Roadha Mihaaru
ސީރިއާގައި ތިބި ދިވެހިން ކަމަށް ބުނާ ލިސްޓެއް!

ސީރިއާގައި ތިބި ދިވެހިން ކަމަށް ބުނާ ލިސްޓެއް އާއްމުކޮށްފި!

30 އެޕްރީލް 2019

ސީރިއާގެ ހަނގުރާމަވެރި ކޭމްޕްތަކުގައި ހާލުގައި ޖެހިފައިވާ ކަމަށް ބެލެވޭ ދިވެހިންނާއި އެ ތަނުގައި އެ މީހުންނަށް ލިބިފައިވާ ދަރިން ކަމަށް ބުނާ ކުދިންތަކެއްގެ ލިސްޓެއް ސޯޝަލް މީޑިއާގައި އިއްޔެ އާއްމުކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ސީރިއާގެ ހަނގުރާމަވެރި ކޭމްޕްތަކުގައި ހާލުގައި ޖެހިފައިވާ ކަމަށް ބެލެވޭ ދިވެހިންނާއި އެ ތަނުގައި އެ މީހުންނަށް ލިބިފައިވާ ދަރިން ކަމަށް ބުނާ ކުދިންތަކެއްގެ ލިސްޓެއް ސޯޝަލް މީޑިއާގައި އިއްޔެ އާއްމުކޮށްފި އެވެ.

އެ މައުލޫމާތުތަކުގައިވާ ގޮތުން އުމުރުން އެއް މަހުން ފެށިގެން 10 އަހަރާ ދެމެދުގެ ކުދިން އެބަ ތިއްބެވެ. ބައެއް ކުދިންގެ މަންމަގެ ނަން ހިމަނާފައިވިޔަސް ބައްޕަގެ ނަމެއް ނެތެވެ. އެ ލިސްޓްގައި ޖުމްލަ 33 ނަން ހިމެނެ އެވެ.

ބައެއް ކުދިންގެ އުމުރު ނެތުމުން ލިސްޓްގައި ހިމެނެނީ ޖުމްލަ ކިތައް ކުދިންކަމެއް ނޭނގެ އެވެ.

މި ލިސްޓާ ގުޅޭ ގޮތުން ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) އާއި ރަސްމީ އެހެން އިދާރާއަކުން ވެސް އަދި ވާހަކައެއް ނުދައްކަ އެވެ. އެކަމަކު، އެނގިފައިވާ ގޮތުގައި، ކައުންޓަ ޓެރަރިޒަމް ސެންޓަރުން އަންނަނީ އެ ލިސްޓުގައިވާ މައުލޫމާތުތައް ބަލައި ކަމާ ގުޅޭ އިދާރާތަކާ އެކު މަސައްކަތް ކުރަމުންނެވެ.

ސީރިއާގައި ތިބި ދިވެހިންތަކެއް އަމާޒަށް ބަޑި ޖަހަނީ-- ފޮޓޯ: ބިލާދު އަލް ޝާމް މީޑިއާ

ސީރިއާގައި ތިބި ދިވެހިންތަކެއް އަމާޒަށް ބަޑި ޖަހަނީ-- ފޮޓޯ: ބިލާދު އަލް ޝާމް މީޑިއާ

އެ ސެންޓަރުން މިދިޔަ ފެބުރުއަރީ މަހު ބުނެފައިވާ ގޮތުގައި، ހަނގުރާމައިގައި ބައިވެރިވާން 61 ފިރިހެނަކު ސީރިއާ އަށް ދިޔަ ކަމުގެ މައުލޫމާތު ލިބިފައިވެ އެވެ. އޭގެ ތެރެއިން ބައެއް މީހުން ފުރީ އަނބިދަރިން ގޮވައިގެން ކަމަށް ބުންޏަސް ތަފްސީލު އަދަދެއް ހާމައެއް ނުކުރެ އެވެ.

ހަނގުރާމަވެރި ކޭމްޕްތަކުގައި އުޅޭ ބައެއް މީހުންގެ ފިރި މަރުވެ، ހާލުގައި ޖެހުމުން ރާއްޖެ ގެނެސްދޭން ވެސް އޭގެ ތެރެއިން ބައެއް މީހުން އެދިފައިވެ އެވެ. އެކަމަކު، އެއީ ކޮން ބައެއް ކަން އެނގޭނެ ފަދަ ލިޔެކިޔުންތައް ނެތުމާ އެކު އެ މީހުން ރާއްޖެ ގެންނަން ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ވެސް އެންސީޓީސީން ބުނެފައިވެ އެވެ.

ހަނގުރާމަ އަށް ދިޔަ ބަޔަކު ސީރިއާގައި ހަތިޔާރާ އެކު

ހަނގުރާމަ އަށް ދިޔަ ބަޔަކު ސީރިއާގައި ހަތިޔާރާ އެކު

އެންމެ ބޮޑު ދައްޗަކީ، އެ މީހުން މިހާރު ތިބި ތަންތަނުގައި ލިބިފައިވާ ދަރިންނަކީ ކޮން ބައެއްކަން އަންގައިދޭ ފަދަ ލިޔެކިއުންތައް ނެތުން ކަމަށް އެންސީޓީސީގެ ޑިރެކްޓާ ޖެނެރަލް ބްރިގޭޑިއާ ޒަކަރިއްޔާ މަންސޫރު ވަނީ ވިދާޅުވެފަ އެވެ. އެފަދަ ކުދިންނަކީ ދިވެހި ރައްޔިތުންކަން ކަނޑައެޅުމުގައި ވެސް ދަތިތައް އެބަހުރި ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

"[އެއީ] އެ ކޮޅުގައި އެ ތިބި ތަނެއްގައި ލިބިފައި ތިބި ދަރިން. އެ މީހުންގެ އައިޑީ ކާޑެއް އެއްޗެއް ނޯންނާނެ. ދިވެހި ރައްޔިތުންކަން ކަނޑައަޅާ ސާބިތުކޮށްދެވޭނެ ގޮތެއް، އަޅުގަނޑުމެންގެ އުސޫލީ މިންގަނޑުގެ ތެރެއިން އެކަން ކުރެވޭނެ ގޮތެއް ވެސް އަޅުގަނޑުމެންނަށް އުނދަގޫވާނެ،" މަންސޫރު ވިދާޅުވި އެވެ.