Roadha Mihaaru
ބާސެލޯނާ ކަޓުވާލައި ލިވަޕޫލް ފައިނަލަށް!

ބާސެލޯނާ ކަޓުވާލައި ލިވަޕޫލް ފައިނަލަށް!

08 މެއި 2019

ލިވަޕޫލް (މެއި 8) - ފުރަތަމަ ލެގުން 3-0 އިން ބަލިވެފައިވަނިކޮށް ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ދެ ވަނަ ލެގުގައި ބާސެލޯނާ 4-0 ބަލިކޮށް ލިވަޕޫލް ޖެހިޖެހިގެން ދެ ވަނަ ފަހަރަށް މުބާރާތުގެ ފައިނަލުގެ ޖާގަ ހޯދައިފި އެވެ.

ލިވަޕޫލް (މެއި 8) - ފުރަތަމަ ލެގުން 3-0 އިން ބަލިވެފައިވަނިކޮށް ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ދެ ވަނަ ލެގުގައި ބާސެލޯނާ 4-0 ބަލިކޮށް ލިވަޕޫލް ޖެހިޖެހިގެން ދެ ވަނަ ފަހަރަށް މުބާރާތުގެ ފައިނަލުގެ ޖާގަ ހޯދައިފި އެވެ.

ފުރަތަމަ ލެގުގެ ނަތީޖާ އަނބުރާލުމަށް ލިވަޕޫލުން ވަނީ ތަފާތު މޮޅު ކުޅުމެއް މިރޭ ދައްކައިފަ އެވެ. މުހައްމަދު ސަލާހާއި ރޮބާޓޯ ފިރްމީނިއޯ އަދި ނަބީ ކެއިޓާ ނެތި ކުޅެ ވެސް އެ ޓީމުން ވެސް ފުރަތަމަ މިނެޓުން ފެށިގެން ހައި ޕްރެސިން ގޭމެއް ކުޅެ ބާސެލޯނާގެ މައްޗަށް ހުރި ގޮތަކުން ވެސް ކުރި ހޯދައިފަ އެވެ.

މިއީ ބާސެލޯނާ އަށް މިފަދަ ގޮތަށް ދިމާވި ޖެހިޖެހިގެން ދެ ވަނަ ސީޒަނެވެ. މިދިޔަ ސީޒަނުގެ ކުއާޓާ ފައިނަލުން އިޓަލީގެ ރޯމާ އަތުން ބާސެލޯނާ ކެޓީ ފުރަތަމަ ލެގުގައި ތިން ލަނޑުގެ ތަފާތުން މޮޅުވި ނަމަވެސް ދެ ވަނަ ލެގުގައި ރަށުން ބޭރުގައި ބޮޑު ތަފާތަކުން ބަލިވެގެންނެވެ.

މިދިޔަ އަހަރުގެ ފައިނަލުގައި ލިވަޕޫލް ބަލިވީ ރެއާލް މެޑްރިޑް އަތުން 3-1 އިންނެވެ. މި ފަހަރުގެ ފައިނަލުގައި ލިވަޕޫލާ ދެކޮޅަށް ކުޅޭ ޓީމެއް އެނގޭނީ ދެ ވަނަ ސެމީ ފައިނަލުގައި ނެދަލެންޑްސްގެ އަޔަކްސް އާއި އިންގްލެންޑްގެ ޓޮޓެންހަމް ކުޅޭ މެޗުންނެވެ. ޓޮޓެންހަމް ދަނޑުގައި ކުޅުނު ފުރަތަމަ ލެގުން އަޔަކްސް ވަނީ 1-0 އިން މޮޅުވެފަ އެވެ.

