Roadha Mihaaru
"އެ ކުދިން ތިބީ ޔަތީމުވެ، ހާލުގައި ޖެހިފައި"!

"އެ ކުދިން ތިބީ ޔަތީމުވެ، ހާލުގައި ޖެހިފައި"!

02 މެއި 2019

ދެކުނުގެ ރަށަކަށް ނިސްބަތްވާ، ދެމަފިރިން މާލޭގައި ދިރިއުޅެމުން އައީ އުފާވެރިކޮށެވެ؛ އާއިލާއާ ބަރާބަރަށް ގުޅުން ބޭއްވި އެވެ. ދެ ދަރިންނާ އެކު މީގެ ހަތަރު އަހަރު ކުރިން ސީރިއާ އަށް ފުރި ޚަބަރު އާއިލާ އަށް ލިބުނީ ހަމަ ކުއްލިއަކަށެވެ. އެ ހިތްދަތިކަން އިތުރަށް ބޮޑުވީ ސީރިޔާގައި ދެމަފިރިން މަރުވެ، ދަރިން ޔަތީމުވެ، ހާލުގައި ޖެހިފައިވާ ކަމަށް ލިބޭ މައުލޫމާތުތަކުންނެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ދެކުނުގެ ރަށަކަށް ނިސްބަތްވާ، ދެމަފިރިން މާލޭގައި ދިރިއުޅެމުން އައީ އުފާވެރިކޮށެވެ؛ އާއިލާއާ ބަރާބަރަށް ގުޅުން ބޭއްވި އެވެ. ދެ ދަރިންނާ އެކު މީގެ ހަތަރު އަހަރު ކުރިން ސީރިއާ އަށް ފުރި ޚަބަރު އާއިލާ އަށް ލިބުނީ ހަމަ ކުއްލިއަކަށެވެ. އެ ހިތްދަތިކަން އިތުރަށް ބޮޑުވީ ސީރިޔާގައި ދެމަފިރިން މަރުވެ، ދަރިން ޔަތީމުވެ، ހާލުގައި ޖެހިފައިވާ ކަމަށް ލިބޭ މައުލޫމާތުތަކުންނެވެ.

މިއީ، ސީރިއާގެ ކޭމްޕެއްގައި ހާލުގައި ޖެހިފައިވާ ލިސްޓެއް ސޯޝަލް މީޑިއާގައި އާއްމުވެފައިވާ އިރު، އެ ލިސްޓުގައި ހިމެނޭ އެއް އާއިލާގެ ވާހަކަ އެވެ.

މައުލޫމާތު އެނގޭ މީހަކު "މިހާރު" އަށް ކިޔައިދިން ގޮތުގައި އާއިލާ އަށް އޮޅުވާލައިގެން އެ ދެމަފިރިން ސީރިއާ އަށް ފުރިއިރު، ތިން ކުދިން ތިއްބެވެ. އެކޮޅުގައި ދެމަފިރިންނަށް އިތުރު ކުއްޖަކު ލިބުނެވެ.

ތަމްރީނަށް ފަހު، ހަނގުރާމަ އަށް ނުކުތުމާ އެކު ފިރިހެން މީހާ މީގެ ދެ އަހަރު ކުރިން މަރުވުމުން ދަރިން ބެލެހެއްޓީ، އަންހެނުންނެވެ. އެ މީހުން ތިބި ޓެންޓަށް ދިން ބޮމުގެ ހަމަލާއެއްގައި މީގެ ދެ މަސް ކުރިން އަންހެނުންނާއި ދެ ދަރިން މަރުވި ކަމުގެ މައުލޫމާތު އާއިލާ އަށް ވަނީ ލިބިފަ އެވެ.

"ސީރިއާގައި އުޅޭ އެހެން ދިވެހި އަންހެނެއްގެ ފަރާތުން އެނގުނީ ކުދިންގެ މަންމަ މަރުވި ކަން. ދުނިޔޭގައި ތިބި ދެ ކުދިން ބަލަހައްޓަނީ، ދިވެހި އެހެން އަންހެނެއް،" ނަން ނުޖަހާ ގޮތަށް "މިހާރު" އާ ވާހަކަ ދެއްކި މީހާ ކިޔައިދިނެވެ.

ސީރިއާގައި މިހާރު ތިބި ގިނަ ދިވެހިންނަށް ކުރިމަތިވެފައި ވަނީ އެ ހާލަތެވެ.

ސީރިއާގައި ތިބި ދިވެހިންގެ ބަޔަކު އަމާޒަށް ބަޑި ޖެހުމުގައި: އެތައް ބަޔަކު ވަނީ މަރުވެފައި -- ފޮޓޯ: ބިލާދު އަލް ޝާމް މީޑިއާ

ސީރިއާގައި ތިބި ދިވެހިންގެ ބަޔަކު އަމާޒަށް ބަޑި ޖެހުމުގައި: އެތައް ބަޔަކު ވަނީ މަރުވެފައި -- ފޮޓޯ: ބިލާދު އަލް ޝާމް މީޑިއާ

ބައެއް މީހުންގެ ފިރިން ވަނީ މަރުވެފަ އެވެ. ނުވަތަ ހައްޔަރުކޮށްފަ އެވެ. ސީރިއާގައި ތިބި ދިވެހިން، އާއިލާތަކަށް ފޮނުވަމުން ދިޔަ މައުލޫމާތު އޭގެ ތެރެއިން ބައެއް މީހުން ވަނީ، ކަމާ ގުޅޭ އިދާރާތަކާ ހިއްސާކޮށްފަ އެވެ.

