން މިއަދު ދުއާކުރަމުން ގެންދަނީ އަޒުމީގެ ހާލު ރަނގަޅުވެ، އަލުން އޭނާއާ ބައްދަލުކުރެވޭނެ ދުވަހަކަށެވެ. އޭނާގެ ހާލު ބަލަން ކޮންމެ ދުވަހަކު އެތައް ބަޔަކު އޭޑީކޭއަށް ދެ އެވެ.

އެސްޓީއޯގައި އަޒްމީ މަސައްކަތްކުރައްވާތާ މިހާރު 25 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. އައިޓީއަކީ އޭނާގެ ހާއްސަ ދާއިރާ ކަމަށް ވިޔަސް، ލަކުޑީގެ މަސައްކަތަށް ވަރަށް ބޮޑު ލޯތްބެއް ހުރެ އެވެ. އެހެންކަމުން ވަރަށް ތަފާތު އަދި ވަރަށް ހިތްގައިމު އެއްޗެހި އުފައްދަވާފައިވެ އެވެ. އޭގެ އިތުރުން ވުޑް ކާވިންގެ ބޮޑެތި މަސައްކަތްތައް ވެސް ދޭތެރެ ދޭތެރެއިން ކުރައްވަމުން ގެންދެވި އެވެ.

އަޒްމީގެ އާއިލާ އިން ބަލަމުން އަންނަނީ ވީހާވެސް އަވަހަކަށް ބޭރަށް ގެންދެވޭތޯ އެވެ. އެކަމަކު އޭނާގެ ހާލު އަދި އެކަމަށް ތަނެއް ނުދެ އެވެ.