Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

09 މެއި 2019

ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަނުން ޕްރޮޑިއުސްކުރާ ފިލްމު "ޝޭރުޝާހް" ގެ ޝޫޓިން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަނުން ޕްރޮޑިއުސްކުރާ ފިލްމު "ޝޭރުޝާހް" ގެ ޝޫޓިން ފަށައިފި އެވެ.

ސިދާތު މަލްއުތުރާ އާއި ކިއާރާ އަދުވާނީ ލީޑް ރޯލް ކުޅޭ ފިލްމުގެ ޝޫޓިން އަންގާރަ ދުވަހު ރަސްމީކޮށް ފެށިކަން އޭގެ ޓީމުން ވަނީ ޓްވިޓާގައި ކަށަވަރުކޮށް ދީފަ އެވެ.

ވިޝްނޫ ވަރުދާން ޑައިރެކްޓް ކުރާ "ޝޭރްޝާހް" އަކީ އިންޑިއާގެ ކަރުގިލް ހަނގުރާމައިގެ ބަތަލު ކެޕްޓަން ވިކްރަމް ބަޓްރާގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. މި ފިލްމުގެ ވިކްރަމްގެ ރޯލު ސިދާތު ކުޅޭ އިރު، އޭނާ ވަނީ ފިލްމަށް ތައްޔާރުވުމުގެ ގޮތުން އަސްކަރީ ތަމްރީނުތަކެއް ވެސް ހަދައިފަ އެެވެ.

އަދި މި ފިލްމަކީ ސިދާތާއި ކިއާރާ އެކީގައި ފެނިގެން ދާނެ ފުރަތަމަ ފިލްމު ވެސް މެ އެވެ.

"ޝޭރުޝާހް" ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާންކޮށްފައި ނުވާ އިރު މިއީ އަންނަ އަހަރު ރިލީޒް ކުރާނެ ފިލްމެކެވެ.

އަނެއްކާ ވެސް "ސޮޓީ 2" ގެ ލަވައެއް

މާދަމާ ރިލީޒްކުރާ ފިލްމު "ސްޓޫޑަންޓް އޮފް ދި އިޔާ 2" ގެ އިތުރު ލަވައެއް އަނެއްކާ ވެސް ދައްކާލައިފި އެވެ.

މި ފަހަރު ބެލުންތެރިންނަށް ދޫކޮށްލީ "ޖަޓް ލޫދިޔާނޭ ދާ" ކިޔާ ލަވައެކެވެ. މި ލަވަ ވިޝާލް ދަދްލާނީ އާއި ޕާޔަލް ދޭވް ކިޔާފައިވާ އިރު، މިއުޒިކް ހަދާފައި ވަނީ ވިޝާލް-ޝޭކަރެވެ. އަދި ލަވައިގެ ޅެން ލިޔެފައި ވަނީ އަންވިތާ ދަތެވެ.

ޕުނީތު މަލްއުތުރާ ޑައިރެކްޓްކޮށްފައިވާ "ސްޓޫޑަންޓް އޮފް ދި އިޔާ 2" ގެ ތަރިންނަކީ ޓައިގާ ޝްރޮފާއި އަލަށް ތައާރަފުވާ އަނަންޔާ ޕާންޑޭ އާއި ތާރާ ސުތާރިއާ އެވެ.

އަދި ފިލްމުގެ ސަޕޯޓިން ރޯލަކުން "ތުމް ބިން 2" ފަދަ ފިލްމުތައް ކުޅުނު އަދިތިޔާ ސީލް ވެސް ފެނިގެން ދާނެ އެވެ.

ރަންބީރު ކްލޯތިން ލައިނެއް ލޯންޗް ކުރަނީ

ލޯބިވެރިޔާ އަދި ބަތަލާ އާލިއާ ބަޓް ވެސް އަމިއްލަ ކްލޯތިން ލައިނެއް ލޯންޗްކޮށްފައި ވަނިކޮށް ރަންބީރު ކަޕޫރް ވެސް ކްލޯތިން ލައިނެއް ލޯންޗް ކުރަން ތައްޔާރުވެއްޖެ އެވެ.

ފިލްމީ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި އަބަދު ވެސް ސްޓައިލިޝް އެކްޓަރެއްގެ ގޮތުގައި މަގުބޫލު ރަންބީރުގެ ކްލޯތިން ލައިންގެ ދަށުން ފިރިހެނުންނަށް ހާއްސަ އެންމެ މި ޒަމާނުގެ ގިނަ އުފެއްދުތަކެއް، އެކި ކަހަލަ ފަރުމާތަކުގައި ގެނެސް ދޭނެ އެވެ. އަދި ވަރަށް އަވަހަށް އޭތި ލޯންޗް ކުރާނެ އެވެ.

އާލިއާގެ ކްލޯތިން ލައިންގެ ނަމަކީ "ސްޓައިލް ކްރެކާ" އެވެ.