އެނގިފައިވާ ގޮތުގައި، ސޯޝަލް މީޑިއާގައި އާއްމުކޮށްގެން އުޅެނީ، އާއިލާތަކުން ދިން މައުލޫމާތުތަކުގެ މައްޗަށް އެކުލަވާލާފައިވާ ސައްހަ ލިސްޓެކެވެ. އޭގެތެރެއިން ބައެއް މީހުން އެނބުރި ރާއްޖެ އަންނަން ބޭނުންވެ އެވެ.

"ކެއިން ބުއިމާއި ބޭސްފަރުވާ ކުރުމުގައި ދަތިތަކެއް ކުރިމަތިވެފައި ވަނީ. މިހާރު ވެސް ބަރާބަރަށް އާއިލާތަކަށް މެސެޖް ފޮނުވާ،" އެކަކު ބުންޏެވެ.

ސަރުކާރުގެ ރަސްމީ އިދާރާތަކަށް ލިބިފައިވާ މައުލޫމާތުތަކަށް ބިނާކޮށް، ނެޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރުން ބުނެފައިވާ ގޮތުގައި ހަނގުރާމަ އަށް ރާއްޖެއިން ދިޔައީ 61 ފިރިހެނުންނާއި އެ މީހުންގެ އަނބިންނާއި ދަރިންނެވެ. ސައްހަ އަދަދެއް ނޭނގެ އެވެ.

ރާއްޖެ ގެންނަން ދަތިތަކެއް!

ސީރިއާގައި ތިބި ދިވެހިންގެ ތެރެއިން އެއް ބަޔަކު އެނބުރި އަންނަން ބޭނުންވެ އެވެ. އެހީ އަށް ދިވެހި ސަރުކާރުގައި ވަނީ އެދިފަ އެވެ. އެކަމަކު އެ މީހުން އަނބުރާ ރާއްޖެ ގެނައުމާ މެދު އޮތީ ބަހުސެއް އުފެދިފަ އެވެ.

ބޭރު ގައުމުތަކުގައި ކުރާ ހަނގުރާމަތަކަކީ ޖިހާދެއް ނޫން ކަން، ދިވެހިރާއްޖޭގެ ފަތުވާ ކޮމިޓީން އާއްމުކޮށްފައި އޮއްވައި، އެ މީހުން ހަލާކުގެ ތެރެއަށް ވެއްޓުމުން ސަރުކާރުން އެހީވާން ޖެހޭތޯ ބައެއް މީހުން ދަނީ ސުވާލު އުފައްދަމުންނެވެ.

އާއިލާތަކުގެ ކަންބޮޑުވުމަކީ، އެ ބަހުސްގެ ތެރެއިން، ސަރުކާރުން އެ ކުދިން ރާއްޖެ ނުގެނެސްފާނެ ކަމުގެ ބިރެވެ.

"އެއީ، ޓެރަރިސްޓުންގެ ދަރިންނޭ. އެ މީހުން ގެނެސްގެން ނުވާނެ ކަމަށް ގޮވާލަމުން އެބަދޭ. މިއީ، އާއިލާތަކަށް ލިބޭ ހިތްދަތިކަމެއް،" އެކަކު ބުންޏެވެ.

އޭނާ ބުނިގޮތުގައި ރާއްޖެ އަންނަން ބޭނުންވާ މީހުން ގައުމަށް ގެނެސް، އެކަމަށް ކަނޑައަޅާފައި އޮތް އަދަބެއް ދޭންވީ އެވެ. އެކަމަކު ކުދިންތައް ހާލުގައި ޖެއްސުމަކީ އިންސާނިއްޔަތާ ޚިލާފު އަމަލެއް ކަމަށް ބައެއް މީހުން ދެކެ އެވެ.

އެކަމުގައި ސަރުކާރުން މާ ގިނަ ވާހަކަތަކެއް ނުދެއްކިއަސް، ދިވެހި ރައްޔިތުން ކަން ޔަގީންވާ ކުޑަކުދިންނަށް އެހީވުމުގެ މަސައްކަތް ނެޝެނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރުން ވަނީ ފަށައިފަ އެވެ.

އެކަމަކު އެ މީހުން ރާއްޖެ ގެނައުމަށް އޮތް ދައްޗަކީ، ކޮން ބައެއް ކަން އެނގޭނެ ފަދަ ލިޔެކިޔުންތައް ނެތުމެވެ. އެފަދަ ކުދިންނަކީ ދިވެހި ރައްޔިތުންކަން ކަނޑައެޅުމުގައި ވެސް ދަތިތައް އެބަހުރި ކަމަށް ކައުންޓާ ޓެރަރިޒަމް ސެންޓަރުން ބުނެފައިވެ އެވެ.

"[އެއީ] އެ ކޮޅުގައި އެ ތިބި ތަނެއްގައި ލިބިފައި ތިބި ދަރިން. އެ މީހުންގެ އައިޑީ ކާޑެއް އެއްޗެއް ނޯންނާނެ. ދިވެހި ރައްޔިތުންކަން ކަނޑައަޅާ ސާބިތުކޮށްދެވޭނެ ގޮތެއް، އަޅުގަނޑުމެންގެ އުސޫލީ މިންގަނޑުގެ ތެރެއިން އެކަން ކުރެވޭނެ ގޮތެއް ވެސް އަޅުގަނޑުމެންނަށް އުނދަގޫވާނެ،" އެންސީޓީސީގެ ޑިރެކްޓަ ޖެނެރަލް ބްރިގޭޑިއާ ޒަކަރިއްޔާ މަންސޫރު ވިދާޅުވެފައިވެ އެވެ.