Roadha Mihaaru

މައުމޫންގެ އަތުލިޔުއްވުމުގެ ފޮންޓެއް ނެރެނީ

ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމްގެ އަތުލިޔުއްވުމުގެ ޑިޖިޓަލް ފޮންޓެއް ނެރުމަށް ތައްޔާރުވެއްޖެ އެވެ.

މައުމޫންގެ އަތުލިޔުއްވުމުގެ ފޮންޓެއް ނެރެނީ
ނާޒިމް ހަސަން
ނާޒިމް ހަސަން

19 ފެބުރުއަރީ 2025

ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމްގެ އަތުލިޔުއްވުމުގެ ޑިޖިޓަލް ފޮންޓެއް ނެރުމަށް ތައްޔާރުވެއްޖެ އެވެ.

މައުމޫންގެ އަތުލިޔުއްވުމުގެ އަކުރުތަކުން މި ފޮންޓު ފަރުމާކުރީ ޒަމާނީ ގިނަ ތާނަ ފޮންޓުތަކެއް މިހާތަނަށް ފަރުމާ ކޮށްފައިވާ އަބްދުﷲ ޝަފީއު (އަބޯ) އެވެ. އޭނާއަކީ ޒަމާނީ ފޮންޓުތައް އެއް ޕްލެޓްފޯމަކުން ލިބޭ "އަކުރު ޓައިޕް" ގެ ޓައިޕް ޑިރެކްޓަރު ވެސް މެ އެވެ.

އަކުރު ޓައިޕާއި މައުމޫން ފައުންޑޭޝަން ގުޅިގެން "މައުމޫން" ފޮންޓު ނެރޭނީ އަންނަ ހުކުރު ދުވަހުގެ ރޭ ބާއްވާ ރަސްމިއްޔާތެއްގަ އެވެ. ބޮޑުތަކުރުފާނު މަގުގައި ހުންނަ އާޓް ގެލެރީގައި ބާއްވާ އެ ރަސްމިއްޔާތުގައި މައުމޫން ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ރަސްމިއްޔާތަށް ފަހު ހޮނިހިރު ދުވަހު އާންމުކޮށް ހުޅުވާލައިގެން "މައުމޫން" ފޮންޓަށް ހާއްސަ މައުރަޒެއް އާޓް ގެލަރީގައި ބާއްވަން ވަނީ ހަމަޖެހިފަ އެވެ. ހުކުރު ދުވަހު ފޮންޓު ތައާރަފް ކުރުމާ އެކު، އަކުރު ޓައިޕް ޕްލެޓްފޯމުން ފޮންޓުން ލިބެން ހުންނާނެ އެވެ.

އަބޯ ބުނިގޮތުގައި "މައުމޫން" ފޮންޓް ފަރުމާ ކުރުމަށްޓަކައި މައުމޫންގެ ގިނަ އަތު ލިޔުއްވުންތަކެއް ދިރާސާކުރި އެވެ. އެ މަނިކުފާނު ތާނަ އަކުރު ލިޔުއްވާ ގޮތާއި ވައްޓަފާޅި ހޯދައި ބެލި ކަމަށާއި އެ އަށް ފަހު ޒަމާނީ ފޮންޓެއް ތައްޔާރުކުރުމަށްޓަކައި އެންމެ އެކަށީގެންވާ އަކުރުތައް ހޮވި ކަމަށް އަބޯ ބުންޏެވެ.

މައުމޫންގެ އަތުލިޔުމުގެ ފޮންޓެއް ނެރުމަށް ވަނީ ތައްޔާރުވެފައި: މި ފޮންޓު ފަރުމާ ކޮށްފައިވަނީ އަބްދުﷲ ޝަފީއު - ފޮޓޯ: އިމްލީދު ހިލްމީ / އަކުރު ޓައިޕް

މައުމޫންގެ އަތުލިޔުމުގެ ފޮންޓެއް ނެރުމަށް ވަނީ ތައްޔާރުވެފައި: މި ފޮންޓު ފަރުމާ ކޮށްފައިވަނީ އަބްދުﷲ ޝަފީއު - ފޮޓޯ: އިމްލީދު ހިލްމީ / އަކުރު ޓައިޕް

"އަކުރުތައް ހޮވުމުގައި ސަމާލުކަން ދީފައިވާނީ އެންމެ ގިނައިން ލިޔުއްވާފައިވާ އެއްގޮތް އަކުރުތަކަށް އަދި ރައީސް މައުމޫންގެ ލިޔުއްވުމުގެ ވައްޓަފާޅި ނުގެއްލޭ ގޮތަށް ފޮންޓަށް އަކުރުތައް ހޮވުމަށް،" އަބޯ ބުންޏެވެ.

އޭނާ ބުނީ ފޮންޓަށް އަކުރުތައް ޑިޖިޓަލް ކުރުމުގެ ކުރިން އެކިއެކި ޖުމްލަތަކާ އެކު، އަކުރުތައް ޓެސްޓްކޮށް، އެއްވަރެއްގެ ބޯމިނުގައި އަކުރުތައް ފަރުމާކުރި ކަމަށެވެ. އޭގެ ފަހުން، ޑިޖިޓަލް އަކުރުތަކާ އެކު، ފޮންޓްގެ މަސައްކަތް ކުރިއަށް ގެންދިޔައީ އެވެ.

މައުމޫނާ އެކު، ބޭއްވި ބައްދަލުވުމުގައި އެ މަނިކުފާނު ދެއްވި ހިޔާލުފުޅުތަކަށް ބަލައިގެން ފޮންޓަށް ބައެއް ބަދަލުތައް ގެނެސް، ބައެއް އަކުރުތައް އިތުރު ކުރުމަށް ފަހު ފޮންޓް ފައިނަލްކުރި ކަމަށް އަބޯ ބުންޏެވެ.

ޒާމާނީ ގިނަ ފޮންޓުތަކެއް އެއް ޕްލެޓްފޯމަކުން ލިބޭ އަކުރު ޓައިޕް ޕްލެޓްފޯމް ލޯންޗުކޮށްފައިވަނީ މިދިޔަ އަހަރު އެވެ. އެކިއެކި އާޓިސްޓުންނަށް އެ މީހުންގެ ފޮންޓުތައް ވިއްކޭ ގޮތަށް ތައްޔާރު ކޮށްފައިވާ މި ޕްލެޓްފޯމްގައި ވިއްސަށް ވުރެ ގިނަ ފޮންޓު މިހާރު ވެސް ލިބެން އެބަހުއްޓެވެ.

އެ ޕްލެޓްފޯމްގައި އަބޯގެ ހިއްސާ އޮންނަ ކްރިއޭޓިވް ކޮމްޕެނީ "އެންކްރިއާ" ގެ ދިވެހި ޓައިޕް ފައުންޑަރީން މިހާތަނަށް 10 ފޮންޓެއް ފަރުމާކޮށް ނެރެފައި ވެ އެވެ.