Roadha Mihaaru
"ބާސާ ބަލިކުރަން ހުރިހާ ގޮތަކުން މަސައްކަތްކުރާނަން"

ބާސާ ބަލިކުރަން ހުރިހާ ގޮތަކުން މަސައްކަތްކުރާނަން: ކްލޮޕް

07 މެއި 2019

ލިވަޕޫލް (މެއި 7) - ޔުއެފާ ޗެމްޕިއަންސް ލިގުގެ ސެމީ ފައިނަލުގެ ދެ ވަނަ ލެގުގައި މިރޭ އަމިއްލަ ދަނޑުގައި ކުޅޭ މެޗުން ބާސެލޯނާ ބަލިކުރަން ހުރިހާ ގޮތަކުން މަސައްކަތްކުރަން ޖެހޭ ކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލިވަޕޫލް (މެއި 7) - ޔުއެފާ ޗެމްޕިއަންސް ލިގުގެ ސެމީ ފައިނަލުގެ ދެ ވަނަ ލެގުގައި މިރޭ އަމިއްލަ ދަނޑުގައި ކުޅޭ މެޗުން ބާސެލޯނާ ބަލިކުރަން ހުރިހާ ގޮތަކުން މަސައްކަތްކުރަން ޖެހޭ ކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

މިދިޔަ އަހަރުގެ ފައިނަލުން ބަލިވި ލިވަޕޫލް މި ފަހަރުގެ ފައިނަލުން ޖާގަ ހޯދަން ބޭނުންނަމަ މިރޭ ނަތީޖާ ނެރެން އެ ޓީމަށް ވަނީ މަޖުބޫރުވެފަ އެވެ. މިދިޔަ ހަފްތާގައި ބާސެލޯނާ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުން އެ ޓީމު މޮޅުވީ 3-0 އިންނެވެ. ލިވަޕޫލަށް ފައިނަލުގެ ޖާގައެއް ލިބޭނީ 4-0 ގެ ތަފާތަކުން މޮޅުވެގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ނިމޭއިރު 3-0 އިން ލިވަޕޫލް ކުރީގައި އޮވެއްޖެނަމަ އިތުރު ވަގުތުކުޅޭނެ އެވެ.

މިރޭގެ މެޗަށް ނުކުންނައިރު ލިވަޕޫލަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ އެ ޓީމުގެ ފުރަތަމަ އެގާރައިގައި ކުޅެމުން އަންނަ މުހިއްމު ދެ ފޯވާޑުންނަށް މި މެޗުގައި ނުކުޅެވުމެވެ. ބްރެޒިލްގެ ފޯވާޑް ރޮބާޓޯ ފިރްމީނޯގެ އުކުޅުވަޅަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ އަށް ކުރިން ވެސް މި މެޗުގައި ނުކުޅެވޭނެކަން ވަނީ ޔަގީންވެފަ އެވެ. މުހައްމަދު ސަލާހަށް މި މެޗުގައި ކުޅުމުގެ ފުރުސަތު ގެއްލުނީ ހޮނިހިރު ދުވަހު ނިއުކާސަލް ޔުނައިޓެޑް އަތުން މޮޅުވި މެޗުގައި ބޮލަށް ލިބުނު އަނިޔާއިން އޭނާ އެއްކޮށް ރަނގަޅުނުވާތީ އެވެ.

ލިވަޕޫލްގެ ކޯޗު ކްލޮޕް ބުނީ ފިރްމީނޯ އާއި ސަލާހަކީ ދުނިޔޭގެ އެންމެ މޮޅު ފޯވާޑުންގެ ތެރޭގައި ހިމެނޭ ދެ ކުޅުންތެރިން ކަމަށާއި އެ ފަދަ ދެ ކުޅުންތެރިން ނުލައި ބާސެލޯނާއާ ދެކޮޅަށް ނަތީޖާ ނެރެންޖެހޭ މެޗަކަށް ނުކުންނަން ޖެހޭނީ ލިބިފައި ހުރި ހުރިހާ ވަސީލަތެއްގެ ބޭނުން ހިފައިގެން ކަމަށެވެ.