"ބާރަތު" ގެ މޭކިންގެ ތެރެއިން

ސަލްމާން ހާންގެ ހަޔާތުގެ އެކި ދުވަސްވަރު ދައްކުވައިދޭ ފިލްމު "ބާރަތު" ގައި ހިމެނޭ އޭނާގެ އެންމެ ޒުވާން ދުވަސްރުގެ ޓްރެކަށް ހާއްސަ ޗަރުކޭހުގެ މަންޒަރުތައް ފިލްމުގައި ނަގަން ކުރި މަސައްކަތް ދައްކުވައި ދޭ ވީޑިއޯއެއް ފިލްމުގެ ޓީމުން ހިއްސާކޮށްފި އެވެ.

އޭގައި ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު 1960 ގެ އަހަރުތަކުގެ ޗަރުކޭހެއް ބިނާކުރަން އެކަމަށް މަސައްކަތް ކުރި ޓީމާއި އަދި މަންޒަރުތައް ޝޫޓް ކުރަން ކުރި ބައެއް މަސައްކަތްތައް ހިމަނާފައިވެ އެވެ. ސަލްމާންގެ ޒުވާން ދުވަސްވަރުގެ ޓްްރެކްގައި އޭނާއާ އެކު ފެނިގެން ދާނީ ޑިޝާ ޕަޓްނީ އެވެ.

އަންނަ މަހުގެ 5 ގައި ރިލީޒް ކުރާ "ބާރަތު" ގެ ކާސްޓްގެ ތެރޭގައި ކެޓްރީނާ ކެއިފް، ތައްބޫ، ޖެކީ ޝްރޮފް، ނޯރާ ފަތެހީ އަދި ސުނިލް ގްރޯވާ ހިމެނެ އެވެ.

"ސްޓްރީޓް ޑާންސާ" ގައި 12 ލަވަ ހިމެނޭނެ

ރެމޯ ޑި ސޫޒާގެ އާ ޑާންސް ފިލްމު "ސްޓްރީޓް ޑާންސާ" ގައި ޖުމްލަ 12 ލަވަ ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އެކި ކަހަލަ ޑާންސް ފޯމްތަކާއި ޑާންސް ގްރޫޕްތަކެއްގެ މެދުގައި ހިނގާ ކުރިމަތިލުންތަކެއްގެ މައްޗަށް ބިނާކޮށް ހަދާ ފިލްމުގެ މަންޒަރުތަކެއް އިންޑިއާގެ ޕަންޖާބާއި އިނގިރޭސިވިލާތުގެ ލަންޑަނުގައި ނިންމައިލުމަށް ފަހު، ފިލްމުގެ ޓީމް މި ވަގުތު ތިބީ ދުބާއީގަ އެވެ.

"ސްޓްރީޓް ޑާންސާ" އަކީ 2015 ގައި ރިލީޒް ކުރި ޑާންސް ފިލްމު "އޭބީސީޑީ 2" އަށް ފަހު، ވަރުން ދަވަން އާއި ޝްރަދާ ކަޕޫރްގެ ޖޯޑު އެކީގައި ފެންނާނެ ދެވަނަ ފިލްމެވެ. މި ފިލްމުގެ ކާސްޓްގެ ތެރޭގައި ނޯރާ ފަތެހީ ވެސް ހިމެނެ އެވެ.

"ސްޓްރީޓް ޑާންސާ" ސިނަމާތަކަށް އަންނާނީ ނޮވެމްބަރު މަހުގެ 8 ގަ އެވެ.

"އިންޑިއާސް މޯސްޓް ވޯންޓެޑް" ގެ ލަވައެއް

މި މަހުގެ 24 ގައި ރިލީޒް ކުރާ އަރުޖުން ކަޕޫރްގެ ފިލްމު "އިންޑިއާސް މޯސްޓް ވޯންޓެޑް" ގެ ލަވައެއް ދައްކާލައިފި އެވެ.

ފިލްމުގެ ތެރެއިން ތީމް ލަވައެއްގެ ގޮތުގައި ފެނިގެން ދާ ލަވައިގެ ނަމަކީ "އަކޭލާ" އެވެ. މީގެ މިއުޒިކް އަމިތު ތުރިވޭދީ ހަދާފައި އިރު، ލަވަ ކިޔާފައި ވަނީ އަބިޖީތު ސްރިވަސްތާވް އެވެ. ލަވައިގެ ޅެން ލިޔެފައި ވަނީ އަމީތާބް ބަޓަޗަރިއާ އެވެ.

ރާޖްކުމާރު ގުޕްތާ ޑައިރެކްޓްކޮށްފައިވާ "އިންޑިއާސް މޯސްޓް ވޯންޓެޑް" އަކީ އިންޑިއާގެ ބޮޑެތި ކުށްވެރިންތަކެއް ހޯދަން ލޭ އޮހުރުވުމަކާ ނުލައި އިންޓެލިޖެންސް އޮފިސަަރުންތަކެއް ކުރާ މަސައްކަތްތައް ދައްކުވައިދޭ ފިލްމެކެވެ.