Roadha Mihaaru
އަލަތު ފިލްމާ އެކު ހީނާ ކާންސް ފިލްމު ފެސްޓިވަލަށް

ހީނާ ހާން އަލަތު ފިލްމާ އެކު މި އަހަރު ކާންސް ފިލްމު ފެސްޓިވަލަށް

29 އެޕްރީލް 2019

ޓީވީ ބަތަލާ ހީނާ ހާންގެ އަލަތު ފިލްމު "ލައިންސް" މި އަހަރު ބާއްވާ 72 ވަނަ ކާންސް ފިލްމު ފެސްޓިވަލްގައި ޕްރިމިއާކުރަން ފުރުސަތު ލިބިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޓީވީ ބަތަލާ ހީނާ ހާންގެ އަލަތު ފިލްމު "ލައިންސް" މި އަހަރު ބާއްވާ 72 ވަނަ ކާންސް ފިލްމު ފެސްޓިވަލްގައި ޕްރިމިއާކުރަން ފުރުސަތު ލިބިއްޖެ އެވެ.

"ކަސޯޓީ" ގައި ކޮމަލިކާގެ ރޯލް ކުޅޭ ބަތަލާ އެކަމާ އުފަލުން ކުރި ޓްވީޓްގައި ބުނީ އޭނާގެ އަލަތު ފިލްމަށް ކާންސް ފަދަ ބައިނަލްއަގްވާމީ ޕްލެޓްފޯމަކުން ފުރުސަތު ލިބުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

"އަހަރެން ގަބޫލުކުރާ ގޮތުގައި ކާންސްގައި ލައިންސް ޕްރިމިއާކުރުން ވެގެން ދާނީ އިންޓަނޭޝަނަލް އެކްސްޕޯޝާ ވެސް ވަރަށް ބޮޑަށް ލިބޭނެ ކަމަކަށް. ޔަގީނުން ވެސް އަހަރެން ފިލްމު ޕްރެޒެންޓްކޮށް ދޭން ލައިންސްގެ ޓީމާއެކު ކާންސަށް ދާނަން،" ހީނާ ބުންޏެވެ. "ވަރަށް އުފަލުން މިހުރީ ކާންސުން ފުރުސަތު ލިބުނީމަ."

"ލައިންސް" ގައި ހީނާ ފެންނާނީ ނާޒިއާ ކިޔާ ކެރެކްޓާއަކުންނެވެ. މީގައި ކިޔައިދޭނީ ކަޝްމީރުގެ ހަމަނުޖެހުންތަކުގެ ސަބަބުން އާއިލާއަކަށް ދިމާވާ ހާދިސާތަކެކެވެ.

ހީނާ ބުނީ "ލައިންސް އަކީ ވަރަށް ސިމްޕަލް އެކަމަކު ހިތާ ވަރަށް ބޮޑަށް ކުޅެލާނެ ފިލްމަކަށް ވާނެ" ކަމަށެވެ.

"ލައިންސް" ޑައިރެކްޓަރަކީ ހުސައިން ހާނެވެ. އޭގެ ސްކްރީންޕްލޭ ލިޔެފައި ވަނީ ރާހަތު ކަޒްމީ އާއި ޝަކުތީ ސިންގެވެ.

ބޮލީވުޑްގެ އެތައް ފިލްމެއް ކުޅެފައިވާ މަޝްހޫރު ބަތަލާ ފަރީދާ ޖަލާލު "ލައިންސް" ގައި ފެނިގެން ދާނީ ހީނާގެ މާމަގެ ރޯލުންނެވެ. މި ފިލްމު ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

ސިލްސިލާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" އިން ވިދައިލި ހީނާ އަށް ޑައިރެކްޓަރު ވިކްރަމް ބަޓްގެ ފިލްމަކުން ވެސް ފުރުސަތު ލިބިފައިވެ އެވެ. އަދި ނަން އިއުލާން ނުކުރާ އެ ފިލްމުގެ ޝޫޓިން އަންނަ ޖޫންގައި ފަށާނެ އެވެ.

މި އަހަރުގެ ކާންސް ފިލްމު ފެސްޓިވަލް ކުރިއަށް ދާނީ އަންނަ މަހުގެ 14-25 އަށެވެ.