Roadha Mihaaru
އަރަބިއަން ޓްރެވެލް މާކެޓުގައި ރާއްޖެ ބައިވެރިވެއްޖެ

އަރަބިއަން ޓްރެވެލް މާކެޓުގައި ރާއްޖެ ބައިވެރިވެއްޖެ

29 އެޕްރީލް 2019

ދުބާއީގައި މިހާރު ކުރިއަށް ގެންދާ އަރަބިއަން ޓެރެވެލް މާކެޓް (އޭޓީއެމް) ފެއާގައި ރާއްޖެ ބައިވެރިވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ދުބާއީގައި މިހާރު ކުރިއަށް ގެންދާ އަރަބިއަން ޓެރެވެލް މާކެޓް (އޭޓީއެމް) ފެއާގައި ރާއްޖެ ބައިވެރިވެއްޖެ އެވެ.

މެދުއިރުމަތީގައި ބާއްވާ އެންމެ ބޮޑު ފެއާގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ) ގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ބައިވެރިވެވަޑައިގަތެވެ. އަދި ރާއްޖޭގެ ޓޫރިޒަމްގެ ސިނާއަތުގައި ހަރަކާތްތެރިވާ 66 ކުންފުންޏަކުން 133 މީހަކު ބައިވެރިވެ އެވެ.

ރާއްޖެ އިޝްތިހާރު ކުރުމަށްޓަކައި އެމްއެމްޕީއާރްސީން ވަނީ "ޖާނީ ޓު ދަ ސަނީ ސައިޑް" ގެ ނަމުގައި ދެ ދުވަހުގެ ރޯޑު ޝޯ އެއް ވެސް އޭޓީއެމް ފެއާގައި އިންތިޒާމުކޮށްފަ އެވެ. އަބޫދާބީ އާއި ދުބާއީގައި ކުރިއަށް ގެންދާ ރޯޑު ޝޯ މާދަމާ އިން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާނެ އެވެ.

އެމްއެމްޕީއާރުސީން ބުނީ، ރޯޑު ޝޯ ގެ ބޭނުމަކީ މެދުއިރުމަތީގެ އޮޕަރޭޓަރުންނާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާ ގުޅުވައިދިނުން ކަމަށެވެ.

އޭޓީއެމް ފެއާގައި 28،000 އަށް ގިނަ ފަތުރުވެރިކަމުގެ އުފެއްދުންތައް ވަނީ ދައްކާލާފަ އެވެ. އަދި ފަތުރުވެރިކަމުގެ ސިނާއަތުން 39،000 އަށް ވުރެ ގިނަ މީހުން ބައިވެރިވެ އެވެ.

މެދު އިރުމައްޗަކީ ރާއްޖެ އަށް ޓޫރިސްޓުން އެންމެ ބޮޑަށް އިތުރުވަމުންދާ އެއް ސަރަހައްދެވެ. އެގޮތުން މިދިޔަ އަހަރު ނިމުނު އިރު 52،114 ފަތުރުވެރިން ވަނީ ރާއްޖެ އަށް ޒިޔާރަތްކޮށްފަ އެވެ. މިއީ އޭގެ ކުރީ އަހަރަށް ވުރެ 7.7 ޕަސެންޓުގެ ކުރިއެރުމެކެވެ.