Roadha Mihaaru
ނޫސްވެރިން ފާރަވެރިވެ ކަންކަން ސަމާލުކަމަށް ގެންނަންޖެހޭ

ދައުލަތުގެ ކަންކަމަށް ނޫސްވެރިން ފާރަވެރިވެ، ރައްޔިތުންގެ ސަމާލުކަމަށް ގެނައުން މުހިންމު: އިމްރާން

03 މެއި 2019

ދައުލަތުގެ ކަންކަމަށް ނޫސްވެރިން ފާރަވެރިވެ، އެ ކަންތައްތައް ރައްޔިތުންގެ ސަމާލުކަމަށް ގެނައުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދައުލަތުގެ ކަންކަމަށް ނޫސްވެރިން ފާރަވެރިވެ، އެ ކަންތައްތައް ރައްޔިތުންގެ ސަމާލުކަމަށް ގެނައުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރަމުން އަންނަ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅުވައިގެން ނެރުއްވި ކުރު މެސެޖެއްގައި މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ ސިޔާސަތުތަކާ މެދު ރައްޔިތުންގެ ވިންދާއި ރޫހު ފެންނާނެ ގޮތަށް ރީތިކޮށް ލިޔެ، އަޑު އިއްވައި ދިނުމަކީ ސަރުކާރުން އެދޭ ގޮތް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، ސަރުކާރުގެ އަމާޒަކީ ނޫސްވެރިކަން ކުރިއަރުވައި ގައުމުގެ ތަރައްގީ އާއި ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރޭގައި ނޫސްވެރިންނަށް މިނިވަންކަމާ އެކު އެމީހުންގެ ދައުރު އަދާކުރެވޭނެ މާހައުލެއް ގާއިމް ކޮށްދިނުމެވެ.

"މިނިވަން ޑިމޮކްރެޓިކް ދައުލަތެއްގެ އެންމެ މުހިންމު އެއް މުއައްސަސާ އަކީ މިނިވަން މީޑިއާ. ރައްޔިތުންގެ ހައްގުތައް ފުރިހަމަ އަށް ކަށަވަރުވެފައި އޮންނަ، ހެޔޮވެރިކަމެއްގައި އެންމެ އަސާސީ ސިފަ އަކީ ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުވެފައި އޮތުން،" މިނިސްޓަރު އިމްރާންގެ އިތުރުން ހޯމް މިނިސްޓްރީން ނެރުނު މެސެޖުގައި ވެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅުމުން ކޮރަޕްޝަނާއި ފަސާދަ އާއންމުވެ ދައުލަތް ބޮއްސުންލީ ކަމަށް ވިދާޅުވެފަ އެވެ. އެމަނިކުފާނު ވަނީ ނޫސްވެރިކަމަށް ހުރަސް އެޅޭ ގޮތަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފާސްކުރި އަބުރުގެ ގާނޫނު ވެސް އުވާލައްވައިފަ އެވެ.

މި ސަރުކާރުން ނޫސްވެރިންގެ މިނިވަންކަން ހަނި ނުކުރާނެ ކަމުގެ ޔަގީންކަން ދެއްވަމުން ނޫސްވެރިންނަށް ދަތިކުރަން ގާނޫނުތަކެއް ނުހަދާނެ ކަމަށް ރައީސްގެ ހިތޯބުގައި މިއަދު ވިދާޅުވި އެވެ.