ރޭގެ މެޗުގެ ތެރެއިން ބާސެލޯނާގެ ކެޕްޓަން މެސީ. -- ފޮޓޯ: އޭއެފްޕީ

ރޭގެ މެޗުގެ ތެރެއިން ބާސެލޯނާގެ ކެޕްޓަން މެސީ. -- ފޮޓޯ: އޭއެފްޕީ

މިރޭގެ މެޗުގެ ހަތް ވަނަ މިނިޓްގައި ލިވަޕޫލަށް ލީޑުނަގައިދިނީ ޑިވޮކް އޮރީގީ އެވެ. ފުރަތަމަ ހާފުގައި ލަނޑު ޖަހަން ބާސެލޯނާގެ ފިލިއްޕޭ ކުޓީނިއޯ، ޖޯޑީ އަލްބާ އަދި ލިއޮނަލް މެސީ އަށް ރަނގަޅު ފުރުސަތުތަކެއް ލިބުނުއިރު، ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ ވަނީ އެ ހަމަލާތައް ހުއްޓުވަން މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ދެ ވަނަ ހާފަށް ލިވަޕޫލުން ނުކުތީ ބަދަލަކާ އެކު އެވެ. އެންޑީ ރޮބަޓްސަން އަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާގެ ބަދަލުގައި ނެދަލެންޑްސްގެ މިޑްފީލްޑަރު ޖިއޮޖީނިއޯ ވައިނަލްޑަމް ކުޅެން އެރި އެވެ. ވައިނަލްޑަމް ވަނީ ތިން މިނިޓް ތެރޭ ދެ ގޯލު ޖަހައިފަ އެވެ. ފުރަތަމަ ލަނޑު އަލެކްސެންޑަ އާނޯލްޑް ނަގައިދިން ހުރަހަކުން ޖެހިއިރު، އަނެއް ގޯލު ޖެހީ ޒެރްޑަން ޝަގީރީ ނެގި ހުރަހަކުން ބޮލުންނެވެ.

ލިވަޕޫލް ފައިނަލަށް ގެންގޮސްދިން ގޯލު ޖެހީ އޮރީގީ އެވެ. ލިބުނު ކޯނަރެއް އަވަސްކޮށްލުމަށް ފަހު އާނޯލްޑް ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ އޮރީގީ ވަނީ ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިފަ އެވެ. އެ ކޯނަރު އަވަސްކޮށްލިއިރު ބާސެލޯނާގެ ކުޅުންތެރިން ތިބީ އެހާ ބޮޑަށް ސަމާލުނުވެ އެވެ.

މެޗަށް ފަހު ބާސެލޯނާގެ ސަޕޯޓަރުން ވެސް ވަނީ ލިވަޕޫލުން ދެއްކި ކުޅުމަށް ތަރުހީބު ދީފަ އެވެ. އެ ޓީމުގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ބުނީ ދެ ހާފްގައި ވެސް ގޯސްކޮށްދިޔައީ ފެށުން ކަމަށާއި ބާސެލޯނާ އަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ވެސް ނުހިފުނު ކަމަށެވެ.

"މިއީ ވަރަށް ހިތްދަތި ބައްޔެއް. ސަޕޯޓަރުންނަށް ވެސް ކުޅުންތެރިންނަށް ވެސް މީގެ ހިތާމަ ބޮޑު. ލިވަޕޫލްގެ ހަތަރު ވަނަ ގޯލާ އެކު އަހަރެމެންނަށް ހުރިހާ ކަމެއް ގެއްލިއްޖެ،" ވަލްވޭޑޭ ބުންޏެވެ.

ރޭގެ މެޗަށް ފަހު ލިވަޕޫލްގެ ކުޅުންތެރިން އުފާފާޅުކުރަނީ. -- ފޮޓޯ: އޭއެފްޕީ

ރޭގެ މެޗަށް ފަހު ލިވަޕޫލްގެ ކުޅުންތެރިން އުފާފާޅުކުރަނީ. -- ފޮޓޯ: އޭއެފްޕީ

ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ މިއީ ހަމައެކަނި ޓީމު ދަނޑުމަތީގައި ކުރި ހިތްވަރު ނޫން ކަމަށާއި މުޅި ޓީމު އެކަތިގަނޑަކަށްވެގެން އެކުގައި ދެއްކި ތަފާތު ރޫހު ކަމަށެވެ.

"ކުރަންޖެހޭ ކަންތައް އެންމެ މިނިޓަކަށް ވެސް ހަނދާންނައްތާނުލައި އަހަރެމެން ވަރަށް ފުރިހަމަ އަށް ކުޅުނީ. ކުޅުންތެރިން ދަނޑުމަތީގައި އުފަލުން ރޮވިފައި ހުރި މަންޒަރު ފެނުމުން އަހަރެން ވަރަށް ހިތްހަމަ ޖެހުނު. އެއީ ކުރި މަސައްކަތުގެ ނަތީޖާ ލިބުމުން،" ކްލޮޕް ބުންޏެވެ.

މިއީ ފަސް ފަހަރު ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލާފައިވާ ލިވަޕޫލް މުބާރާތުގެ ފައިނަލު ކުޅޭ ނުވަ ވަނަ ފަހަރެވެ. ލިވަޕޫލަށް ވުރެ ގިނައިން ފައިނަލުގައި ކުޅުނީ ބަޔާން މިއުނިކާއި އޭސީ މިލާން އަދި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ރެއާލް މެޑްރިޑެވެ.