"އަހަރެމެން ފައިނަލަށް ދާނަމަ އެބަޖެހޭ 90 މިނިޓް ތެރޭގައި ހަތަރު ގޯލު ޖަހަން. މިއީ މުހިއްމު ދެ ކުޅުންތެރިން ނުލައި ބުނެލެވޭހާ ފަސޭހައިން ވާނެ ކަމެއް ނޫން. އެކަމަކު އަހަރެމެންގެ 11 ކުޅުންތެރިން ދަނޑުމަތީގައި މަސައްކަތްކުރާނެ،" ކްލޮޕް ބުންޏެވެ.

"ސަޕޯޓަރުންގެ އެހީގައި ލިވަޕޫލުން ވަނީ އާދަޔާހިލާފު ހިތްވަރު ދައްކާފައި. އެކަން އިތުރަށް ދަންމާލަން މިއީ ފުރުސަތެއް. ސަޕޯޓަރުން ތިބެންވީ މާޔޫސްވެފައެއް ނޫން. ޓީމަށް އެހީވެދޭން ތައްޔާރަށް ތިބެންވީ،"

ބާސެލޯނާ އިން ތިން އަހަރަށް ފަހު ސެމީ ފައިނަލުގައި ފުރަތަމަ ފަހަރަށް ވާދަކުރާއިރު، މިރޭގެ މެޗަށް އެ ޓީމު ނުކުންނާނީ މިދިޔަ އަހަރުގެ ކުއާޓާ ފައިނަލުގެ ހިތި ތަޖުރިބާއިން އަރައިގަތުމުގެ އުއްމީދުގަ އެވެ. މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ބާސެލޯނާ ކެޓީ ފުރަތަމަ ލެގުގައި ބޮޑު ލީޑެއްގައި އޮއްވައި ދެ ވަނަ ލެގުގައި ރަށުންބޭރުގައި ތަފާތު ބޮޑުކޮށް ބަލިވެގެންނެވެ.

ޖެހިޖެހިގެން ދެ އަހަރު ބާސެލޯނާ އަށް ސްޕެނިޝް ލީގު ކާމިޔާބުކޮށްދީފައިވާ ވަލްވޭޑޭ ބުނީ ލިވަޕޫލަކީ އަމިއްލަ ދަނޑުގައި ތަފާތު ދައްކާ ޓީމެއް ކަމަށާއި މި މެޗުގައި ބާސެލޯނާ އަށް ހަމަނޭވައެއް ލެވޭނީ ލަނޑެއް ޖަހައިގެން ކަމަށެވެ.

"އަހަރެމެންނަށް އޮތް ފުރުސަތަކީ ޑިފެންސްކުރުމެއް ނޫން. ބޭނުމީ އެންމެ ލަނޑެއް ޖަހަން. އެ ހިސާބުން ލިވަޕޫލަށް އޮތް މަސައްކަތް ދެ ގުނަވާނެ. އަހަރެމެން ހަނދާނުގައި ބަހައްޓަންވީ ނަތީޖާ ނެރެން. ޑިފެންސްކުރާކަށެއް ނޫން،" ވަލްވޭޑޭ ބުންޏެވެ.

ބާސެލޯނާގެ ދެ ކުޅުންތެރިން ކަމަށްވާ ލުއިސް ސުއަރޭޒް އާއި ފިލިއްޕޭ ކުޓީނިއޯ އަށް މިރޭގެ މެޗު ހާއްސަވަނީ ލިވަޕޫލް ދޫކޮށްލި ފަހުން އެންފީލްޑްގައި ކުޅޭ ފުރަތަމަ މެޗު ކަމަށްވުމެވެ. ސުއަރޭޒް ބުނީ ލިވަޕޫލަކީ އޭނާގެ ކެރިއަރުގައި ހާއްސަވާނެ ކްލަބެއް ކަމަށާއި ގިނަ ކަންތައްތަކެއް ދަސްވެގެންދިޔަ ކަމަށެވެ. އަދި މިރޭގެ މެޗުގައި ލަނޑެއް ކާމިޔާބުކުރެވުނަސް އުފާފާޅުނުކުރާނެ ކަމަށް ބުންޏެވެ.

ލިވަޕޫލުގެ ދަނޑުގައި ކުޅޭ މި މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 12 ޖަހާއިރެވެ. ކިޔުންތެރިންގެ ނަޒަރުގައި މި މެޗުން މޮޅުވާނީ ކޮން ޓީމެއް ހެއްޔެވެ؟