Roadha Mihaaru
ދިވެހިން ބޭރު ގައުމުގައި ކުރަނީ ޖިހާދެކޭ ނުބުނެވޭނެ

ދިވެހިން އެހެން ގައުމަކަށް ގޮސް ކުރާ ހަނގުރާމައަކީ ޖިހާދެއް ނޫން: މައުމޫން

15 މެއި 2019

ދިވެހީން އެހެން ގައުމަކަށް ގޮސް ހަނގުރާމަކުރުމަކީ އެއްވެސް ހާލެއްގައި ޖިހާދެކޭ ނުބުނެވޭނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދިވެހީން އެހެން ގައުމަކަށް ގޮސް ހަނގުރާމަކުރުމަކީ އެއްވެސް ހާލެއްގައި ޖިހާދެކޭ ނުބުނެވޭނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ.

މައުމޫން ފައުންޑޭޝަނުން ބޭއްވި އިހްޔާ ޕްރޮގްރާމުގައި "އިސްލާމް އަދި ޖިހާދު"އާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ޖިހާދުކުރުމަކީ އެ ބައެއްގެ ގައުމުގައި ތިބެގެން ދީނާއި ގައުމުގެ ދިފާއުގައި ކުރާ ހަނގުރާމަ އަށް އިސްލާމްދީނުގައި ދީފައިވާ ނަމެއް ކަމަށެވެ. ކޮންމެ މުސްލިމަކަށް ވެސް ޖިހާދުކުރެވޭނީ އެ ބައެއްގެ އަމިއްލަ ގައުމުގައި ތިބެގެން ކަމަށާއި އެހެންވެ ދިވެހިން އެހެން ގައުމަކަށް ގޮސް ހަނގުރާމަކުރުމަކީ ޖިހާދުކުރުމެކޭ ނުބުނެވޭނެ ކަމަށެވެ.

ބޭރު ގައުމުގައި ކުރާ ހަނގުރާމައިގައި ބައިވެރިވުމަކީ ޖިހާދޭ ނުބުނެވޭނެ ކަމަށް މައުމޫން ވިދާޅުވިއިރު، ގިނަ އަދަދެއްގެ ދިވެހީން ދަނީ ސީރިޔާގައި ކުރާ ދާހިލީ ހަނގުރާމައިގައި ބައިވެރިވަމުންނެވެ. އެއް ބަޔަކު ހަނގުރާމައިގައި މަރުވެފައިވާއިރު އެ ގައުމުގައި އެތައް ދިވެހީންނެއް ޔަތީމުވެފައި ވެ އެވެ. އޭގެ ތެރެއިން ބައެއް މީހުން ގެނައުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އެ މީހުންގެ އާއިލާތަކުން ވަނީ ކަމާބެހޭ ފަރާތްތަކުގައި އެދިފަ އެވެ.

މައުމޫން ފައުންޑޭޝަނުން ރޭ ބޭއްވި އިހްޔާ ޕްރޮގްރާމުގައި ނައިބު ރައީސް ފައިސަލް ނަސީމާއި މައުމޫންގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މައުމޫން ފައުންޑޭޝަނުން ރޭ ބޭއްވި އިހްޔާ ޕްރޮގްރާމުގައި ނައިބު ރައީސް ފައިސަލް ނަސީމާއި މައުމޫންގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އެމަނިކުފާނު ވިދާޅުވީ ހިޖުރީގޮތުން ދެ ވަނަ އަހަރު ހަނގުރާމަކުރުމުގެ ހުއްދަ ދިނީ ވެސް އަމިއްލަ ދިފާއުގައި، އަމިއްލަ ވަޒަނާއި ދީނުގެ ދިފާއުގައި ބަޔަކު ހަމަލާދިނުމުން އެކަމުން ސަލާމަތްވުމަށްޓަކައި ކުރާ މަސައްކަތެއްގެ ގޮތުގައި ކަމަށެވެ.

"އިސްލާމްދީނުގައި ދިފާއުގައި ޖިހާދުކުރުން ވާޖިބު ވަނީ އަދުއްވުންގެ ބަޔަކު، މުސްލިމް ގައުމަކަށް އަރައިގަނެ މުސްލިމުންނާ ހަނގުރާމަކޮށް އެ މީހުން ނިކަމެތިކުރަން މަސައްކަތްކުރާ ހާލަތުގައި. އަމާންކަމާއި ސުލްހަ މަސަލަސްކަމާއެކު އަމިއްލަ ގައުމުގައި ތިއްބައި ގައުމަށް އަރައިގަނެ، ގެދޮރުން ނެރެލަން މަސައްކަތް ކޮށްފިއްޔާ އެ ޖެހުނީ ޖިހާދުކުރުމުގެ ވަގުތު. އެވަގުތު އެންމެން ނިކުމެ އެ މީހުން ބަލިކުރަންޖެހޭނެ،" ނައިބު ރައީސް ފައިސަލް ނަސީމާއި ގިނަ ވަޒީރުންތަކެއް ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މައުމޫން ވިދާޅުވި އެވެ.

