Roadha Mihaaru
މައުމޫން، ރޯދަމަހުގެ އިހްޔާ ޖަލްސާތައް މި އަހަރު ބާއްވަނީ

މައުމޫން، ރޯދަމަހުގެ އިހްޔާ ޖަލްސާތައް މި އަހަރު ބާއްވަނީ

05 މެއި 2019

ރޯދަ މަހުގެ ރޭތައް އިހްޔާ ކުރުމުގެ ޕްރޮގްރާމް މި އަހަރު ކުރިއަށް ގެންދަވާ ގޮތަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ނިންމަވައިފި އެވެ.

ރޯދަ މަހުގެ ރޭތައް އިހްޔާ ކުރުމުގެ ޕްރޮގްރާމް މި އަހަރު ކުރިއަށް ގެންދަވާ ގޮތަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ނިންމަވައިފި އެވެ.

މައުމޫން ފައުންޑޭޝަނުން ބާއްވާ އިހްޔާ ޖަލްސާތައް އޮންނާނީ މި މަހުގެ 14، 21 އަދި 28 ވަނަ ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގަ އެވެ. ފުރަތަމަ ޖަލްސާ އޮންނާނީ އަންނަ ހަފުތާގެ އަންގާރަ ދުވަހުގެ ރޭގަ އެވެ. މި ޖަލްސާތަކުގައި މައުމޫން ވާހަކަފުޅު ދައްކަވާނެ އެވެ.

ޖަލްސާތައް ފަށާނީ ރޭގަނޑު 10:00 ގަ އެވެ.

"ވީމާ މި ޖަލްސާ އަށް ވަޑައިގަތުމަށް ޝައުގުވެރިވެވަޑައިގަންނަވާ އެންމެހައި ބޭފުޅުން ޖަލްސާ އަށް ވަޑައިގަތުމަށް މި ފައުންޑޭޝަނުން ދައުވަތު އަރުވަމެވެ،" މައުމޫން ފައުންޑޭޝަނުން މިރޭ ނެރުނު ދެންނެވުމެއްގައި ވެ އެވެ.

ވެރިކަމުގައި ހޭދަކުރެއްވި 30 އަހަރުގެ މުއްދަތުގެ ތެރޭގައި ކޮންމެ އަހަރަކު ވެސް މައުމޫން ގެންދެވީ ރޯދަ މަހުގެ ރޭތައް އިހްޔާ ކުރުމުގެ ޕްރޮގްރާމް ބާއްވަވައި ދީނީ މައުލޫމާތު ދެއްވަމުންނެވެ. އަދި ވެރިކަމުން ވަކިވެވަޑައިގަތުމަށް ފަހު ވެސް މިދިޔަ އަހަރު ފިޔަވައި އެހެން ހުރިހާ އަހަރެއްގައި އެމަނިކުފާނު އެ ޕްރޮގްރާމްގެ ޖަލްސާތައް ބޭއްވެވި އެވެ.

އަދި، 2017 ވަނަ އަހަރު އާއިލީ ބޭނުންފުޅެއްގައި މައުމޫން ރާއްޖެ އިން ބޭރުގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވަން ޖެހިވަޑައިގަތުމުން އެ އަހަރު ބޭއްވެވުނީ އެންމެ ޖަލްސާ އެކެވެ.