Roadha Mihaaru
ހިންމަފުށީގައި ގުރުއާން މުބާރާތެއް ބާއްވައިފި

ހިންމަފުށީގައި ގުރުއާން މުބާރާތެއް ބާއްވައިފި

29 އެޕްރީލް 2019

ކ. ހިންމަފުށީގައި މި އަހަރު ވެސް ގުރްއާން މުބާރާތެއް ބާއްވައިފި އެވެ. މި މުބާރުން އެއް ވަނަ އަށް ދިޔައީ 19 އަހަރުން ދަށުގެ އުމުރުފުރާގައި ބައިވެރިވި މުހައްމަދު ނަޒާން އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ކ. ހިންމަފުށީގައި މި އަހަރު ވެސް ގުރްއާން މުބާރާތެއް ބާއްވައިފި އެވެ. މި މުބާރުން އެއް ވަނަ އަށް ދިޔައީ 19 އަހަރުން ދަށުގެ އުމުރުފުރާގައި ބައިވެރިވި މުހައްމަދު ނަޒާން އެވެ.

މައިގަނޑު ދެ ކެޓަގަރީއަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި މުބާރާތުން ދެވަނަ އާއި ތިން ވަނަ އެއް ނުހޮވަ އެވެ. ނަމަވެސް މި އަހަރު އަލަށް ތައާރަފްކުރި 19 އަހަރުން މަތީގެ ކެޓަގަރީން ދެ މީހަކަށް އެއް ވަނަ ލިބުނެވެ. އެއީ އެ ރަށު ސްޕޭންވިލާ ފާތިމަތު ޝަބާ އާއި އެ ރަށު ފަތިސް ފަޒްލާ އަހުމަދެވެ.

ހިންމަފުށީގައި ބޭއްވި ގުރްއާން މުބާރާތުގައި ބައިވެރިވި ބައެއް ކުދިންނަށް ސެޓްފިކެޓް ހަވާލުކުރަނީ -- ފޮޓޯ؛ ހިންމަފުށީ ކައުންސިލް

ހިންމަފުށީގައި ބޭއްވި ގުރްއާން މުބާރާތުގައި ބައިވެރިވި ބައެއް ކުދިންނަށް ސެޓްފިކެޓް ހަވާލުކުރަނީ -- ފޮޓޯ؛ ހިންމަފުށީ ކައުންސިލް

މި މުބާރާތަކީ އެ ރަށު ކައުންސިލުން ރޭވި މިފަދަ ދެ ވަނަ ގުރްއާން މުބާރާތެވެ. މުބާރާތުގެ ކެޓަގަރީތައް ބަހާލައިފައި ވަނީ 19 އަހަރުން މަތީގެ ބޮޑެތި މީހުންގެ ކެޓަގަރީއަށާއި 19 އަހަރުން ދަށުގެ ދަރިވަރުންނަށް ހާއްސަ ކެޓަގަރީ އަށެވެ. ނަވާރަ އަހަރުން ދަށުގެ ކެޓަގަރީ ކުރިއަށް ގެންދިޔައީ ހަތް އުމުރުފުރައަކަށް ބަހާލައިގެނެވެ.

އެ ރަށު ކައުންސިލް މެމްބަރު އަދި މުބާރާތުގެ ކޯޑިނޭޓަރު ހުސެއިން މިފްރާހު "މިހާރު" އަށް މިއަދު ވިދާޅުވީ އެ މުބާރާތުގައި ޖުމްލަ 92 މީހަކު ބައިވެރިވި ކަމަށެވެ. އަދި އެ ރަށު ރައްޔިތުން މި މުބާރާތަށް ވަރަށް ތާއިދުކުރާ ކަމަށާއި އެހެންކަމުން މި މުބާރާތް ކޮންމެ އަހަރަކު ވެސް ބާއްވަން ވިސްނަވާ ކަމަށް ވެސް ވިދާޅުވި އެވެ.

ނަމަވެސް 19 އަހަރުން މަތީ މީހުންނަށް ހާއްސަ ކެޓަގަރީ ތައާރަފްކުރީ މި އަހަރު ކަމަށް ވާތީ އެ ކެޓަގަރީ އަށް އޮތް ތާއީދު ކުޑަކަމަށް މިފްރާހު ވިދާޅުވި އެވެ. އެ ކެޓަގަރީގައި ބައިވެރިވީ އެންމެ ނުވަ މީހުންނެވެ.