Roadha Mihaaru
އެނބުރި އައިސް މެސީ އާޖެންޓީނާ މޮޅުކޮށްދީފި

އެނބުރި އައިސް މެސީ އާޖެންޓީނާ މޮޅުކޮށްދީފި

02 ސެޕްޓެމްބަރ 2016

ބީނޯސް އޭރީޒް، އާޖެންޓީނާ (ސެޕްޓެމްބަރު 2) - މިދިޔަ ޖޫން މަހު ކޮޕާ އެމެރިކާ ފައިނަލުގައި ޗިލީ އަތުން ބަލިވި މެޗަށް ގައުމީ ޓީމަށް ކުޅުން ހުއްޓާލި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ޓީމަށް އެނބުރި އައިސް ކުޅުނު ފުރަތަމަ މެޗުގައި ލަނޑު ޖަހައި އުރުގުއޭ އަތުން 1-0 އިން އާޖެންޓީނާ މޮޅުކޮށްދީފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ބީނޯސް އޭރީޒް، އާޖެންޓީނާ (ސެޕްޓެމްބަރު 2) - މިދިޔަ ޖޫން މަހު ކޮޕާ އެމެރިކާ ފައިނަލުގައި ޗިލީ އަތުން ބަލިވި މެޗަށް ގައުމީ ޓީމަށް ކުޅުން ހުއްޓާލި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ޓީމަށް އެނބުރި އައިސް ކުޅުނު ފުރަތަމަ މެޗުގައި ލަނޑު ޖަހައި އުރުގުއޭ އަތުން 1-0 އިން އާޖެންޓީނާ މޮޅުކޮށްދީފި އެވެ.

އަނިޔާގެ ސަބަބުން ރޭގެ މެޗުގައި މެސީ އަށް ނުކުޅެވޭނެ ކަމުގައި ކުރިން ބެލެވުނު ނަމަވެސް އޭނާ ވަނީ މި މެޗަށް އަރައި މޮޅު ކުޅުމެއް ދައްކައިދީފަ އެވެ. އާޖެންޓީނާގެ ސަޕޯޓަރުން ވަނީ މެސީ ގައުމީ ޓީމަށް އެނބުރި އައުމުން އޭނާ އަށް އޮތް ސަޕޯޓުން މުޅި ދަނޑުން ދައްކުވައިދީފަ އެވެ.

"ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާން ކުރުމުން ސަޕޯޓަރުންގެ ފަރާތުން ލިބުނު ސަޕޯޓަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. އަހަރެން ޓީމަށް ހުއްޓާލިކަން އިއުލާންކުރީ މަކަރު ހަދާކަށް ނޫން. އެއީ އެވަގުތަށް އަހަންނަށް އެންމެ ރަނގަޅު ނިންމުން. މިހާރު އަހަރެން މިހުރީ ޓީމުގައި އުފަލުން،" ރޭގެ މެޗަށް ފަހު މެސީ ބުންޏެވެ.

ރޭގެ މެޗަކީ އާޖެންޓީނާގެ އާ ކޯޗު އެޑްގާޑޯ ބުއާޒާ ޓީމާ ހަވާލުވި ފަހުން ކުޅުނު ފުރަތަމަ މެޗެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެސީ ކާމިޔާބުކުރީ މެޗުގެ 43 ވަނަ މިނިޓްގަ އެވެ. އެހެން ނަމަވެސް އާޖެންޓީނާ އަށް މެޗުގެ ދެ ވަނަ ހާފްގައި އުނދަގޫތަކެއް ކުރިމަތިވީ ފުރަތަމަ ހާފްގެ ފަހު މިނިޓްގައި އެ ޓީމުގެ ފޯވާޑް ޕައޮލޯ ޑީބަލާ އަށް ރަތް ކާޑު ދެއްކުމުންނެވެ. އާޖެންޓީނާ ވަނީ ދެ ވަނަ ހާފްގައި 10 ކުޅުންތެރިންނާ އެކު ރަނގަޅަށް ޑިފެންސްކޮށްފަ އެވެ.

މި މޮޅާ އެކު އާޖެންޓީނާ އޮތީ ދެކުނު އެމެރިކާގެ ވޯލްޑް ކަޕް ކޮލިފައިން ތާވަލުގެ އެއް ވަަނައިގަ އެވެ. ކުޅުނު ހަތް މެޗުން އެ ޓީމަށް ވަނީ 14 ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އޮތް އުރުގުއޭ އަށް ލިބިފައިވަނީ 13 ޕޮއިންޓެވެ.

އާޖެންޓީނާ ދެން ކުޅޭ މެޗުގައި އަންނަ އަންގާރަ ދުވަހު ނުކުންނާނީ ވެނެޒުއޭލާއާ ދެކޮޅަށެވެ.

ރޭ ބްރެޒިލް ވަނީ ރަށުންބޭރުގައި 3-0 އިން އެކުއެޑޯ ބަލިކޮށްފަ އެވެ. މިއީ އެކުއެޑޯގައި ކުޅުނު ކޮލިފައިން މެޗަކުން ބްރެޒިލް މޮޅުވި ފުރަތަމަ ފަހަރެވެ. މި މެޗުގައި ބްރެޒިލްގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ ގަބްރިއެލް ޖީސަސް އެވެ. އަނެއް ލަނޑު ކާމިޔާބުކުރީ ލިބުނު ޕެނަލްޓީ އަކުން ނޭމާ އެވެ.

ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު ކޮލަމްބިއާ ވަނީ 2-0 އިން ވެނެޒުއޭލާ ބަލިކޮށްފަ އެވެ. އަދި ޗިލީ އަތުން ޕެރަގުއޭ މޮޅުވީ 2-1 އިންނެވެ.