ބަޔަކާ ދެކޮޅަށް އިސްވެ ހަނގުރާމަކުރުމަކީ އިސްލާމްދީނުގައި ހުއްދަކުރާ ކަމެއް ނޫން ކަމަށާއި އަމާންކަމާއެކު ދިރިއުޅެމުން ދަނިކޮށް އެއްވެސް ބޭނުމެއްގައި އެތަނަށް އަރައި ހަނގުރާމަކޮށްގެން ނުވާނެ ކަމަށް ވިދާޅުވި އެވެ. ދީން ކުރިއެރުވުމުގެ ނަމުގައި ވެސް ހަނގުރާމަކޮށްގެން ނުވާނެކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މައުމޫން ފައުންޑޭޝަނުން ރޭ ބޭއްވި އިހްޔާ ޕްރޮގްރާމުގައި، މަޖިލީހުގެ ކުރީގެ ރައީސް ސީނާ ޒާހިރު (މ) ބައިވެރިވެވަޑައިގަންނަވަނީ.--ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މައުމޫން ފައުންޑޭޝަނުން ރޭ ބޭއްވި އިހްޔާ ޕްރޮގްރާމުގައި، މަޖިލީހުގެ ކުރީގެ ރައީސް ސީނާ ޒާހިރު (މ) ބައިވެރިވެވަޑައިގަންނަވަނީ.--ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"ކޮންމެ މުސްލިމަކަށް ވެސް ޖިހާދުކުރެވޭނީ އެ މީހެއްގެ އަމިއްލަ ގައުމުގައި ތިބެގެން. މިސާލަކަށް އަދުއްވުންގެ ބަޔަކު ރާއްޖެ އަށް ހަމަލާދީ ހަނގުރާމަކުރަން ފަށައިފިނަމަ އަޅުގަނޑުމެންގެ އަމިއްލަ ނަފްސާއި ގައުމާއި ދީނުގެ ދިފާއުގައި ހަނގުރާމަކުރުން އަޅުގަނޑުމެންގެ މައްޗަށް ވާޖިބުވާނެ،" އިސްލާމީ މަރުކަޒުގައި ބޭއްވި ޕްރޮގްރާމުގައި މައުމޫން ވިދާޅުވި އެވެ.

"އެހެން ނަމަވެސް ދިވެހިން އެހެން ގައުމަކަށް ގޮސް ހަނގުރާމަކުރުމަކީ އެއްވެސް ހާލަތެއްގައި ޖިހާދުކުރުމެކޭ ނުބުނެވޭނެ. އެއީ އިސްލާމްދީނުގައި ޖިހާދުކުރުން ހުއްދަކުރައްވާފައި ދާއިރާއިން ބޭރު ކަމަކަށް ވާތީ."

މައުމޫން ފައުންޑޭޝަނުން މިރޭ ބޭއްވި އިހްޔާ ޕްރޮގްރާމުގައި މައުމޫން ވާހަކަފުޅުދައްކަވަނީ.--ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މައުމޫން ފައުންޑޭޝަނުން މިރޭ ބޭއްވި އިހްޔާ ޕްރޮގްރާމުގައި މައުމޫން ވާހަކަފުޅުދައްކަވަނީ.--ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އިސްލާމްދީނުގައި ހުއްދަކޮށްފައިވާ ހާލަތްތަކުގައި ހަނގުރާމަކުރާއިރު ވެސް ހިފަހައްޓަންޖެހޭ ވަރަށް މާތް ހަމަތަކަކާއި އުސޫލުތަކެއް ކަނޑައަޅުއްވާފައިވާ ކަމަށް ވިދާޅުވި އެވެ. މިސާލަކަށް ހަނގުރާމައިގައި، ހަނގުރާމަވެރި ނޫން މީހަކު މަރާލައިގެން ނުވާނެ ކަމަށް ވިދާޅުވި އެވެ. ވަކިން ހާއްސަކޮށް މުސްކުޅިންނާއި ބަލިމީހުންނާއި ކުޑަކުދިންނާއި އަންހެނުން މަރައިގެން ނުވާނެކަން ފާހަގަކުރެއްވި އެވެ.

އެއީ ތަރައްގީވެފައިވާ ޒަމާނުގައި ހިފަހައްޓަންޖެހޭ އުސޫލުތަކަށް ވުރެ މާތް އުސޫލުތަކެއް ކަމަށާއި އެކަމުން ވެސް އިސްލާމްދީނަކީ މުޅި އިންސާނިއްޔަތަށް ރަހުމަތެއް ކަމުގައި މާތްﷲ ބާވައިލައްވާފައިވާ ދީނެއްކަން ވަރަށް ރަނގަޅަށް ސާބިތުވާ ކަމަށް ވިދާޅުވި އެވެ.

އޭގެ އިތުރުން "ހެޔޮކަމާއި ތަގްވާގެ މައްސަރު" ގެ ނަމުގައި އެމަނިކުފާނު ވަނީ ފޮތެއް ވެސް ނެރުއްވައިފަ އެވެ.